ވާހަކަ މުނިފޫހިފިލުވުން

ކުރުވާހަކަ:އިންޓަވިއު(ފަހުބައި)

ލަޠީފާ ޢަދުނާން ، ދެން އޮންލައިން

އިންޓަވިއު/ފުރަތަމަ ބައި

Ads by STELCO

'ކުރިއަށް ކުރިއަށް.' ކުޅިގަނޑުން މިހައިތަނަށް ބަލިވެއްޖެކަން އިހްސާސްވީ ކަންނޭނގެއެވެ. ސިނގިރޭޓެއް ނަގައި ރޯކޮށްލީ ޖެނީއަށް ކިތަންމެ އުނދަގޫ ވިޔަސް ހެޔޮ ކަމަށެވެ. ސިގިރޭޓު ބޯން އިނދެގެން ޖެނީގެ ވާހަކަ އަޑު އަހަން ގޮނޑީގައި ހަމަޖެހިލިއެވެ. މުޅި ހަށިގަނޑަށް ހީވީ އަރާމު ކިޔާއެއްޗެއްގެ ބަސްތާއެއް އޮއްސައިލިހެންނެވެ.

ދުންތަކުގެ ސަބަބުން ކިތަންމެ އުނދަގޫ ވިޔަސް، ޖެނީ ބޭނުންވީ އިންޓަވިއުއައިގެން ކުރިއަށް ދާށެވެ. މިހާރު ދޫކޮށްލައިފައި ދެވޭ ވަރަށް ވުރެ މާ އަޑިއަށް ފީނިއްޖެއެވެ.

'އަހަރެން ބޭނުންވީ އަހަރެން ލޯބިކުރާ ކަންތައް އެއީ އަހަރެންނަށް ވެސް އަދި އެހެން މީހުންނަށް ވެސް މަންފާ ކުރާ ކަހަލަ ކަމަކަށް ހަދަން. އެކަމަކު އެކަނި އަހަރެންނަކަށް އެކަމެއް ނުވީސް. އަހަރެންގެ ނީނދޭ އެހައި ދުރު ވިސްނުމެއް އަދި އެއްވެސް ކަހަލަ ބިޒްނަސް މައިންޑްސެޓެއް. އެ ކަނެކްޝަންތަކާއި އަހަރެންގެ ވިޝަންއެއް އުފައްދައިދޭން މަސައްކަތް ކޮށްދިނީ އަހަރެންގެ ބެސްޓީ އަދި ފިރިމީހާ. ފުރަތަމަ ފޮތް ލިޔުނީ ލާރި ހޯދުމުގެ ގޮތުން. އެއީ އަހަރެން ކުރަން ބޭނުންވާ ކަންތައްތައް ކުރުމަށް ކޮށުނު މަގެއް. ފުރަތަމަ ލިޔުނު ވާހަކައިގެ ސޭލްސްއިން އިންވެސްޓް ކޮށްގެން އަހަރެމެންގެ ކޮންޕެނީ އުފެއްދީ. އަދި ކޮންޕެނީގައި ލިޔުންތެރިކަމުގެ ކުޑައިގެ ދަށުން ވަރަށް ބައިވަރު ކަންކަން ހުންނާނެ. އަދި ކޮންމެ ކަމަކުން ވެސް ކޮންމެ ވެސް ބަޔަކަށް އެހީއެއް ލިބޭ ކަހަލަ ގޮތަކަށް ރާވައިފައި އޮންނާނީ. ކޮންޕެނީގެ ތެރެއިން އެތައް ބަޔަކަށް ހިލޭ ސާބަހަށް ވެސް މަސައްކަތް ކޮށްދީފައި ހުންނާނެ. މިސާލަކަށް ލިޔުމަށް ލޯބިކުރާ މީހުންނަށް އިތުރަށް ކުރިއަށް ދެވިދާނެ ފުރުސަތުތައް ހޯދައިދިނުން. ލިޔުންތެރިކަން ރަނގަޅު އާމްދަނީއެއް ހޯދިދާނެ ކެރިއަރއަކަށް ހަދާނެ ގޮތް ދަސްކޮށްދިނުން. ޅެންވެރިކަމުގެ ކްލަބެއް އުފައްދައި، މުޖުތަމައުގައި ހުންނަ މައްސަލަތަކަށް ޅެން ބަހުރުވަ މެދުވެރިއެއްގެ ގޮތުގައި ބޭނުން ކޮށްގެން، އެޑްރެސްކޮށް، މީހުންނަށް އެ ކަންކަމާ ބެހޭ ގޮތުން ހޭލުންތެރިކަން ފޯރުކޮށްދިނުން.'

