ދީން

އިބްރަތްތެރި ވާހަކަ: މިޔުޒިކުގެ އަޑު ކަނޑައިނުލަން ބުނި މުސްލިމު އަޅަކަށް ދިމާވި ބިރުވެރި ހާދިސާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަޅުގަނޑުމެންގެ ތެރޭގައި، އިސްލާމްދީން ޤަބޫލު ކުރި ކަމުގައި ވިޔަސް، ދީނީ ކަންކަމަށް ސަމާލުވާން ޖެހޭ ވަރަށް ސަމާލު ނުވެވޭ މީހުން ވަރަށް ގިނައެވެ. އަޅުކަން ބަރާބަރަށް އަދާކުރި ކަމުގައި ވިޔަސް، ދުނިޔެވީ ކަންކަމަށް ހެއްލެވޭ މީހުންނާއި މާތް ރަސްކަލާނގެ ނަހީ ކުރައްވައިފައިވާ ކަންކަމަށް އިސްކަން ދެވޭ މީހުން ވެސް ވަރަށް ގިނައެވެ.

Ads by MWSC

މިއީ އެ ފަދައިން ދުނިޔެވީ އަމަލަކަށް ވަގުތުކޮޅަކަށް ނަމަވެސް އިސްކަން ދެވުނު އަޅަކަށް ދިމާވި އިބްރަތްތެރި ހާދިސާއެކެވެ.

"އޮފީހުގައި އެވަގުތު ތިބީ އަހަންނާއި އެހެން އަންހެން ކުއްޖެއް އެކަންޏެވެ. އެހެންކަމުން އޭނާ އިނީ ވަރަށް އަޑު ބާރުކޮށް ލަވަ ޖަހައިގެންނެވެ. އަހަރެން ލަވަ ނުޖެހި ކަމުގައިވިޔަސް އެ މިޔުޒިކަށް ކޮންމެ ވެސް ވަރަކަށް ސަމާލުކަން ދެވެމުން ދިޔައެވެ.

އެވަގުތު ޢަޞްރު ނަމާދަށް ބަންގި ގޮވުމުން އަހަރެން ދިޔައީ ވުޟޫ ކުރާށެވެ. އަހަންނަކީ އޮފީހުގައި އިންނަ ވަގުތު ވެސް ނަމާދު ގަޑި ޖެހުމާއެކު ނަމާދުކުރާ އަޅަކީމެވެ.

ވުޟޫކޮށް ނިމިގެން ދަބަހުން ދޮޅި ނަގަން އައުމުން، އޮފީހުގައި ދެން އިން ކުއްޖާ ލަވައިގެ އަޑު މަޑުކޮށްފައި، ތި އުޅެނީ ނަމާދު ކުރަން ދޯއޭ އެހިއެވެ. އާނއެކޭ ބުނުމުން އޭނާ ބުނީ އެހެންވެ ލަވަ ނިއްވާލަނީއޭއެވެ.

އޭނަ އެހާ ކުރާ ހިތުން ކުރަން އިން ކަމެއް އަހަންނާ ހެދި ނުހުއްޓުވާނަމޭ ހިތަށް އަރައިފައި، ނޫނެކޭ ނުނިވިޔަސް އޯކޭއޭ އަޑު މަޑު ކުރީމަ އުނދަގުލެއް ނުވެޔޭ އަހަރެން ބުނީމެވެ.

ނަމަވެސް ނަސީބަކުން އޭނަ އަހަރެން ދެއްކި ވާހަކަ އަޑުނާހާ ލަވަ ނިއްވައިލިއެވެ.

ނަމަވެސް ނަމާދު ކުރަން ފެށުމާ އެކު އަހަރެންގެ އަނގަޔަށް އުނދަގޫތަކެއް ވާން ފެށިއެވެ. އަދި ވަރަށް ބޮޑަށް އަނގަ އަކުނިވަޔަށް ވެސް ދަމަން ފެށިއެވެ. އެއްފަޅި ވާގިނެތެން އުޅެނީއޭ ވެސް ހީވާން ފެށިއެވެ. ވާން ފެށި ތަދާ އެކު ވަރަށް ހިތްވަރުކޮށްފައި ވެސް ނަމާދު ފުރިހަމަ ކުރީމެވެ.

ނަމާދު ފަދަ އެންމެ މަތިވެރި އަޅުކަން ކުރަން ހުއްޓައި އެފަދަ ވޭނެއް ލިބެންވީ ކީއްވެބާއޭ އަހަރެން ހިތަށް އެރިއެވެ.

އަމިއްލަ ނަފްސަށް ލިބުނު ޖަވާބަކީ، އެއީ ނަމާދު ކުރަން ފެށުމުގެ ކުރިން މިޔުޒިކް ކަނޑައިލަން އަހަރެންގެ އެކުވެރިޔާ އުޅުމުން ވެސް، އެ މިޔުޒިކު ޖަހައިފައި ބަހައްޓަން ބުނެވުނީތީ ކަމަށް ވެދާނެއެވެ.

އަހަރެން ބިރުގަތެވެ. އަދި ލަސްކުރުމެއް ނެތި އެކަލާނގެ ހަޟްރަތަށް ތައުބާވެ ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރުމަށް ފަހު أستغفر الله ކިޔަން ފެށީމެވެ. ގުނައިގެން ތިން ފަހަރު أستغفر الله އޭ ކިޔުންތަނާހެން އަހަރެންގެ އަނގަޔަށް އަރައިފައި ހުރި ތަދު އެއްކޮށް ފިލައިގެން ދިޔައެވެ. އެއްވެސް ކަމެއް ނުވާ ފަދައެވެ. ނަމަވެސް އަހަރެން މުސައްލަމަތިން ފޭބީ 100 ފަހަރު  أستغفر الله ކިޔައިފައެވެ.

އެ ދުވަހު ނަމާދުކޮށް ނިމުމުން އަހަރެންގެ ހިތަށް ހުރީ އޭގެ ކުރިން ނުލިބޭ ފަދަ ހަމަޖެހުމެއް މާތް ﷲ އިރާދަފުޅާ އެކު ލިބިފައެވެ."

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!