ކައިވެނި ނުކުރެވޭނެކަމަށް ފާދިރީއަކު ބުނެފައި އޮއްވައި އަނަންނިޔައާ އިޝާން ވަކިވެއްޖެ
ބޮލީވުޑް ތަރިންގެ ލޯބީގެ ވާހަކަތަކަކީ ފިލްމު ބެލުންތެރިންގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުންނަ ވާހަކަތަކެކެވެ. ބައެއް ތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ވަކިވުމުން އޭގެ އަސަރު އެމީހުންގެ ފިލްމުތަކަށް ވެސް ކުރެއެވެ. ކާރްތިކް އާރްޔާންއާއި ސާރާ އަލީ ހާންގެ ބްރޭކްއަޕަކީ އެފަދަ ކަމެކެވެ.
ބޮލީވުޑްގައި ކުރިއަރަމުން އަންނަ އިޝާން ކައްޓަރާއި އަނަންނިޔަ ޕާންޑޭ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް މީޑިއާތަކުގައި ވާހަކަ ދެކެވޭތާ ދުވަސްތަކެއް ވެއްޖެއެވެ. މިދެތަރިން އެކުގައި ފެނުނު "ކާލީ ޕީލީ"އަށް ފަހު ދެތަރިން އެކި ފަހަރުމަތިން އެކީގައި ފެނިފައިވާއިރު ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލަން ވެސް ދެތަރިން އެކުގައި އައެވެ.
ދާދި ފަހުން އަނަންނިޔަ ވަނީ އިޝާންގެ ބޭބެ ޝާހިދު ކަޕޫރުގެ އުފަންދުވަހުގެ ޕާޓީއަށް ގޮސްފައެވެ. އެޕާޓީއަށް އަނަންނިޔަ ދިޔައީ އިޝާންގެ ލޯބިވެރިޔާއަށް ވުމުންކަމަށް ގިނަ ބަޔަކަށް ހީކުރެވުނެވެ. އެހެން ނަމަވެސް ބޮލީވުޑްގެ އެންމެ ފަހުގެ ރިޕޯޓުތައް ބުނާ ގޮތުން މިދެތަރިން މިހާރު ވަކިވެއްޖެއެވެ. ތިން އަހަރުވެފައިވާ އެ ގުޅުން ނިމުމަކަށް ގެނައި ނަމަވެސް ދެމީހުންގެ ދެމެދުގައި އެއްވެސް މައްސަލައެއް ނުޖެހޭކަމަށް ރިޕޯޓުތައް ބުނެއެވެ.
ބްރޭކްއަޕްވި ނަމަވެސް ދެތަރިން އެކުގައި މަސައްކަތްތަކުން ފެންނާނެކަމަށާއި ރަހުމަތްތެރިކަން ވެސް ބާއްވާނެކަމަށް އެކުވެރިންނާއި ހަވާލާދީ ރިޕޯޓުތައް ބުނެއެވެ. އިޝާންއާއި އަނަންނިޔަ ވަކިވާން ނިންމީ ދެމީހުން ވެސް އެގޮތަށް ބޭނުންވެގެން ކަމަށްވެއެވެ.
މި ރިޕޯޓުތައް މީޑިއާތަކަށް ތިލަވުމުގެ ދެތިން ދުވަހެއް ކުރިން ފަލަކީ އިލްމުވެރިއެއްކަމަށްވާ ޕަންޑިތު ޖަގަންނަތު ގުރޫޖީ ކޮއިމޮއިގައި ބުނީ އަނަންނިޔައާއި އިޝާންގެ ގުޅުން ދެމި އޮންނާނީ އަންނަ 2023ވަނަ އަހަރު ނިމެންދެން ކަމަށެވެ. އަދި އޭގެ ފަހުން އެދެމީހުންގެ މުސްތަގުބަލު އެކީގައި ވަރަށް ބަނަވާނެކަމަށް އޭނާ ބުންޏެވެ.
ޕަންޑިތު ބުނީ ދެމީހުންނަކީ ވެސް ހަގު ދެމީހުން ކަމަށާއި އެހެންކަމުން ދިރިއުޅުމެއް ފެށުމަށް އަދި ވަރަށް އުނދަގޫވާނެ ކަމަށެވެ. އަދި ތަރިތަކަށް ބަލައިފައި ދެމީހުންނަށް ކައިވެނި ނުކުރެވޭނެކަމަށް ވެސް އޭނާ ބުންޏެވެ.
އަނަންނިޔައާއި ބޮލީވުޑް ތަރިއަކާއި އެކީގައި އުޅުމަށް ފަހު ބްރޭކްއަޕްވި މިއީ ދެވަނަ ފަހަރެވެ. އެކްޓަރު ކާރްތިކްއާއި އަނަންނިޔަގެ ލޯބީގެ ގުޅުމެއް އޮތްކަމަށް މީގެ ކުރިން އަޑު ފެތުރުނެވެ.
ފަލަކީ އިލްމަކީ މީހާގެ ނަސީބާއި ގުޅިފައިވާ އަދި މުސްތަގުބަލު ބައްޓަންކޮށްދޭ އެއްޗެއްކަމަށް އިންޑިއާގެ ބައެއް ދީންތަކަށް ނިސްބަތްވާ މީހުން ގަބޫލުކުރި ނަމަވެސް މިއީ ފްލޯކު ވާހަކައެކެވެ. ތަރިތަކާއި ހަނދަށް ބެލުމަށް ފަހު މީހާގެ މުސްތަގުބަލު ބަލައި އެކަން ގަބޫލުކުރުމަކީ މުސްލިމުން ގަބޫލުކޮށްގެ ންވާނެކަމެއް ނޫންކަމަށް ދީނީ އިލްމުވެރިން ވިދާޅުވެއެވެ.
ފަލަކީ އިލްމަކީ އެސްޓްރޮނޮމީ. އެސްޓްރޮލޮޖީއަކީ ނުޖޫމީ