ފެން ފޮދެއް ބޯލުމަށް ޓަކައި މެދު ކަނޑާލުމަށް ފަހު އަނެއްކާ ވެސް ޖެނީ ކުރިއަށް ގެންދިޔައެވެ. 'ލިޔުންތެރިއެއްގެ ހައިސިއްޔަތުން އަހަރެން ބުނާނީ އަހަރެން ބަދަލެއް ނުވޭ. ތަރައްގީތަކަކާއި ތަފާތުތަކެއް ހަގީގަތުގައި އަހަންނަކަށް ނާދެއޭ. އޭރު ވެސް މިހާރު ވެސް އަހަރެން ހަމަ ލިޔަނީ. އެކަމަކު އަހަރެން ބަދަލުވީ ބިޒްނަސް ވުމަންއަކަށް. ރައިޓާއެއްގެ ގޮތުގައި މިހާރު ވެސް މިހުރީ، އަދި އަބަދުވެސް ހުންނާނީ. ސޯ އައި ގެސް ދެޓް އާންސާޒް ޔުއޯ ކުއެސްޝަން؟'

ފަޒީލަށް ކުޅުމުގެ ފުރުސަތު ޖެނީ ދިނެވެ. އަދި ދެން އޮތް ސުވާލަށް އިންތިޒާރު ކޮށްގެން އިނެވެ. 'ވަޓް ޑަޒް ދަ ފިއުޗާ ލުކް ލައިކް ފޯ ޔޫ؟ ދަރިއަކު ހޯދާކަށް ނޫޅެންތަ؟ އާއިލާއެއް ފައްޓާކަށް ނޫޅެންތަ؟ އަންހެނަކަށްވެ ހުރެ އެހާ ގިނަ ދުވަހު މަޑު ކުރާކަށް ނުވާނެދޯ.' ހުސްވެފައިވާ ސިނގިރޭޓު ބަޓް އަޅިކެނޑީގެ ތެރެއަށް ފިއްތައިލުމަށް ފަހު ވަރުގަދަ ބެލުމަކުން ޖެނީގެ މޫނަށް ފަޒީލް ބަލަން އިނެވެ. އިންޓަވިއު ފެށުނު އިރު ރީތިކޮށް ވާހަކަ ދެއްކި ފަޒީލް މިހާރު މުޅިން ތަފާތު ވެފައިވާ ފަދައެވެ. ޖެނީއަކަށް މިކަމެއް އަލެއް ނޫނެވެ. ނަމަވެސް މިއަދުގެ އިންޓަވިއުގައި ފަޒީލްގެ މި ސިފަ ނުފެނި ނިންމައިލެވިދާނެ ކަމުގައި އުއްމީދު ކުރެވުނީތީ މޮޔަ ހީވިއެވެ.

'ދަރިއަކު ހޯދުމާ ބެހޭ ގޮތުން އެއްޗެއް ބުނާކަށް ނެތިން. އެކަމަކު ފްރީ އެޑްވައިސްއެއް ދީފާނަން. އަންހެނަކު ކައިރި ތިހެން އަހާއިރު އެ ބެހެވެނީ އަސްލު ތިމާއާ ނުބެހޭ ކަމަކާ. އެހެން އަހާއިރު އެ އަތްލެވެނީ މީހެއްގެ ރޯފާރުގަނޑެއްގައި ކަމަށް ވެސް ވެދާނެ. އެތައް އަންހެނުންނެއް ދަރިން ލިބުމުގެ އުއްމީދުގައި އެކަމަކު އެ ހުވަފެން ހަގީގަތަކަށް ނުވެގެން އެތައް އަހަރަކު ވޭން ތަހައްމަލު ކުރަން ޖެހޭ. ތިކަހަލަ ސުވާލުތަކަށް ޖަވާބުދީދީ އެމީހުން ތިބެނީ ވަރުބަލިވެފައި. ބައްޔަށް ވުރެ ވެސް ވޭން ބޮޑު ތި ކަހަލަ ސުވާލުތަކާއި ޖަޖްމެންޓަލް ލޯތަކާ ހުރެ. އެހެންވީމާ މީގެ ފަހުން އަންހެނަކާ ނުވަތަ ފިރިހެނަކާ ވިޔަސް ތި ސުވާލު ނުކުރުން އެދެން. ވަރަށް ގާތް މީހަކު ވެއްޖެއްޔާ ސީރިއަސްކޮށް އެހިދާނެ. އެކަމަކު ދިސް އިޒް ނޮޓް އޯކޭ.

