Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރުޅިގަނޑު ފަޅައިގެން ގޮސް، ޓެކްސީ ޑްރައިވަރުން ހަޅުތާލަކަށް

ރުޅިގަނޑު ފަޅައިގެން ގޮސް، ޓެކްސީ ޑްރައިވަރުން ހަޅުތާލަކަށް
މާލެ ސަރަހައްދުގައި ޓެކްސީ ދަތުރު ކުރަމުން އަންނަ ޑްރައިވަރުން ކަންބޮޑުވުންތަކަށް ސަރުކާރުން ސަމާލުކަން ނުދޭތީ ކަމަށް ބުނެ ޓެކްސީ ޑްރައިވަރުން ހަޅުތާލަށް ނިކުމެއްޖެއެވެ. ޓެކްސީ ދުއްވާ ގިނަ ފަރާތްތަކަކުން މި ވަގުތު ދަނީ ހުޅުމާލޭ ރުއްގަނޑު ސަރަހައްދަށް ޖަމާވަމުންނެވެ. އެ ސަރަހައްުދުގައި ހުރި ޓެކްސީ ޑްރައިވަރަކު "ދެން"އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، ކުރަމުންދާ ހަޅުތާލަކީ ޓެކްސީ ޑްރައިވަރުންގެ އަޑު ވެރިންނަށް އިއްވުމަށް ބޭއްވޭ ހަރަކާތެއް ކަމަށެވެ. "ޕެޓްރޯލްގެ އަގު އެހައި ބޮޑު، އައު ޓެކްސީއެއް ގަނެފިއްޔާ ގަރާޖް ސިޓީއެކޭ ކިޔައިފައި މީހަކަށް ލާރިގަނޑެއް ދޭން ޖެހޭ، ސިޓީ ކައުންސިލުން ޕާކިން ސްޕޮޓް ދޫކުރީ ހިތުހުރި ގޮތަކަށް" ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް ހިއްސާ ކުރަމުން އޭނާ ކިޔައިދިނެވެ. އޭނާ އިތުރަށް ބުނެފައި ވަނީ، ޓެކްސީ ޑްރައިވަރުންގެ ޝަކުވާތައް ސަރުކާރުން އަޑު އަހަން ޖެހޭ ކަމަށާއި، އުސޫލުތައް ވެސް ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ. "ޕްރައިވެޓް ކާރުތަކަށް ވެސް ރެޖިސްޓަރ ކުރެވިގެން ޓެކްސީ ކުރެވޭ، އެންމެ ރަނގަޅު، އެކަމަކު ޓެކްސީއަށް އޮންނަ އުސޫލެއް އެމީހުންނަށް ވެސް އޮންނަން ވާނެ. ސަންއެކްސް ޖަހައިގެން އެތެރެ ނުފެން ގޮތަށް ހުންނަ އެތައް ޕްރައިވެޓް ކާރެއް އެބަ އުޅޭ" އޭނާ ބުނީ، ޕްރައިވެޓް ކާރުތަކުގެ ސަބަބުން އެއަރޕޯޓުން ދަތުރު ލިބޭ މިންވަރު ޓެކްސީތަކަށް މަދު ކަމަށެވެ. އަދި ޓެކްސީ ޑްރައިވަރުންގެ މާލީ ހާލަތު ދުވަހެއް ދުވަހަކަށް ދަަށް ވަމުންދާ ކަމަށް އޭނާ ބުންޏެވެ. މި ރޭގެ ހަރަކާތާ ގުޅޭ ގޮތުން އޭނާ ބުނީ، މި ހަރަކާތަކީ ރޭވިގެން ކުރިޔަށް ދިޔަ ހަރަކާތެއް ނޫން ކަމަށާއި އެއަރޕޯޓް ސަރަހައްދުން ޓެކްސީ ޑްރައިވަރުންތަކެއް ބޭރުކޮށްލުމުން ފެށި ހަރަކާތެއް ކަމަށެވެ. އަދި ކަންބޮޑުވުންތަކަށް ހައްލު ލިބެންދެން ހަރަކާތް ކުރިޔަށް ގެންދިއުމަށް ނިންމައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "ފަތިސް ވިޔަސް، އަނެއް ދުވަހު އިރު އެރިޔަސް ތިބޭ ގޮތަށް މި ތިބީ. އަހަރެމެން ޖަވާބު ބޭނުން" އޭނާ ބުންޏެވެ. ޓެކްސީ ދަތުރުތަކުގެ އަގުތައް ބޮޑުކުރުމަށް އެދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ޑްރައިވަރުން މިއަދުވަނީ ސިޓީއެއް ފޮނުވައިފައެވެ. ޑްރައިވަރުން ފޮނުވި ސިޓީގައި ބުނެފައި ވަނީ މާލެ ސަރަހައްދުގެ ހުރިހާ ޓެކްސީ ސެންޓަރުގެ އިސްވެރިންނާއި، ޓެކްސީ ހިދުމަތުގެ ދާއިރާގެ ކަންތައްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް މީހުންނާ އެކީގައި މިިދިޔަ މަހު 22 ވަނަ ދުވަހު ހުޅުމާލޭގައި ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އެ ބައްދަލުވުމުގައި 16 ޓެކްސީ ސެންޓަރަކުން ބައިވެރިވެފައިވާ ކަމަށާއި ޕްރައިވެޓް ސެކްޓާއަކުން ޕަބްލިކް ހިދުމަތެއްގެ ގޮތުގައި ދެމުންގެންދާ ޓެކްސީ ހިދުމަތުގައި މީޓަރު ހަރުކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށާއި އަގު ކަނޑަ އެޅުމަށް، ހިދުމަތުގައި އުޅޭ ޑްރައިވަރުންނާއި މަޝްވަރާކޮށް، ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކުގެ އިހުތިޔާރުގެ ތެރެއަށް ލިބިގެންވާ ކަމަށް ހުރިހާ ޑްރައިވަރުންނާއި ހުރިހާ ޓެކްސީ ސެންޓަރުތަކުން ވެސް ގަބޫލުކުރާ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ. މީގެ އިތުރުން ޓެކްސީ ޚިދުމަތްތަކުގެ އަގަށް ބަދަލު ގެންނަން ޑްރައިވަރުން އަމިއްލައަށް ވަނީ ނިންމައިފައެވެ. އެހެން ނަމަވެސް، މިނިސްޓްރީން ފާސްކޮށް އިއުލާނުކޮށްފައިވާ އަގަށް ވުރެ ބޮޑު އަގު ނަގާ ފަރާތްތަކާ މެދު ޤާނޫނާ ޤަވާއިދުގައިވާ ގޮތަށް ފިޔަވަޅު އެޅޭނެ ކަމަށް މިނިސްޓްރީން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ޓެކްސީ ސެންޓަރުތަކުން ޚިދުމަތަށް ގެންނަން ނިންމި ބަދަލު:

