ކޮއްކޮމެން ޕްރީ ސްކޫލާއި އޭއޭކޭ ޕްރީ ސްކޫލާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި
ކޮއްކޮމެން ޕްރީ ސްކޫލާއި އޭއޭކޭ ޕްރީ ސްކޫލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޕްރީ ސްކޫލުތަކަށް ޢިލްމީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން ސޮއިކުރި އެއްބަސްވުމުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ.
އިންސާނީ ވަސީލަތް ތަރައްޤީ ކުރުމާއި ފަންނީ ޤާބިލްކަން އިތުރުކުރުމަށް ތަމްރީންތައް ރާވައިހިންގުމާއި، ކަނޑައެޅޭ ވަކިއުސޫލެއްގެ ތެރެއިން ދެ މަދަރުސާގެ މުދައްރިސުން ތަޖްރިބާ ހޯދުމަށް ޓަކައި 'އެކްސްޗޭންޖް ޕްރޮގްރާމް'ތަކަށް ފުރުސަތުދިނުމުގެ ގޮތުން އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ށ. ފުނަދޫގައެވެ.
ށ. ފުނަދޫ ކައުންސިލް އިދާރާގައި ބޭއްވުނު މި ރަސްމިއްޔާތުގައި ކޮއްކޮމެން ޕްރީ ސްކޫލުގެ ފަރާތުން ސޮއި ކުރެއްވީ ކޮއްކޮމެން ޕްރީ ސްކޫލުގެ ޕްރިންސިޕަލް ޞާބިރާ އަހުމަދެވެ. އަދި ފުނަދޫ ޕްރީ ސްކޫލުގެ ފަރާތުން ސޮއި ކުރެއްވީ ފުނަދޫ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް އަޒްމާ އަހްމަދުއެވެ. އަދި އެއްބަސްވުން ހަވާލުކޮށްދެއްވީ އަންހެނުންގެ ކޮމިޓީގެ ރައީސާ ފަރްޒާނާ އާދަމެވެ.
މިއެއްބަސްވުމުގެ ދަށުން ، ތުއްތުކުދިންގެ ހެދިބޮޑުވުމާ ތަރައްޤީއަށް ބިނާ ކުރުވަނިވި ގޮތެއްގައި ދެފަރާތުގެ މަޝްވަރާގެ ތެރެއިން ހިޔާލު ބަދަލުކޮށް މަސައްކަތް ކުރުމާއި ކުރިއެރުވުން ހިމެނެއެވެ. އަދި އިސްލާމީ ތަރުބިއްޔަތުގެ ތެރެއިން ދަރިވަރުންގެ ތަޢުލީމާއި އުގެނުމުގެ ބިންގާ ހަރުދަނާ ކުރުމަށް ބޭނުން ވާނެ އެންމެހައި ކަންކަން ދެފަރާތުން ވެސް ހިއްސާކުރާނެއެވެ. އަދި ދަރިވަރުންގެ ކުރިމަގު ބައްޓަން ކުރުމަށް ޓަކައި 'ޓީޗިންގ އެންޑް ލަރނިންގް މެޓީރިއަލްސް' ތަރައްޤީ ކުރުމާއި އުނގަންނައި ދިނުމަށް ބޭނުންކުރާނެ އާލާތްތައް އަދި ވަސީލަތްތައް ހިއްސާކުރުން ހިމެނެއެވެ.
މާލޭގައި ހިންގާ ކޮއްކޮމެން ޕްރީ ސްކޫލުން ދަނީ ރާއްޖޭގެ ކަންކޮޅުތަކުގައި ކައުންސިލްތަކާއި އަމިއްލަ ފަރާތްތަކުން ހިނގާ ޕްރީ ސްކޫލުތަކަށް ފަންނީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ޕްރީ ސްކޫލުތަކުގައި ކިޔަވައިދޭނެ ފޮތް ސެޓެއް ތައްޔާރު ކުރުމުގެ މަސައްކަތް ކޮއްކޮމެން ޕްރީ ސްކޫލުގެ ޓީމުން ވަނީ ޢިލްމު އިންސްޓިޓިއުޓްއާ ގުޅިގެން ފަށައިފައެވެ.