އަނެއް ވާހަކައަކީ، އައި ހޭވް އަ ފެމިލީ. ދެމަފިރިއަކު ފެމިލީއަކަށް ބަދަލު ވާނީ ދަރިއަކު ލިބުނީމަ އެކަންޏެއް ނޫން. އަހަރެންގެ މަންމައާއި އާއިލާގައި ދެން ތިބި މީހުން ވެސް އެއީ ހަމަ ފެމިލީ. އަހަރެންގެ ބެސްޓީ އިޒް އޯލްސޯ ފެމިލީ. ހީކުރަން އެސުވާލަށް ޖަވާބު ދެވިއްޖެކަމަށް. ދެން އޮތް ސުވާލައިގެން ވެސް ކުރިއަށް ދާނަން.

އަހަރެން އުއްމީދު ކުރަނީ އަހަރެންނާއި ލިޔުންތެރިކަމާ ދޭތެރެއަށް މީހަކު ނާންނާނެކަމަށް. އަހަރެންގެ ސޯލްއަކީ ލިޔުންތެރިއެއް. އެހެންވީމާ އަހަރެން ލިޔުން ހުއްޓައިލާން ޖެހިއްޖެއްޔާ، އަހަރެންގެ ހަށިގަނޑު ދިރިހުއްޓާ މީހުންނަށް ފެނުނަސް އަހަރެން ވާނީ މަރުވެފައިވާ ސޯލްއަކަށް. އެހެންވީމާ ދިރިއުޅުމުގެ ކިތަންމެ ކަންތައްތަކެއް ބަދަލުވެގެން ދިޔަސް، އެކަން ބަދަލުވާކަށް އަހަރެން ނޭދެން. މިހާރު ރާއްޖެއިން ބޭރަށް އަހަރެން ފުރަން މި އުޅެނީ ޓީމާ އެކު އަހަރެމެން މަސައްކަތް ކުރަމުންދާ ޕްރޮޖެކްޓަކަށް. އެކަމަކު އެއާ ބެހޭ ގޮތުން ޕަބްލިކަށް މައުލޫމާތު ދެވޭކަށް ނެތް. އެއީ އަދި ސީކްރެޓެއް.' ޖެނީ މި ފަހަރު ވާހަކަ ހުއްޓައިލައިފައި ހިނިތުންވުމެއް ވެސް ދައްކައެއް ނުލިއެވެ. އޭނާ ބޭނުންވީ އަވަަހަށް ފަޒީލާ ވީ އެންމެ ދުރެއްވެ، ގެއަށް ގޮސް ސިނގިރޭޓު ވަސްގަނޑު ހިފައިފައިވާ ހެދުންތައް ބާލައި އުކައިލާށެވެ.

ފަޒީލް އިނީ ބަސް ހުއްޓިފައެވެ. ދެމީހުންގެ ދޭތެރޭގައިވީ ޓެންޝަން ވަޅިއަކުން ކަފައިލެވޭހައި ވެސް ގަދަވެއްޖެއެވެ. 'ޝުކުރިއްޔާ ވަރަށް ބޮޑަށް އެހައި ބިޒީކޮށް އުޅެމުން ވެސް ވަގުތުކޮޅެއް ދިނީތީ. އެކަމަކު އަދި އެބައޮތް އެއް ސުވާލު. އެކަމަކު މި ފޮތުގައި އޮތް ސުވާލެއް ނޫން އެއީކީ. އެކްޗުއަލީ މި ފޮތަކު ނެތް އެއްވެސް ސުވާލެއް. މާއިލްގެ ފޮތެއް މީ. އެކަމަކު ޖެނީއާ ކުރަން ހުރި ސުވާލުތައް އަހަރެންނަކަށް ނުއެއް ފެނުނު.' އެހެން ބުނެ ފޮތުގެ ހުޅުވައިފައިވާ ހުސް ގަނޑު ޖެނީއަށް ފަޒީލް ދައްކައިލިއެވެ. ފޮތް ލައްޕައިފައި ފަޒީލް ބޭއްވީ ސިންގާއެއްގެ ކިބުރުވެރިކަމާ އެކުގައެވެ. ޖެނީއަށް ބޮޑު އޮޅުވައިލުމެއް އޮޅުވައިލައި އެ ކުރެވުނު ކަންތަކުގެ މޮޅުކަން އެނގި ތިމަންނައަށް ތިމަންނަ ފެނިފައި ހުންނަ ކަހަލަ ގޮތަކަށެވެ.

ޖެނީގެ މޫނުމަތިން ފެނުނީ ފޫހިކަމެވެ. މިއޮއް ހުރިހާ އަހަރު ފަޒީލާ ދުރުގައި އޭނާ ފެންނަ ހިސާބަށް ވެސް ނުގޮސް ހުރީ ކީއްވެގެންކަން އޭނާ ހަނދާންވިއެވެ. އަދި އެ ނެގުނީ ރަނގަޅު ފިޔަވަޅެއްކަން އަމިއްލަ ނަފްސަށް ޔަގީންވިއެވެ.

ހަމަހިމޭންކަން ގެއްލުވައިލީ އަނެއްކާ ވެސް ފަޒީލެވެ. 'އަހަރެން މި ތަނަށް އައިސް ފުރަތަމަ ވެސް ހެދީ ދޮގު. އަމް ނޮޓް އިވަން ސޮރީ.' އެހެން ބުނެފައި ފަޒީލް ހިނިގަނޑެއް ޖަހައިލިއެވެ. އަހަންނަށް މާއިލް ޖެނީއާ އިންޓަވިއު ކުރަން އުޅޭކަން އެނގުނީމާ އަހަރެން ބޭނުންވީ ޖެނީއާ ވާހަކަ ދައްކައިލާން. މިއޮއް ހުރިހާ އަހަރުވީ އިރު އެންމެ ފުރުސަތެއް ވެސް އަހަރެންނަކަށް ނުދެމެއްނު؟' ފަޒީލް ޝަހާދަތް އިނގިލި ނަގައިގެން ޖެނީއާ ދިމާލަށް ބަލަން އިނެވެ. ޖެނީ މާފަށް އެދޭނޭކަމުގެ އިންތިޒާރުގައެވެ. ނަމަވެސް ޖެނީގެ ފަރާތުން އެއްވެސް ރެސްޕޮންސެއް ނުލިބުމުން، ފަޒީލް ކުރިއަށް ވުރެ މަޑުން އެކަމަކު ޖެނީއާ ކައިރިއަށް ޖެހިލުމަށް ފަހު އެންމެ ފަހު ސުވާލު ކުރިއެވެ.

'އެހެންވީމަ ބުނެބަލަ. އަހަރެން ކައިރިން ވަރިވެގެން އެހެން މީހެއް ގާތަށް ތި ވަދެ އޮންނަނީ، އަހަރެންނަށް ވުރެ އޭނާ ވަކި ކުޅަދާނަތަ؟ ފިރިހެންވަންތަތަ؟ އަބަދު ފޮތާއި ގަލަމާ ހިފައިގެން އޮންނަ މީހަކު ކައިރިއަށް އަންނަން އޭނަ ބޭނުންވޭތަ؟ ޖެނީގެ ފަރާތުން އަހަރެން ބޭނުންވި ކަންކަން އޭނާ ބޭނުމެއް ނުވޭތަ؟ އަހަރެން ޖެނީގެ ލިޔުންތެރިކަން ހުއްޓުވީއޭ ބުނާއިރު، އަހަރެން ގޭގައި ނޫޅޭ ވަގުތު ނުލިޔުނީ ކީއްވެ؟ ކީއްވެ އަހަރެން ހަމަ ގެއަށް އަންނަ އިރަށް ލިޔަންވީ؟ ދަންވަރު ހޭލާ އިނދެގެން ވެސް ލިޔަނީ ހަމަ ހުސް އަލިފު؟ ސިހުރު ހާހޫރަ ހަދާތޯ އަހަރެން ސުވާލު ނުކުރިކަން ރަނގަޅެއްނު؟ ސިކުނޑީގައި މައްސަލައެއް ނުޖެހޭ ނަމަ އެ ވަރަށް މީހަކު ލިޔާނެތަ؟ ޖެނީ ހީކުރީ މުޅި ދުނިޔެއަށް އޮލުވައިލެވޭނޭ ކަމަށްތަ؟ އަހަރެންގެ ވާހަކަ މީހުންނަށް ތި ކިޔައިދިން ގޮތަށް ކިޔައިދިނީމަ އަހަރެން އެއްޗެކޭ ނުބުނެ ހުންނާނެ ކަމަށްތަ؟'

ފަޒީލް ކިޔާނެ އެއްޗެއް ކިޔަންދެން ޖެނީ އަޅައިވެސް ނުލައި އަޑުއަހަން އިނެވެ. އަދި ފަޒީލްގެ އަލިފާން ރޯވެފައިވާ މޫނާ ޖެނީ ވެސް ގާތްވެލުމަށް ފަހު އެ ސުވާލުތަކަށް ޖަވާބުދޭން އަތުކުރި އޮޅައިލިއެވެ.

'އެންމެ ސުވާލެކޭނު ބުނީ؟ އެކަމަކު ދެން އޯކޭ. އަހަރެންނަށް އެނގޭ ފަޒީލް ހިސާބަށް އެހައި މޮޅު ނޫންކަން. ސޯ އިޓްސް އޯކޭ. ތި ހުރިހާ ސުވާލަކަށް ޖަވާބު ދޭން ކުޑަކޮށް އުނދަގޫ އެކަމަކު އަލް ޓްރައި. އަހަރެން ހިއެއް ނުކުރަން މުޅި ދުނިޔެއަށް އަހަރެންނަށް އޮޅުވައިލެވިދާނެ ކަމަކަށް. އަމް ޖަސްޓް ޓެލިން މައި ސްޓޯރީ. ލައިކް ޔޫ ސެޑް. އިޓްސް މައި ސްޓޯރީ ދޯ. ފަޒީލްގެ ސައިޑް އޮފް ދަ ސްޓޯރީ ކިޔައިދޭން ބޭނުމިއްޔާ ހަމަ ކުރިއަށް ދާންވީ. އަހަރެން އަޅައި ވެސް ނުލާނަން. އެއްވެސް މައްސަލައެއް ނެތް. ދެން ކުރި ސުވާލުތަކަށް ޖަވާބު ދިނުން މުހިންމު ކަމަކަށް އަހަންނަކަށް ނުފެނޭ. އަހަރެންގެ ދިރިއުޅުމަށް އައިސް އަހަރެންގެ އަމިއްލަ ނަފްސަށް ނަޒަރު ހިންގައި އަމިއްލަ ނަފްސު ދެނެގަތުމަށް މަޖުބޫރުކޮށްދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ. ފަޒީލާ އިނދެގެން އަހަންނަށް ފަޒީލް ދިން ހުރިހައި ހިތާމައަކާއި ވޭނަށް އަހަރެން ހެޔޮހިތުން މައާފްކޮށްފިން. އަހަރެން ދެން ގޮސްލީ.'

މިހެން ބުނުމަށް ފަހު ޖެނީ ދަބަހުން ވޮލެޓް ނަގައި ބިލް ހޯލްޑަރަށް ފައިސާލައިފައި އެ ތަނުން ހިނގައްޖެއެވެ. ފަޒީލް އައި ރުޅީގައި ތެދުވެ މޭޒު އެއްލައިލެވުނެވެ. ކެފޭގައި ތިބި އެންމެންގެ ނަޒަރު ފަޒީލަށް އަމާޒުވެއްޖެއެވެ. ފަޒީލަށް ނޭވާ ލާން އުނދަގޫވި ކަހަލައެވެ. ސިނގިރޭޓެއް ނަގައި ރޯކޮށްލުމަށް ފަހު އަވަސް ހިނގުމެއްގައި ކެފޭއިން ނުކުތުމަށް މިސްރާބު ޖެހީ ފެށި ގަނޑުން ހަމަ ރަނގަޅަށް ވެސް ބަލިވެގެންނެވެ.

(ނިމުނީ)

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!