Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އިންޑިއާއަށް އެތެރެވިޔަ ނުދީ ޝިއާން އެއަރޕޯޓްގައި ހިފެހެއްޓުން، ސަބަބު ބަޔާންކޮށެއް ނުދިން!

އިންޑިއާއަށް އެތެރެވިޔަ ނުދީ ޝިއާން އެއަރޕޯޓްގައި ހިފެހެއްޓުން، ސަބަބު ބަޔާންކޮށެއް ނުދިން!
މި މަހުގެ 7ވަނަ ދުވަހު އިންޑިއާގެ ވެރި ރަށް ނިއު ދިއްލީއަށް ހ. ހެދޭތުނޑި، ޝިއާން ޝަފީގް (ސިޔަޅޭ) ދަތުރުކުރީ، ބޭސްފަރުވާއެއް ކުރުމަށެވެ. ނަމަވެސް ދަތުރުގެ ވަކި ހިސާބަކުން، ވަރަށް ވެސް ހިތި ތަޖުރިބާއެއް ކުރުމަށް ފަހު އެ ޤައުމުން ޑީޕޯޓް ކޮށްލުމުން، މިއަދު މެންދުރު ފަހު 3:00 ހައިއިރު ޝިއާން ވަނީ އެނބުރި މާލެ އައިސްފައެވެ. އިންޑިއާގެ އެއާޕޯޓެއްގައި އޭނާއަށް ކުރިމަތިވި މި ހިތްދަތި ހާދިސާ "ދެން"އާ ހިއްސާ ކުރަމުން ޝިއާން ބުނީ ކޯޓުގައި އޮތް މައްސަލައެއް އެއިރު އެއްކޮށް ނުނިމި އޮތުމުން ނުފުރޭނެކަމަށް އެއާޕޯޓުން އޭނާ ގާތު ކުރިން ބުނި ކަމަށެވެ. ނަމަވެސް އެ މައްސަލަ މާރިޗު 6ވަނަ ދުވަހު ނިންމައި ޝިއާންއަށް ފުރޭނެ ކަމަށް ކޯޓުން ސިޓީއެއް ވެސް ދިނުމުން އޭނާ ރާއްޖެއިން ފުރީ ކަމަށް ޝިއާން ބުންޏެވެ. ޝިއާން ބުނި ގޮތުގައި އޭނާ ބެންގަލޫރަށް ދިޔައީ އިއްޔެ މެންދުރު 12:00ގައެވެ. ނަމަވެސް ބެންގަލޫރު އެއާޕޯޓުން އޭނާ ވަނީ އިއްޔެ ހިފަހައްޓައިފައެވެ. "ހިފަހައްޓައިފައި އަޅުގަނޑު ގާތުގައި ބުނީ ދިވެހި ސަރުކާރުން ބުނެގެންނޭ މި ހިފެހެއްޓީ. އަޅުގަނޑު ވަގުތުން ގުޅައިފިން ފޮރިން މިނިސްޓްރީއަށާއި ހުރިހާ ތަނަކަށް. ނިއުދިއްލީގައި ހުންނަ އެމްބަސީން އަޅުގަނޑަށް ގުޅި. އެކޮޅުން ގުޅި މީހާއާ އަޅުގަނޑު ދިޔައީ ކޯޑިނޭޓް ކުރަމުން." ޝިއާން ބުންޏެވެ. ޝިއާން ބުނީ އޭނާ އެ ވަގުތު އިނީ ބެންގަލޫރު އެއާޕޯޓުގެ އިމިގްރޭޝަން ހޯލްގައި ބައިންދައިފައި ކަމަށާއި އެމީހުން އޭނާއާ އެކި ސުވާލުތައް ކުރަމުން ދިޔަ ކަމަށެވެ.
އަޅުގަނޑާ ފުރަތަމަ ކުރި ސުވާލަކީ އެއްވެސް މުޒާހަރާއެއްގައި ބައިވެރިވީންތޯ. މޭޑޭގެ ވާހަކަ ވެސް ދެއްކި. ކޮން ޕާޓީއެއްތޯ ވެސް އެހި. ކުރިން އިންޑިއާއަށް އައިންތޯ ވެސް އެހި. އަޅުގަނޑު ބުނިން މީގެ ދެ އަހަރު ދުވަސް ކުރިން ދިޔައިމޭ އިންޑިއާގެ ބެންގަލޫރަށް، އަޅުގަނޑަށް އެތެރެ ވެސް ވެވުނޭ. އަޅުގަނޑަށް އެ ހިސާބުން އެނގުނު ދެން މިއީ ކޯޓުގެ އެއްވެސް މައްސަލައެއް ނޫންކަން.
