ދީން

އައު މޫނެއް މިސްކިތުން ފެނުނު ނަމަވެސް އެމީހަކަށް ކުޑައިމީސް ބަހެއް ނަމަނަމަ ނުބުނާތި! :ޑރ.ޢަލީ ޒާހިރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރަމަޟާން މަހާ ދިމާކޮށް އައު މޫނެއް މިސްކިތުން ފެނުނު ނަމަވެސް އެ ފަދަ މީހަކަށް ކުޑައިމީސް ބަހެއް ނުބުނުމަށް ޑރ.ޢަލީ ޒާހިރު ނަޞީޙަތްތެރިވެލައްވައިފިއެވެ.

Ads by STELCO

އިއްޔެގެ އަޞްރުނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ދެއްވި ދަރުހުގައި ޑރ.ޢަލީ ޒާހިރު ވިދާޅުވީ ﷲގެ ހެޔޮ ރަޙުމަތުން ރޯދަ މަހުގެ ފުރަތަމަ ދުވަހު މިސްކިތްތައް ފުރިއްޖެކަމަށާއި އޭގެން ދޭހަކޮށްދެނީ މި މަހުގައި މީސްތަކުންގެ އީމާންކަން އުތުރު އަރާ މިންވަރު ކަމަށެވެ.

"ހެޔޮކަމަށް އެދޭ ނަމަ ތިމާގެ ޢަމަލުތައް ސީދާކުރާށެވެ." މި މައުޟޫޢަށް ދެއްވި ދަރުސްގައި ޢަލީ ޒާހިރު ވިދާޅުވީ މީސްތަކުންގެ އީމާންކަން އެބަހުރި ކަމަށާއި ނަމަވެސް މަސައްކަތާއި އެހެނިހެން ކަންކަމުގައި އަވަދިނެތިވުމުގެ ސަބަބުން މީސްތަކުން ޣާފިލް ވަނީ ކަމަށެވެ. ރޯދަ މަހާ އެކު ޣާފިލްކަމުން ހޭލެވުން ދެން މަސައްކަތް ކުރަންވީ އެ ޖޯޝާއި ފޯރީގައި އަޅުކަންތަކުގައި މަޝްޣޫލުވުމަށް ކަމަށް ޝައިޚް ނަޞީޙަތްތެރިވެލެއްވިއެވެ. މިއާ އެކު މިސްކިތުން އަލަށް ފެންނަ މީހަކަށް ކުޑައިމީސް ބަހެއް ނުބުނުމަށާއި އެފަދަ މީހުންނަށް ވެސް ހިތްވަރު ދިނުމަށް ޝައިޚް ގޮވައިލެއްވިއެވެ.

"އައު މޫނެއް މިސްކިތުން ފެނިގެން އަޖައިބުވެ އަންތަރީސްވެގެން އެވާހަކަ ދައްކާނެ ކަމެއް ނެތް ، ނުވަތަ ވަށްބަހުން ނަމަވެސް މިއޮތް ހުރިހައި ދުވަހު ކޮންތާކު އުޅެފައިހޭ ، ރަމަޟާން މަސް ފެނުނީމަހޭ މިސްކިތް ފެންނަނީ ، ނަމަނަމަ މިފަދަ ވާހަކައެއް އަޅުގަނޑުމެން އަޚަކަށް ނުބުނާތި، އޭގެ ބަދަލުގައި އުފާވެރިކަމުގެ ، ހިތްހަމަޖެހުމުގެ (ބަސްތައް ބުނަންވީ) މިސްކިތުން ފެނުނީމަ ހާދަ އުފާވެއްޖޭ ، ތިގޮތުގައި ހިފަހައްޓައިލެވޭތޯ ބަލައްޗޭ (ފަދަ ބަސްތައް ބުނެގެން) ހިތްވަރުދީގެން ވީ މިސްކިތާ ގުޅުވޭތޯ ބަލަން"ޝައިޚް ވިދާޅުވިއެވެ.

ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ މީހުންނަށް ހެޔޮކޮށް ހިތަންވީ ހަމައެކަނި އެ މީހުން މަރުވުމުން ނޫން ކަމަށާއި އޭގެ ކުރީން ދުނިޔޭގައި ތިއްބައި މީސްތަކުން ސުވަރުގެ ޙާޞިލްކުރެވޭ މަގަށް ގެންދިޔުމުގައި އެހީތެރިވާން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ފޮތްފޮށި ކިޔަވައިގެންނާއި ޞަލަވާތްފާތިހާ ކިޔަވައިގެންނާއި ބޯކޮޅު ކިޔަވައިގެންނާއި ،ހެޔޮ އެދޭ މީހުން މަރުވީމަ ދެން އެ އަރުވާޖަހާ ގޮތަށް ހީވަނީ މީހާ ސުވަރުގެ ވަނީމައޭ ދެން ހުއްޓައިލާނީ ، އެކަމަކު ދުނިޔޭގައި ތިއްބައި އަޅައެއް ނުލައޭ ، ދުނިޔޭގައި ތިއްބައެއް ނޫންތޯ އަޅައިލާންވީ ، މަރުވީމާ ކޮންކަމެއްތޯ ކޮށްދެވެނީ، ވަރަށް ކުޑަކުޑަކަމެއް މަރުވީމާ ކޮށްދެވެނީ ޙަޤީޤަތުގައި" ޢަލީ ޒާހިރު ވިދާޅުވިއެވެ.

ޝައިޚް ވިދާޅުވީ ހެޔޮ އެދޭ މީހުން ދުނިޔޭގައި ތިއްބައި އެމީހުންގެ އަތުގައި ހިފައިގެން ، ބުރަކަށީގައި ފިރުމައިގެން މިސްކިތްތަކަށް އަރުވައި ހެޔޮ ކަންތައްތަކަށް އެމީހާ ގެނެސް އެ މީހާއަކީ ހެޔޮކަންތައްތަކުގައި ހޭދަކުރާ މީހަކަށް ހަދައިލެވިއްޖިއްޔާ އެ ހުޅުވުނީ ހެޔޮކަމުގެ ތަނަވަސް ދޮރެއް ކަމަށެވެ. އެ ގޮތުން އެމީހާ ހެޔޮކަމުގައި ހޭދަކުރާހައި ހިނދެއްގައި އެކަމަށް އެހީތެރިވެ ދިން މީހާއަށް ވެސް ހެޔޮކަން ލިބިލިބި ހުންނާނެކަން ޝައިޚް ހަނދާންކޮށްދެއްވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!