Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކުރެންދޫ ދާއިރާގެ ގޮނޑި ޢަބްދުލްޣަނީއަށް ގެއްލިއްޖެ!

ކުރެންދޫ ދާއިރާގެ ގޮނޑި ޢަބްދުލްޣަނީއަށް ގެއްލިއްޖެ!

ރައްޔިތުން މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަނީ އެލިއާ ގުރޫޕަށް 455،368.05 ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވާ ހުކުމް ހައިކޯޓުން ވެސް ދަމަހައްޓައިފިއެވެ.

މިއާ އެކު ޢަބްދުލްޣަނީގެ ގޮނޑިއާ މެދު ވަނީ ސުވާލު އުފެދިފައެވެ. ޤާނޫނު އަސާސީގެ 73ވަނަ މާއްދާގެ ށ.ގައި ބަޔާންކޮށްފައިވާ މެމްބަރުކަމުން ވަކިވާ ޙާލަތްތަކުގެ ތެރޭގައި "އަދާކުރާން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުން" ބަޔާން ކޮށްފައި ވެއެވެ.

ޢަބްދުލްޣަނީގެ މައްސަލައަކީ އޭނާގެ މެނޭޖިންގ ޑިރެކްޓަރކަމުގެ ދަށުގައި އޮންނަ ލޮގް ވުޑް މޯލްޑިވްސްއާއި އެލިއާ އިންވެސްޓްމަންޓާ ދެމެދު ވެވިފައިވާ "ޑެޓް ސެޓްލްމަންޓް އެގްރީމެންޓް"ގައިވާ ގޮތަށް ފައިސާ ނުދައްކާތީ އެ ފައިސާ ހޯދުމަށް އެލިއާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. ސިވިލް ކޯޓުން މި މައްސަލައިގައި ލޮގް ވުޑް މޯލްޑިވްސްއާއި ޢަބްދުލްޣަނީގެ މައްޗަށް ހުކުމްކޮށްފައި ވަނީ އެ އެގްރީމެންޓްގެ ދަށުން އެލިއާއަށް ދައްކަން ޖެހޭ 455،368.05ރުފިޔާއަކީ ލޮގް ވުޑް މޯލްޑިވްސްއާއި އެ މުއާމަލާތަށް ގެރެންޓީ ދީފައިވާ ފަރާތުގެ ހައިސިއްޔަތުން ޢަބްދުލްޣަނީ ދައްކަން ޖެހޭ ފައިސާކަން ޝަރީޢަތަށް ސާބިތުވާ ކަމަށާއި އެ ފައިސާ 17 އޮކްޓޫބަރު 2019އިން ފެށިގެން މީލާދީ 5 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.

Advertisement
Ooredoo — Truecaller (box)

ސިވިލް ކޯޓުން ކުރި މި ޙުކުމާ އެއްގޮތަށް ފައިސާ ނުދައްކަވައި ޢަބްދުލްޣަނީގެ ފަރާތުން މި މައްސަލަ ހައިކޯޓްގައި ވަނީ އިސްތިއުނާފްކޮށްފައެވެ. އިސްތިއުނާފްގައި އެ ފަރާތުން ފާހަގަ ކުރެއްވި ހަމައެކަނި ނުކުތާއަކީ "ސެޓްލްމަންޓް އެގްރީމެންޓް"ގައި ޢަބްދުލްޣަނީ ގެރެންޓީ ދެއްވައިފައި ވަނީ ލޮގް ވުޑް މޯލްޑިވްސް ތަމްސީލްކޮށް ކަމަށާއި އެއީ އަމިއްލަ ގޮތުން ދެއްވި ދެއްވި ގެރެންޓީއެއް ނޫން ކަމަށެވެ.

ނަމަވެސް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްޔެ ނިންމެވި މި މައްސަލައިގައި ފަނޑިޔާރުން ނިންމަވައިފައި ވަނީ މައްސަލައިގައި ހުށަހެޅި ލިޔުންތަކަށް ބަލާއިރު ޢަބްދުލްޣަނީ ގެރެންޓީ ދީފައި އޮތީ ފަރުދީގޮތުން އެ ފައިސާއަށް ޒިންމާވާނޭކަމަށް ޔަގީންކަން ދީ އެ ފަދައިން އެއްބަސްވެގެންކަން އެނގެން އޮންނަ ކަމަށެވެ.

"އާންމު އުސޫލުން ކުންފުންޏަކީ އެ ކުންފުނީގެ މެމްބަރުންނާއި ވަކިން އުފެދިފައިވާ ޤާނޫނީ ޝަޚްސެކެވެ. އެހެންކަމުން ކުންފުންޏެއްގެ ޑިރެކްޓަރުންނަކީ އޭނާގެ ކުންފުނީގެ ދަރަންޏަށް ފަރުދީ ގޮތުން ޒިންމާވާން ޖެހޭ ފަރާތެއް ނޫނެވެ. އެހެން ނަމަވެސް މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، ޚުސޫމާތު އުފެދިގެން އުޅޭ އެއްބަސްވުމުގައި އިސްތިއުނާފްކުރާ ފަރާތުން އެއްބަސްވުމުގައި ބައިވެރިވެފައި ވަނީ ކުންފުނީގެ ޑިރެކްޓަރެއްގެ ހައިސިއްޔަތަކުން ނޫން ކަން ވަރަށް ވެސް ސާފުކޮށް އެނގެއެވެ. އިސްތިއުނާފު ކުރާ ފަރާތުން އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ ފައިސާއަށް ގެރެންޓީ ދީފައި ވަނީ ފަރުދީ ގޮތުން އެ ފައިސާއަށް ޒިންމާވާނޭ ކަމަށް ޔަޤީންކަން ދީ އެފަދައިން އެއްބަސްވެގެންކަން އެނގެން އޮވެއެވެ." ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާއާއި ފަނޑިޔާރު މުޙައްމަދު ފައިސަލް އަދި ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް އިއްތިފާގުން ކުރެއްވި ހުކުމްގައި ވެއެވެ.

މި ފަދަ މައްސަލަތަކުގައި މީގެ ކުރީން ވެސް ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑި ގެއްލިފައި ވެއެވެ. މެމްބަރެއްގެ ގޮނޑިއާ މެދު ސުވާލު އުފެދިއްޖެ ނަމަ އެކަން ނިންމަވާނީ ސްޕްރީމް ކޯޓުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް