އައްމަޓީ ދޫކޮށްލި މައްސަލަ އިޖުރާއީ ގޮތުން ނުބެލޭނެ ކަމަށް ހައިކޯޓުން ނިންމައިފި

ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި މައްސަލައަކީ އިޖުރާއީ ގޮތުން ބެލޭނެ މައްސަލައެއް ނޫން ކަމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
އެ ކުންފުނިން ފްލެޓު ވިއްކާނެ ކަމަށް ބުނެ ގިނަ އަދަދެއްގެ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގައިގެން ފިލައިގެން އުޅެނިކޮށް ލަންކާއިން ހައްޔަރުކުރި އައްމަޓީ އެންމެ ފަހުން ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވަނީ މިދިޔަ މާރިޗް މަހުގެ 20ވަނަ ދުވަހުއެވެ. އައްމަޓީ ދޫކޮށްލީ މިދިޔަ ނޮވެމްބަރު މަހު ހައިކޯޓުގެ އަމުރަކަށް އޭނާ ބަންދުގައި ބަހައްޓައިފައި ވަނިކޮށް އޭނާގެ ބަންދު މުރާޖާކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައެވެ.
އައްމަޓީ ދޫކޮށްލަން ކްރިމިނަލް ކޯޓުން ހުކުމް ކުރި މައްސަލަ އިޖުރާއީ ގޮތުން ނުބެލޭނެ ކަމަށް ހައިކޯޓުން އެ މައްސަލަ އިސްތިއުނާފް ކުރަންޖެހޭ ވަގުތު ފާއިތުވި ފަހުން ދައުލަތުން އިސްތިއުނާފް ކޮށްފައިވާ ކަމަށް ބުނެއެވެ. އެފަދައިން ކޯޓު އަމުރެއް އިސްތިއުނާފްކުރަން ދައުލަތަށް ލިބެނީ 48 ގަޑިއިރެވެ.
އެގޮތުން ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓުން އައްމަޓީ ދޫކޮށްލީ މިދިޔަ މަހުގެ 20ވަނަ ދުވަހު ކަމަށްވާއިރު، އެ ކޯޓުގައި އެ މައްސަލަ އިސްތިއުނާފް ކޮށްފައި ވަނީ 48 ގަޑިއިރު ފާއިތުވި ފަހުން، މިދިޔަ މަހުގެ 23 ވަނަ ދުވަހު ކަމަށެވެ.
އެހެންކަމުން ހައިކޯޓުން ވަނީ އެ މައްސަލަ ނުބެލޭނެކަމަށް ނިންމައި ކޯޓުން ބޭރުކޮށްލައިފައެވެ.