  • މާލެ ސިޓީގެ އެތެރޭގެ ދަތުރެއް، 30 ރުފިޔާއަށް
  • ހުޅުމާލެ ފޭސް1 އަދި 2ގެ އެތެރޭގެ ދަތުރެއް، 25 ރުފިޔާއަށް
  • މާލެއިން ހުޅުމާލެއަށް، އަދި ހުޅުމާލެއިން މާލެއަށް ކުރާ ދަތުރެއް، 100 ރުފިޔާއަށް
  • މާލެ، ހުޅުމާލެއިން އެއާޕޯޓަށް، އަދި އެއާޕޯޓުން މާލެ، ހުޅުމާލެއަށް 80 ރުފިޔާއަށް
  • ހުޅުމާލެ ފޭސް2އިން މާލެއަށް، އަދި މާލެއިން ފޭސް2އަށް 120 ރުފިޔާއަށް
  • މާލެ، އަދި ހުޅުމާލެއިން ސީޕްލޭން ޓާމިނަލްއަށް، 100 ރުފިޔާއަށް
  • ހުޅުމާލެ ފޭސް2 އިން ސީޕްލޭން ޓާމިނަލްއަށް، 120 ރުފިޔާއަށް
  • ހުޅުމާލެ ފޭސް 1 އިން ފޭސް 2އަށް 40 ރުފިޔާއަށް

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް