ދުނިޔެ

ލަންކާގެ 26 ވަޒީރުން އެއްފަހަރާ އިސްތިއުފާދީފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ސްރީލަންކާގެ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ 26 ވަޒީރުން އެއްފަހަރާ އިސްތިއުފާދީފިއެވެ.

Ads by Sosun Fihaara

އެޑިޔުކޭޝަން މިނިސްޓަރު ދިނޭޝް ގުނަވަރުދަނާ އާދީއްތަ ދުވަހު އެ ގައުމުގެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބުނީ ކެބިނެޓްގެ ވަޒީރުން އިސްތިއުފާގެ ސިޓީތައް ބޮޑުވަޒީރަށް މިހާރު ފޮނުވައިފައިވާ ކަމަށެވެ.

ސުރީ ލަންކާގެ ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުން އިސްތިޢުފާދިން ނަމަވެސް ޤާނޫނީގޮތުން އެ ނިންމުން ބަލައިގަނެވޭނީ އެ ޤައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިޢުފާދެއްވުމުންނެވެ. ނަމަވެސް އޭނާ އިސްތިޢުފާދެއްވަން އުޅުއްވާ ވާހަކަ އެ ޤައުމުގެ ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.

އެ ގައުމުގެ ރައްޔިތުން މިހާރު ކުރިމަތިލަމުން އަންނަނީ 1948ވަނަ އަހަރު އިނގިރޭސިވިލާތުގެ ކިބައިން މިނިވަންކަން ލިބުނު ފަހުން އެ ޤައުމަށް ކުރިމަތިވި އެންމެ ބޮޑު އިޤްތިޞާދީ ކާރިސާއާއެވެ.

ތެލުގެ އިމްޕޯޓަށް ފައިސާ ދެއްކުމަށް ބޭނުންކުރާ ބޭރު ފައިސާ މަދުވުމުގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް އެ ގައުމަށް ދަނީ ކުރިމަތިވަމުންނެވެ. ދުވާލަކު އެތައް ފަހަރަކު ކަރަންޓް ކެނޑުމާއި، ކާބޯތަކެއްޗާއި ބޭސް އަދި ތެލުގެ ދަތިކަން އިންތިހާއަށް ބޮޑުވެ، އާންމުންގެ ރުޅިވެރިކަން ވަނީ އިންތިހާއަަށް ބޮޑުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!