ފޭލުވަމުންދާތީ އެންމެ ފަހުގެ ޓެސްޓަށް ކަންފަތުގައި އިންދީ ބްލޫޓޫތު ޑިވައިސްއެއް!
މަހާތުމާގާންދީ މެމޯރިއަލް މެޑިކަލް ކޮލެޖްގައި މެޑިސިންގެ ޓެސްޓް ހަދަމުން ދިޔަ ދަރިވަރަކު ކަންފަތުގައި އިންދައިފައިވާ ބުލޫޓޫތު ޑިވައިސްއެއް ބޭނުންކޮށްގެން މަކަރުހެދިކަން ފަޅައިއަރައިފިއެވެ.
އިންޑިއާގެ މީޑިއާތައް ބުނެފައިވާ ގޮތުގައި އެ ދަރިވަރަކީ ޕްރައިވެޓް މެޑިކަލް ކޮލެޖެއްގައި ކިޔަވަމުން ދިޔަ ދަރިވަރަކެވެ. އަދި މީގެ 11 އަހަރުކުރީން ކޮލެޖާ ގުޅުނު އެ ދަރިވަރު ފޭލުވަމުންދާތީ މި މަކަރު ހަދައިފައި ވަނީ އޭނާއަށް ކުރިއަށްދާން ލިބުނު ފަހު ފުރުސަތުގެ ބޭނުން ހިފުމަށެވެ.
ޚަބަރުތައް ބުނާ ގޮތުގައި އޭނާ ވަނީ ކަރުންމަތީގެ ޑޮކްޓަރެއް ލައްވައި ކަންފަތާ އެއްކުލައަކުން ކުލަޖައްސައިފައިވާ ކުޑަކުޑަ ބުލޫޓޫތު ޑިވައިސްއެއް ކަންފަތުގައި އިންދައިފައެވެ. އަދި ލައިގެން ހުރި ފަޓްލޫނުގެ އެތެރޭގައި ހަރުކޮށްފައިވާ ޖީބަކަށް ފޯން ލައި ، ފޯނާއި ބުލޫޓޫތު ބެހެއްޓީ ގުޅުވައިފައެވެ. އެއާ އެކު އޭނާ ދިޔައީ ސުވާލުތަކުގެ ޖަވާބު ފޯނުން އަޑު އަހަމުންނެވެ.
މިކަމާ ގުޅިގެން މީޑިއާއާ ވާހަކަ ދެއްކި މަހާތަމާގާންދީ މެމޯރިއަލް މެޑިކަލް ކޮލެޖްގެ ޑީން ސަންޖޭ ޑިކްސިޓް ބުނެފައި ވަނީ މަކަރުހެދި ދަރިވަރުގެ އެ އަމަލު ފަޅައިއެރިީ "ސަޕްރައިޒް ޗެކެއްގެ ތެރެއިން"ކަމަށެވެ.
"އެހެން 13 ދަރިވަރުންނާ އެކު އެ ދަރިވަރު ވެސް ދިޔައީ ޖެނެރަލް މެޑިސިންގެ ޓެސްޓް ހަދަމުން ، ދޭވީ އަހްލިޔާ ބައި ޔުނިވަރސިޓީގެ ޓީމެއް ކުއްލިއަކަށް އައީ ސަޕްރައިޒް ޗެކަކަށް، އޭގެ ތެރެއިން ،(މައިކްރޯފޯން ބޭނުންކުރި) ދެކުއްޖަކު ފެނިފައި ވަނީ" ޑިކްސިޓް ބުނެފައި ވެއެވެ.
މިކަން ފަޅައިއެރުމުން ޓެސްޓް ބަލަހައްޓާ މީހުން ވަނީ އެ ދެކުދީންގެ އަތުން ކަރުދާސް އަތުލައި ޓެސްޓް ހަދަމުންދިޔަ މަރުކަޒުން ބޭރުކޮށްފައެވެ. މެޑިކަލް ކޮލެޖުން މިހާރު ދަނީ ކަމާ ގުޅޭ ތަހުގީގެއް ހިންގަމުންނެވެ. އަދި އެ ތަހުގީގަށް ބަލައި މައްސަލަ ފުލުހަށް ހުށަހަޅާނެ ކަމަށް އެ ކޮލެޖުން ބުނެފައި ވެއެވެ.
އިންޑިއާގައި މިފަދަ ހާދިސާތަކަކީ ވަރަށް އާންމު ހާދިސާތަކެކެވެ. ޓެސްޓްތަކުގައި ކޮޕީކޮށްދިނުމަށް އެހީތެރިވުމަކީ ވެސް އެ ގައުމުގައި ބޮޑު ވިޔަފާރިއެކެވެ. އެ ގޮތުން މަދްޔަ ޕްރަދޭޝްގައި ހިނގި މިފަދަ ބޮޑު އޮޅުވައިލުންގަނޑެއް ވަނީ ފެންމަތިވެފައެވެ. 2008އިން ފެށިގެން 2013އާ ދެމެދު ހިންގި އެ ވިޔަފާރީގައި ޓެސްޓް ޕޭޕަރު ލީކްކޮށް ވިއްކުމާއި ނަތީޖާ ޝީޓް ބަދަލުކުރުމާއި ދަރިވަރުގެ ބަދަލުގައި އޮޅުވައިލައިގެން އެހެން މީހަކު ޓެސްޓަށް ފޮނުވައި ޓެސްޓް ހެއްދުން ހިމެނެއެވެ. އެ މައްސަލަ ފަޅައިއަރައި މައްސަލަ ބެލި އިންޑިއާގެ ސްޕްރީމް ކޯޓުން ވަނީ 634 ޑޮކްޓަރެއްގެ ލައިސަންސް ބާތިލްކޮށްފައެވެ.