ޝިއާން އިތުރަށް ބުނީ އޭނާ އެތެރެވިޔަ ނުދީ ހިފެހެއްޓުމަށް އެންގީ ރާއްޖޭގެ މުއައްސަސާއަކުން ކަމަށް އިންޑިއާގެ އިމިގްރޭޝަނުން ބުނި ކަމަށެވެ. އެ ފަދައިން އެންގީ ރާއްޖޭގެ އިމިގްރޭޝަނުން ކަމަށް ހީކުރި ކަމަށާއި އެހެން ހީކޮށްފައި ޝިއާންއާއި ނިއުދިއްލީގެ އެމްބަސީގައި ތިބި ބައެއް ބޭފުޅުން ވެސް އިމިގްރޭޝަނާ ކޯޑިނޭޓް ކޮށްގެން، އޭނާގެ އެއްވެސް މައްސަލައެއް ނެތް ކަމަށް އީމެއިލެއް އިމިގްރޭޝަނުން ފޮނުވި ކަމަށް ޝިއާން ބުންޏެވެ. ނަމަވެސް އޭގެ ފަހުން ވެސް ބެންގަލޫރު އެއާޕޯޓުން އެތެރެ ނުވެވުނު ކަމަށާއި އޭނާއަށް އެތެރެ ނުވެވޭނެ ކަމަށް ނިންމައިފައިވާ ކަމަށް ފަހުން އެމީހުން އެންގިކަމަށް ޝިއާން ބުންޏެވެ. އޭނާއަށް އެތެރެ ނުވެވެންވީ ކޮން ސަބަބަކާ ހެދިކަމެއް އަންގައިފައި ނުވާ ކަމަށާއި އޭނާ އެތެރެ ނުކުރުމަށް ރާއްޖެއިން އެންގީ ކޮން މުއައްސަސާއަކުން ކަމެއް އަންގައިފައި ނުވާ ކަމަށް ވެސް ޝިއާން ބުންޏެވެ. ވެގެން އުޅޭ ގޮތެއް އަންގައިދިނުމަށް ފަހުން ވެސް އެދުމުން އެމީހުންނަށް ނުބުނެވޭނެ ކަމަށް ބުނި ކަމަށް ވެސް ޝިއާން ބުންޏެވެ.
ދެން އިރުކޮޅެއް ކޮށްލައިފައި އަޅުގަނޑު ކައިރީގައި ބުނީ އެއްޗެއްގައި ސޮއި ކުރަން. އަޅުގަނޑު އެހިން ތިއީ ކޮންއެއްޗެއް ތޯއޭ. އެހީމަ ބުނީ އެޔެއް ނުދެއްކޭނޭ ކޮންއެއްޗެއް ކަމެއް، މީގަ ސޮއި ނުކޮށްފިއްޔާމު އަޅުގަނޑާ އެކީގައި ދިޔަ ކުއްޖާއާއި އަޅުގަނޑާ ދެމީހުން ވަކިވާނެ ކަމަށް. މަޖުބޫރީ ހާލަތުގައި އަޅުގަނޑަށް ޖެހުނީ އެމީހުން ދެއްކި އެއްޗެއްގައި ސޮއިކުރަން. އެމީހުން ހުރީ އޭގައި ލިޔެފައި ހުރި ބައި ނުފެންނަ ގޮތަށް އެ ބައިގައި އަތް އަޅައިގެން. އަޅުގަނޑަކަށް ނޭނގެ ސޮއި ކުރެވުނީ ކޮންއެއްޗެއްގައި ކަމެއް ވެސް. ފޯމެލިޓީސްއޭ ކިޔައިފައި އަޅުގަނޑުލައްވާ ސޮއި ކުރުވީ. އަޅުގަނޑު ހުރީ އެމީހުންގެ ހައްޔަރެއްގައި ކަމަށް ވާތީ އަޅުގަނޑަށް މަޖުބޫރުވާނެ ނޫންތޯ އޭގައި ސޮއި ކުރަން
ވެގެން އުޅޭ ގޮތެއް ކިޔައިދިނުމަށް އަނެއްކާ ވެސް އެދުމުން ބެންގަލޫރު އެއާޕޯޓުގެ އޮފިޝަލުން ބުނީ، އޭނާ ހިފެހެއްޓުމަށް އޯޑަރު ދިނީ ނިއުދިއްލީން ކަމަށެވެ. ދިއްލީގައި އޮތީ ޕޮލިސް އިންޓެލިޖެންސް ރިޕޯޓެއް ކަމަށް ޝިއާން ފަހުން ބެލިބެލުމުން އެނގުނު ކަމަށް ވެސް އޭނާ ބުންޏެވެ. ބެންގަލޫރު އެއާޕޯޓުގައި ހިފެހެއްޓުމަށް ފަހު، އޭނާއަށް ކާއެއްޗެއް އެމީހުން ދިނީ ރޭ 7:00ހައިއިރު ކަމަށާއި އޭގެ ފަހުން އޭނާ ގެންގޮސް ކޮޓަރިއަކަށްލީ ކަމަށް އޭނާ ބުންޏެވެ. އެ ތަނުގައި ހުރީ ސޯފާއަކާއި މޭޒަކާއި ފާޚާނާ އެކަނި ކަމަށާއި، ތަޅުވެސް ނުލެވޭ ކަމަށް ޝިއާން ބުންޏެވެ. އަދި އެ ތަނަށް ގެންދިޔަ ފަހުން ކާންބޯން ނުދޭ ކަމަށާއި، އެދުމުން ވެސް ފެންފޮދެއްހައި ހިސާބު ވެސް ނުދޭ ކަމަށް ޝިއާން ބުންޏެވެ. ޝިއާން އެނބުރި މާލެ ފޮނުވައިލީ އޭނާ އަތަށް އޭނާގެ ޕާސްޕޯޓު ވެސް ނުދީ ކަމަށާއި، އޭނާއަށް ޕާސްޕޯޓު ލިބުނީ މާލޭ އައިފަހުން އިމިގްރޭޝަނުން ކަމަށް ވެސް ޝިއާން ބުންޏެވެ. ޝިއާންއަށް ދިމާވި މި ހާދިސާއާ ގުޅިގެން "ދެން"އިން ސުވާލު ކުރުމުން ފޮރިން މިނިސްޓްރީން ވިދާޅުވީ، އެހެން ޤައުމަކަށް އެތެރެވުމާ މެދު ގޮތެއް ނިންމާނީ އެ ޤައުމެއްގެ އިމިގްރޭޝަނުން ކަމަށާއި އެއީ ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކަށް އެއްވެސް ބާރެއް ފޯރުވޭނެ ކަމެއް ނޫން ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް