އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލު، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވެސް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.
ހިސާންއަކީ މީގެ ކުރިން ރައީސް ނަޝީދުގެ އެންމެ އަރިސް އެއް ، މަޖިލިސް މެމްބަރެވެ. އެހެން ނަމަވެސް ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި ހިސާން ތާއީދު ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކެނޑިޑޭޓު ފައްޔާޒަށްކަން އޭނާ ވަނީ ހާމަކުރައްވައިފައެވެ.
ހިސާން މެމްބަރުކަން ކުރައްވާ ބ.އަތޮޅު ތުޅާދޫއަށް ފައްޔާޒާއި އޭނާގެ ކެމްޕެއިން ޓީމުން ވަޑައިގެންނެވުމުން ހިސާން ވަނީ އެ ކެމްޕެއިންގައި ބައިވެރިވެވަޑައިގެން ފޮޓޯ ނަންގަވައި ސޯޝަލް މީޑިއާގައި އާންމު ކުރައްވައިފައެވެ.
އެމްޑީޕީގެ އެތެރޭގައި ދެ ފެކްޝަނެއް އުފެދުނީ ރައީސް ނަޝީދާއި ރައީސް ޞާލިހާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުންނެވެ. ހިޔާލު ތަފާތުވުންތައް ފުރަތަމަ ފެށިގެން އައިއިރު ހިސާން ހުންނެވީ ރައީސް ނަޝީދުގެ ފެކްޝަންގައެވެ. އޭރު މަޖިލިސް ތެރޭގައި ދެކެވުނު ބައެއް ވާހަކަތަކުގައި ވެސް ހިސާން ރައީސް ނަޝީދަށް ތާއީދު ކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ.
އަންނަ މެއި މަހުގެ 14ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި ފައްޔާޒާ ދެކޮޅަށް ނިކުންނަވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ. އިމްތިޔާޒަށް ރައީސް ނަޝީދު ތާއީދު ކުރައްވާއިރު، އިމްތިޔާޒަށް ތާއީދު ކުރައްވާ ސަރުކާރުގެ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ނަމަ ފާޅުގައި ކެމްޕެއިނަށް ނިކުންނަވާނެކަމުގެ އިންޒާރު ރައީސް ނަޝީދު ވަނީ ދެއްވައިފައެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު ރައީސް ނަޝީދުގެ ފެކްޝަނުން ބުނަމުންދަނީ ފައްޔާޒު އެޕާޓީގެ ޗެއާޕާސަންކަމަށް އިސްވެވަޑައިގެންފި ނަމަ ރައީސް ނަޝީދު އެމްޑީޕީން ބޭރުކުރާނެ ކަމަށެވެ. އެހެން ނަމަވެސް ފައްޔާޒުގެ ޓީމުން މިކަން ދޮގުކުރެއެވެ. ފައްޔާޒު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރައީސް ނަޝީދު ޕާޓީން ބޭރުކުރެވޭނެ ވަރުގެ މީހަކު އެ ޕާޓީއަށް ނާންނާނެކަމަށެވެ. އަދި މިހާރު ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅުތަކަކީ އިންތިހާބުގެ ވާދަވެރިކަމުގައި ދައްކަވާ ވާހަކަތަކެއްކަމަށް ފައްޔާޒު ވިދާޅުވިއެވެ.