ޒެލެންސްކީއަށް ފާޑު ކިޔުމުން މީރާ ރުޅިގަދަވެއްޖެ

ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ތުރު ކުރައްވައިގެން ހުރި ހެދުމަށް ފާޑު ކިޔުމުން، ބޮލީވުޑްގެ އެކްޓަރ ޝާހިދު ކަޕޫރްގެ އަންހެނުން މީރާ ރާޖްޕޫތު ރުޅިގަދަ ވެއްޖެއެވެ.
ދާދި ފަހުން ބޭއްވި ޔޫއެސް ކޮންގްރެސެއްގައި ޒިލިންސްކީ ހުންނެވީ ފެހި ކުލައިގެ އާދައިގެ ޓީޝާޓެއް ލައިގެންނެވެ.
އެކަމާ ނުރުހުން ފާޅުކޮށް ޒިލިންސްކީއަށް ފާޑު ވިދާޅުވަމުން އެމެރިކާގެ ފައިނޭންޝަލް އެކްސްޕާޓެއް ކަމަށްވާ ޕީޓަރ ޝިފް ކުރެއްވި ޓްވީޓެއްގައި ސުވާލު ކުރެއްވީ، ޒިލިންސްކީ އަތުގައި ތުރުކުރައްވާނެ ސޫޓެއް ވެސް ނެތީތޯއެވެ.
"ޔޫއެސް ކޮންގްރެސަށް އަހަރެން ވެސް މާބޮޑު އިހުތިރާމެއް ނުކުރަން، އެކަމަކު އަހަރެން ވެސް އެމީހުންގެ ކުރި މައްޗަށް އާދައިގެ ޓީޝާޓެއް ލައިގެން ނުދާނަން" ޕީޓަރ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
ޕީޓަރގެ އެ ޓްވީޓަށް ނުރުހުން ފާޅު ކުރަމުން، މީރާ އޭނާގެ އިންސްޓްގްރާމް ސްޓޯރީގައި އެކަން ހިއްސާ ކުރަމުން ބުނީ، ޔޫކްރެއިނަށް މިހާރު ކުރިމަތިވެފައިމިވާ ދަތި ހާލުގައި، އެ ޤައުމުގެ ރައީސަށް ސޫޓަކާ މެދު ވިސްނޭނީ ކިހިނެއްތޯއެވެ.
މިފަދަ ދަނޑިވަޅެއްގައި ވެސް މީހުން ބަލަންވީ ދެން ހުންނަ މީހާ ހުންނަ ސިފައަށްތޯ ވެސް ސުވާލު ކުރަމުން މީރާ ބުނީ، ހަނގުރާމައެއްގެ ތެރެއިން ސޫޓެއް ފެހުމައިގެން ނުވަތަ ހޯދުމައިގެން އުޅެވޭނީ ކާކަށްތޯއެވެ.