ބޮލީވުޑް މުނިފޫހިފިލުވުން

އައިޝްވާރިޔާގެ ދަރިފުޅުގެ ވީޑިއޯއެއް ލީކުކޮށްލިކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އައިޝްވާރިޔާއާއި ދަރިފުޅު އަރާދިޔާ

އިންޑިއާގައި މީޑިއާތަކުން ފާރަލަނީ ހަމައެކަނި ސެލެބްރިޓީންނަށް އެކަންޏެއް ނޫނެވެ. ސެލެބްރިޓީންގެ ދަރިންނަށް ވެސް ޕަޕަރާޒީންގެ ލެންސްތައް ހުންނަނީ ހުއްޓިފައެވެ. ރީތީގެ ރާނީ އައިޝްވާރިޔާ ރާއީ ބައްޗަން އާއި އެކްޓަރު އަބީޝެކް ބައްޗަންގެ ދަރިފުޅު އަރާދިޔާ ބައްޗަންއަކީ އެގޮތުން އެންމެ އާންމުކޮށް ޕަޕަރާޒީންގެ ލެންސްތައް ހުއްޓިފައިވާ އެއް "ސެލެބްރިޓީ ކިޑް" އެވެ.

Ads by Sosun Fihaara

ދާދި ފަހުން އަރާދިޔާ އޭނާގެ ސްކޫލުގައި ހިންދީ ބަހުން ޅެމެއް ކިޔަނިކޮށް ނެގި ވަނީ ވީޑީއޯއެއް އާންމުވެފައެވެ. މިވީޑީއޯއަށް އެތައް ބައެއްގެ ސަމާލުކަން ހުއްޓުނެވެ. އަރާދިޔާ އަމިއްލައަށް ލިޔެ ހުށަހަޅައިދިން އެ ޅެން މޮޅުކަމާއި ފަށުވިކަމުގެ ވާހަކަ ސޯޝަލް މީޑިއާގައި ވެސް ދިޔައީ ދައްކަމުންނެވެ.

އަރާދިޔާގެ މުނި ކާފަ ހަރިވަންޝް ރާއީ ބައްޗަންއަކީ އިންޑިއާގެ ލެޖެންޑަރީ ޅެންވެރިއެކެވެ. ކާފަ އަމީތާބު ބައްޗަންއަކީ ވެސް ބަސްމަގުގައި ފަށުވިކަމެއް ހުންނަ މީހެކެވެ. އެހެން ނަމަވެސް ޅެންވެރިކަމުގެ ތެރޭގައި މާބޮޑެތި މަސައްކަތްތަކެއް އަމީތާބު ނުކުރެއެވެ.

ލީކުވި އަރާދިޔާގެ ވީޑިއޯއާއި ގުޅިގެން ބައެއް މީޑިއާތަކުން ވަރަށް މައްސަލަ ހޫނު ކުރިއެވެ. އެގޮތުން އެވީޑިއޯ ލީކުކޮށްލީ އަރާދިޔާގެ ސްކޫލުންކަމަށް މީޑިއާތަކުން ރިޕޯޓުކުރިއެވެ. އަބީޝެކްއާއި އައިޝްވާރިޔާގެ ސަޕޯޓަރުން ވެސް ސްކޫލު މެނޭޖުމެންޓަށް ވަރަށް އެއްޗެހި ކިއެވެ.

މައްސަލަ ހޫނުވެ ސްކޫލަށް ފިޔަވަޅު އަޅައިފާނެކަމަށް ބެލެވިފައި ވަނިކޮށް މިކަމާ ގުޅިގެން އަބީޝެކް ވަނީ ވާހަކަ ދައްކައިފައެވެ. އަބީޝެކް ބުނީ އެވީޑިއޯ ލީކުކޮށްލީ ސްކޫލުން ނޫން ކަމަށާއި އެއީ ޕަޕަރާޒީން ރެކޯޑުކޮށް އާންމުކުރި ވީޑީއޯއެއް ކަމަށެވެ.

އަބީޝެކް ބުނީ އެވީޑިއޯއާއި ގުޅިގެން އާއިލާގެ އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ. އަދި ޕަޕަރާޒީން ތިބެނީ އަރާދިޔާ ގެއިން ބޭރަށް އަޅާ ކޮންމެ ފިޔަވަޅަކަށް ވެސް ފާރަލާންކަމަށް އަބީޝެކް ބުންޏެވެ.

އަބީޝެކް ބުނީ ދައުރުވަމުންދާ ވީޑިއޯގައި އަރާދިޔާ ކިޔައިދޭ ޅެމަށް އާންމުންގެ ތަރުހީބު ލިބުމުން އެކަމާ އުފާކުރާކަމަށެވެ. އެހެންކަމުން އެވީޑިއޯގެ މައްސަލަ އިތުރަށް ހޫނު ނުކުރުމަށް ވެސް އޭނާ އެދުނެވެ.

އަރާދިޔާގެ ވީޑިއޯތައް ޕަޕަރާޒީން ރެކޯޑުކޮށް އާންމުކުރާތީ ކުރިން ވަރަށް މައްސަލަ ހޫނުވެއެވެ. އެހެން ނަމަވެސް މިހާރު އަބީޝެކްއާއި އާއިލާއިން މިކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!