ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތް: ރައީސް ދެއްވާ ޚާއްސަ އިނާމު ހަވާލުކޮށްދެއްވައިފި

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން އިންތިޒާމުކޮށް ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ލިބޭ ފަރާތްތަކަށް އެ މަނިކުފާނު އިނާމު ހަވާލުކޮށްދެއްވައިފިއެވެ.
އެ މަނިކުފާނު މި އިނާމުތައް ހަވާލުކޮށްދެއްވީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ 34ވަނަ ޤައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ މުޅި މުބާރާތުން ބަލައިގެން އަދި ނުބަލާ ކިޔެވުމުގެ ބައިން އެއްވަނައަށާއި މުބާރާތުގެ ޙާފިޡުންގެ ގޮފިން އެއްވަނައަށާއި މުޅި މުބާރާތުން އެއްވަނަ އަދި މުޅި މުބާރާތުން އެއްވަނަ މުއައްސަސާއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ހަވާލުކޮށްދެއްވައިފައެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ 34ވަނަ ޤައުމީ މުބާރާތް (2021) ކުރިޔަށްގެންދިޔައީ ވަރޗުއަލްކޮށެވެ. އެގޮތުން ބަލައިގެން ކިޔެވުމުގެ ބައި ކުރިޔަށްގެންދިޔައީ ބައިވެރިން ކިޔަވަން ބޭނުންވާ ތަން ރެކޯޑްކޮށް، އެ ވީޑިއޯ ޕޯޓަލްއަކަށް އަޕްލޯޑްކޮށްގެންނެވެ.
ނުބަލާ ކިޔެވުމުގެ ބައި ކުރިޔަށްގެންދިޔައީ ޒޫމް މެދުވެރިކޮށް ލައިވްކޮށެވެ. މުބާރާތް ކުރިޔަށްގެންދިޔައީ 6 އުމުރު ފުރާއަކަށް ބަހައިލައިގެން މައިގަނޑު 3 ބަޔަކުން ވާދަކުރެވޭގޮތަށެވެ.
އެ ބައިތަކަކީ ބަލައިގެން ކިޔެވުމުގެ ބަޔާއި ނުބަލައި ކިޔެވުމުގެ ބަޔާއި ޙާފިޡުންގެ ބައެވެ. މުޅި ރާއްޖެއަށް އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ވެސް ބައިވެރިވެވޭގޮތަށް ކުރިޔަށްގެންދިޔަ މި މުބާރާތުގައި ޖުމްލަ 1700 ބައިވެރިން ބައިވެރިވި އިރު އޭގެތެރޭގައި 98 މުއައްސަސާއަކުން ބައިވެރިވި ބައިވެރިން ވެސް ހިމެނެއެވެ.