މަޙްލޫފްގެ މައްސަލަ: ދަށު ކޯޓުގައި ދައްކައިފައި ނުވާ ޗެޓްލޮގްތަކަކާ މެދު ސުވާލު
މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތު ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލައިފައިވާ ރިޝްވަތު ހިފުމުގެ ދައުވާގައި ދައުލަތުން ދަށު ކޯޓުގައި ދައްކައިފައި ނުވާ ވައިބާ ޗެޓުލޮގްތަކަކާ ގުޅިގެން ހައިކޯޓުން ދައުލަތާ މިއަދު ގިނަ ސުވާލުތަކެއް ކޮށްފިއެވެ.
މަހްލޫފްގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ދައުލަތުން ވަނީ ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފު ކޮށްފައެވެ. މައްސަލައިގެ އަޑުއެހުންތައް މިމަހުގެ 13ވަނަ ދުވަހު ހައިކޯޓުން ނިންމައިލައިފައިވީ ނަމަވެސް ދިރާސާކުރަން ޖެހޭ ބައެއް ކަންކަން ހުރުމުން ހައިކޯޓުން މިއަދު ވަނީ އަޑުއެހުމެއް ބާއްވައިފައެވެ.
މަހުލޫފާ ދެކޮޅަށް ހުށަހަޅައިފައިވާ ހެކިތަކުގެ ތެރޭގައި ވައިބާ ގުރޫޕެއްގައި ދައްކައިފައި ހުރި ވާހަކަތަކެއްގެ ޗެޓުލޮގުތަކެއް އިސްތިއުނާފީ ފޯމާ އެކު ދައުލަތުން ހުށަހަޅައިފައި ވެއެވެ.
ހުށަހެޅި ވައިބާ ޗެޓްލޮގްތަކަކީ ހަމައެކަނި ހައިކޯޓަށް ހުށަހެޅި ޗެޓްލޮގްތަކެއްތޯއާއި އެ އެއްޗެހި ހުށަހެޅީ ކޮންކަމެއް ސާބިތު ކުރަންތޯ ހައިކޯޓުގެ ބެންޗުން މިއަދު ދައުލަތާ ސުވާލު ކޮށްފައިވެއެވެ.
ބެންޗުގެ އެ ސުވާލުތަކަށް ޖަވާބުދެމުން ދައުލަތުން ބުނީ އެއީ މޯބައިލް ފޮރެންސިކް ރިޕޯޓުގެ އެނެކްސްގައި ހިމެނޭ އެއްޗެހި ކަމަށެވެ. އެކަމަކު ދިފާއުން ބުނެފައި ވަނީ ދަށުކޯޓުގައި ދައުލަތުން ދައްކައިފައި ވަނީ އެމްއެމްޕީއާރްސީ ހިޔާނާތުގެ މުގުލުގައި ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި މަހުލޫފާ ދެމެދުކޮށްފައި ހުރި އެސްއެމްއެސްތަކެއްގެ ވާހަކަ އެކަނި ކަމަށެވެ.
މިއީ އަލަށް ހުށަހަޅައިގެން އުޅޭ ޗެޓުލޮގުތަކެއް ކަމަށް ދިފާއީ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވިއެވެ. އަދި އެ ހެކިތައް ބަލައިނުގަތުމަށް ވެސް ނޫރުއްސަލާމް ވަނީ އެދިވަޑައިގެންފައެވެ.
މަހްލޫފް ވިދާޅުވީ ދައުލަތުން ފާހަގަކޮށްފައިވާ ފަދަ މުއާމަލާތެއް އަހުމަދު އަދީބާ ކޮށްފައި ނުވާނެ ކަމަށާއި އެފަދަ ޗެޓްލޮގެއް ހުރި ފޯނެއް ވެސް ނޯންނާނެ ކަމަށެވެ.