ޚަބަރު ރައްޔިތުންގެ މަޖިލިސް

މަޖިލީހުގައި އެމްޑީޕީ އެތެރޭގެ އިންތިޚާބުގެ ވާހަކަ ދެއްކުން ނަޝީދަށް މައްސަލައަކަށް ނުވި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވާހަކަ ދެއްކެވުމަކީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މައްސަލައަކަށް ވެވަޑައެއް ނުގެންނެވިއެވެ.

Ads by MWSC

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވައިފައެވެ. އެގޮތުން ސަރުކާރު ކުންފުނިތައް ނުހިނގާ ކަމަށާއި އޭގެ ބަދަލުގައި ވިޔަފާރިތަކަށް ސަރުކާރުން ވަރަށް ބޮޑު ނުފޫޒެއް ފޯރުވާކަމަށެވެ.

މި ފަހަކަށް އައިސް ރައީސް ނަޝީދަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއެވެ. އަދި އެވާހަކަތައް ސަރުކާރު ފަޅީގައި ތިއްބަވާ އެމްޑީޕީ މެމްބަރުންނަށް ކަމަކު ނުދެއެވެ.

އަލީ އާޒިމްގެ ވާހަކަތަކަށް ރައްދު ދެއްވީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފެވެ. އެގޮތުން ސަނީފު ވިދާޅުވީ އަލީ އާޒިމް ދެއްކެވީ ހުދުމުޚުތާރު ވާހަކަތަކެއް ކަމަށާއި ޕާޓީގެ ރައީސް ރިޔާސަތުގައި އިންނަވަނިކޮށް އެފަދަ ވާހަކަތަކެއް ދެއްކުމަކީ ހިތާމަކުރަން ޖެހޭ ކަމެއް ކަމަށެވެ.

މި ތަޅުމަކީ މިއީ މިއަދު ފެނިގެން މިދަނީ އެމްޑީޕީ އެތެރޭގެ އިންތިޚާބުގެ ވާހަކަ ދެއްކުމަށް ޓަކައި، ޕްރޮމޯޓު ކުރުމަށް ޓަކައި ހިނގާ ތަނެއް ކަމަށް ވާތީ، އެއީ އަޅުގަނޑުމެން ލަދުވެތިވާ ކަމެއް"

- މެމްބަރު އަބްދުﷲ ސަނީފް

ސަނީފްގެ ވާހަކައިގެ ތެރެއިން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވާއިދުތަކާއި އެއްގޮތަށް ކޮންމެ މެމްބަރަކަށް ވެސް ތަޅުމުގައި ވާހަކަ ދެއްކެވޭނެ ކަމަށެވެ. އަދި އަލީ އާޒިމް ވާހަކަފުޅު ދެއްކެވީ އެފަދައިން ކަމަށާއި ވަކި މެމްބަރެއްގެ ސިޔާސީ ފިކުރާ އެއްގޮތަށް ވާހަކަ ދެއްކެވުމަށް އެއްވެސް މެމްބަރަކަށް ޖެހިވަޑައިނުގަންނަވާނެކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެއްވެސް ހާލެއްގައި ވަކި އިއްޒަތްތެރި މެމްބަރެއްގެ ސިޔާސީ ވިސްނުމަށް ނުވަތަ ހިތް އެދޭ ގޮތަށް ނުވަތަ އެދިވަޑައިގަންނަވާ ގޮތަށް އަނެއް މެމްބަރު ވާހަކަދައްކަވާއިރުގައި އެކަނި ދެވޭ ފުރުސަތެއް ނޫން"

- ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ ވާހަކަތަކާ ގުޅުވައި ސަނީފު ވަނީ އަލީ އާޒިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ވިދާޅުވީ އަލީ އާޒިމަކީ ޑީއާރުޕީގައި އުޅުއްވުމަށް ފަހު އެ ޕާޓީ ހަލާކުކޮށްލެއްވި ބޭފުޅެއް ކަމަށެވެ. އަދި އޭގެ ފަހުން އެމްޑީޕީއަށް ވަޑައިގެން އަމިއްލަފުޅު ޕާޓީގެ ސަރުކާރެއް އޮތްއިރު ފާޑުވިދާޅުވާތީ އެކަމާ މެދު ސަނީފު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

މިފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ސަރުކާރު ފެކްޝަންގެ އެމްޑީޕީ މެމްބަރުންނާއި ނަޝީދު ފެކްޝަންގެ އެމްޑީޕީ މެމްބަރުންގެ ދެބަސްވުންތައް ކުރިއަށް ދެއެވެ. ދާދި ފަހުން އިދިކޮޅުން ހުށަހެޅި ކުއްލި މައްސަލައެއްގައި ވަކި ގޮތަކަށް ވޯޓު ދިނުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފައި އޮއްވައި ބައެއް މެމްބަރުން ވަނީ އެ ވިޕާ ވެސް ޚިލާފުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!