ޚަބަރު

ސަގާފީ ތަރިކައަށް ގެއްލުން ލިބޭގޮތަށް މަސައްކަތްކުރާ ނަމަ ފިޔަވަޅު އަޅާނަން: ހެރިޓޭޖް މިނިސްޓްރީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސަޤާފީ ތަރިއަކަށް ގެއްލުން ލިބޭ ގޮތަށް މަސައްކަތް ކުރާ ނަމަ ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ހެރިޓޭޖް މިނިސްޓްރީން އިންޒާރު ދީފިއެވެ.

Ads by MWSC

ހެރިޓޭޖް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޤާނޫނު ނަންބަރު 2019/12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު)ގައި ހިމެނޭ އާސާރީ ބިނާތަކާއި، އާސާރީ ސަރަޙައްދުތަކާއި، މަޢުނަވީ ސަގާފީ ތަރިކައާއި، ހިމާޔަތްކުރެވިފައިވާ ސަރަޙައްދު ބަޔާންކޮށް، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގޮތުގައި ކަނޑައަޅައިފައިވާ ކަމަށެވެ.

މި ތަރިކައިގެ މައްޗަށް އޮތް ދައުލަތާއި ފަރުދުންގެ ޒިންމާއާއި، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައާ ބެހޭ ދިރާސާތައް ކުރެވޭނެ ގޮތްތަކާއި، މި ތަރިކައާ މެދު އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އިތުރުން ސަގާފީ ތަރިކައަށް ގެއްލުން ލިބޭ ފަދަ ގޮތަށް ހިންގާ އަމަލުތަކަކީ ކުށެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ކަމަށާއި މި ޤާނޫނުގައި ބުނެފައިވާ ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ މަސައްކަތް ކުރުމަށް ހެރިޓޭޖް މިނިސްޓްރީ އުފައްދާފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ، މި ޤާނޫނުގެ 35 ވަނަ މާއްދާއާއި މި ޤާނޫނާ ގުޅިގެން އާންމުކޮށްފައިވާ ގަވާއިދު ނަންބަރު 2020/R-37 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ގަވާއިދު)ގެ 56ވަނަ މާއްދާގައި ސަގާފީ ތަރިކައާ ގުޅޭ މަސައްކަތްތައް ކުރުމުގެ ކުރިން މި މަރުކަޒުގެ ހުއްދަ ހޯދުމަށް ބަޔާންކޮށްފައިވާ ކަމަށާއި އަދި މި ޤާނޫނުގެ 36ވަނަ މާއްދާގައި ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ކުރިއަށް ގެންދިއުމުގެ ކުރިން ސަގާފީ ތަރިކައަށް ގެއްލުމެއްވެދާނެތޯ ވެސް ބަލަންޖެހޭ ކަމަށެވެ. އަދި މި ޤާނޫނުގެ 50 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެ މަތިން "ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ހަމަ ކޮންމެ ދިވެހި ރައްޔިތެއްގެ، އަދި ދިވެހިރާއްޖޭގެ ޤާނޫނުގެ ބާރު ހިނގާ ސަރަޙައްދުގައި ދިރިއުޅޭ ކޮންމެ ފަރާތެއްގެ، އަދި ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ފަރާތެއްގެ ޒިންމާއެއް" ކަމަށް ވެސް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

"އެހެން ނަމަވެސް، މި ފަހަކަށް އައިސް ރަށްރަށުގައި ހުރި އާސާރީ މިސްކިތް، ވެވު، ހަވިއްތަ ފަދަ އާސާރުތަކަށް ގެއްލުން ލިބޭގޮތަށް މަސައްކަތް ކުރަމުންދާ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. ހަމައެހެންމެ، ބައެއް ކައުންސިލުތަކުން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދާއިރު ތަރިކައަށް ކޮށްފާނެ އަސަރު ބެލުމަށް ޓަކައި ހަދާ އެސެސްމަންޓް ހެދުމެއް ނެތި އަދި މި މަރުކަޒުގެ ހުއްދައަކާ ނުލައި ކުރިއަށްގެންދާކަން ފާހަގަކުރެވިފައިވެއެވެ. އާސާރީ ތަންތަން ރައްކާތެރިކުރެވޭނެ ގޮތެއް ނުހޯދައި، އެ ތަންތަނަށް ކުރާނެ އަސަރަށް ބެލުމެއް ނެތި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިއުން ވެގެންދާނީ އެ ތަރިކައެއް ނިސްބަތްވާ ރަށަކާއި މުޅި ރާއްޖޭގެ އަންނާން އޮތް ޖީލުތަކަށް ލިބޭ އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ކަމުގައެވެ." ހެރިޓޭޖް މިނިސްޓްރީން ބުނެފައިވެއެވެ.

ވީމާ، ސަގާފީ ތަރިކައާ ގުޅޭ ތަންތަނުގައްޔާއި މިތަންތަނުގެ ކައިރީގައި ކުރައްވަވާ މަސައްކަތްތައް ޤާނޫނު ނަންބަރު 2019/12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު) އަދި މި ޤާނޫނާ ގުޅިގެން އާންމުކޮށްފައިވާ ގަވާއިދު ނަންބަރު 2020/R-37 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ގަވާއިދު)ގައިވާ ގޮތުގެ މަތިން ކުރުމަށް ހެރިޓޭޖް މިނިސްޓްރީން ވަނީ ގޮވައިލައިފައެވެ. އަދި މި ޤާނޫނުގެ 49ވަނަ މާއްދާގައި ބަޔާންކުރާ ލޯކަލް ކައުންސިލުތަކުގެ ޒިންމާ އެ ކައުންސިލުތަކުން އަދާކުރެއްވުމަށާއި، މި ޤާނޫނުގެ 50ވަނަ މާއްދާގައި ބަޔާންކުރާ އާންމު ފަރާތްތަކުގެ ޒިންމާ އެ ފަރާތްތަކުން އަދާކުރެއްވުމަށާއި، މި ޤާނޫނުގެ ރޫހާ އެއްގޮތަށް ޤާނޫނަށް ހުރުމަތްތެރިކޮށް ހިތުމާ  އެކު އަމަލުކުރުމަށް އިލްތިމާސްކޮށް އެ މިނިސްޓްރީން ބުނެފައިވަނީ މި ޤާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލުނުކުރައްވާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!