ފީއަލީގައި ގާއިމުކޮށްފައިވާ ޕޮލިސް ސްޓޭޝަން ނުހުޅުވާތީ ކަންބޮޑުވުން ފާޅުކޮށްފި
ފ.ފީއަލީގައި އަޅައި ނިމިފައި ހުރި ޕޮލިސް ސްޓޭޝަން ނުހުޅުވި ގިނަ ދުވަސްތަކެއް ހޭދަވަމުންދާތީ، ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ނުރުހުން ފާޅުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ސުވާލު ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ހަލީމް ވަނީ ފީއަލީގައި ބަޔަކު އަމިއްލަ ޚަރަދުގައި އިމާރާތް ކުރި ޕޮލިސް ސްޓޭޝަން ހުޅުވޭނެ ތާރީޚަކާ ގުޅޭ ގޮތުން މިނިސްޓަރާ 12 ވަަރަކަށް ފަހަރު ސުވާލު ކުރެވިފައިވާ އިރު ވެސް، ޖަވާބެއް ނުލިބޭ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް މި ސުވާލަށް މިއަދު ވެސް މިނިސްޓަރު އިމްރާން ޖަވާބު ދެއްވައިފައެއް ނުވެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ، މި ދައުރު ނިމުމުގެ ކުރީން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމު ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވަަރަށް ބޮޑު އިސްކަމެއް ދެއްވާ ސިޔާސަތެއް ކަމަށެވެ.
މި ސިޔާސަތުގެ ދަށުން އަތޮޅުތެރޭގެ ރަށްތަކުގައި ފުލުހުންގެ ހިދުމަތް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މީހުން ދިރިއުޅޭ 111 ރަށުގެ ތެރެއިން، ފުލުހުންގެ އަމިއްލަ ސްޓޭޝަނުގެ ގޮތުގައި މިހާރު ހުރީ އެންމެ 17 ސްޓޭޝަންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން ހިދުމަތް ދިނުމުގައި ފުލުހުންނަށް އެތައް ގޮންޖެހުމެއް ކުރިމަތިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އިމްރާން އިތުރަށް ވިދާޅުވީ މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ފުލުހުންގެ އަމިއްލަ ސްޓޭޝަންތަކެއް ގާއިމު ކުރުމުގެ މަސައްކަތް މިއަހަރުގެ އޭޕްރީލްމަހުގެ ތެރޭގައި ފަށައިގަނެވޭނެ ކަމަށެވެ.