ރޮޒައިނާ އިންތިއަށް: ފިތުނަވެރިކޮށްގެން ޕާޓީ އެކަތިގަނޑަކަށް ނުހެދޭނެ
ފިތުނަވެރިކޮށް ،ހަޑިކޮށް އަދި ރުޅިވެރިކަމާ އެކު ވާހަކަ ދައްކައިގެން ޕާޓީ އެކަތިގަނޑަކަށް ނުހެދޭނެ ކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ރައީސްކަމުގެ މަގާމަށް ވާދަކުރައްވާ އައްޑޫ ހުޅުމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ފޯރިގަދަ ކެންޕެއިންގައި ، އިމްތިޔާޒު ފަހުމީ ދައްކަވައިފައިވާ ވާހަކަފުޅެއްގެ ވީޑިއޯ ހިއްސާ ކުރައްވަމުން އިއްޔެ ކުރެއްވި ޓްވީޓެއްގައެވެ.
ޗެއަރޕަރސަން ކެނޑިޑޭޓް ، އިމްތިޔާޒު ފަހުމީ ލ.އަތޮޅު ގަމަށް ވަޑައިގެން ބޭއްވެވި ބައްދަލުވުމެއްގައި ދެއްކެވި އެ ވާހަކަފުޅުގައި އޭނާއާ ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލަށް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އިންތި ވިދާޅުވީ މިއުޅެނީ ވެރިކަމުގައި ބާކީ އޮތް ދޮޅު އަހަރަށް ޗެއަރޕަރސަންއެއް ހޮވަން ނޫން ކަމަށާއި އަދި މިއީ ވަޒީރުންގެ ރީތީގެ މުބާރާތެއް ވެސް ނޫން ކަމަށެވެ.
"މިއީ ވަޒީރުންގެ މެދުގައި އޮންނަ ރީތީގެ މުބާރާތެއް ނޫން ، އެހެންނަމައީ ހުސް ވަޒީރުން ކުރިމަތިލައިގެން އުޅޭނީ ، މިއީ އެމްޑީޕީއަށް ބޭނުންވާ ޗެއަރޕަރސަންއެއް ހޮވުމުގެ އިންތިޚާބެއް، ބަޣާވާތް ކުރީމާ މަގުމަތީގައި ތިބި މީހުން ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މި ޕާޓީ ބައިބައިކޮށް ޕާޓީގެ އުޞޫލުތަކާއި އަސާސްތައް މުގުރައި ހެދުމުގެ ފުރުސަތެއް މި އިންތިޚާބުގައި ތިބޭފުޅުން ނުދެއްވާނެކަމުގެ ޝައްކެއް އަޅުގަނޑުގެ ހިތަކު ނެތް"އިންތި ވިދާޅުވިއެވެ.
މި ވާހަކަތަކަށް ރައްދު ދެއްވައި ރޮޒައިނާ ވިދާޅުވީ އެމްޑީޕީއަކީ ސަރުކާރު ހިންގާ ޕާޓީކަން ޗެއަރޕަރސަންގެ މަގާމަށް ވަޑައިގަންނަވާ މީހަކަށް އެނގެން ޖެހޭ ކަމަށާއި މި އިންތިޚާބަކީ އިދިކޮޅު މުޒާހަރާއެއްހެން ސިފަވާ އިދިކޮޅު ސްޓައިލްގައި ތާށިވެފައި ހުރި މީހަކަށް މިކަމެއް ނުވާނެ ކަމަށެވެ. އަދި ޗެއަރޕަރސަންކަމުގެ މަގާމަށް ފައްޔާޒު ހޮވަން ޖެހޭ ސަބަބު އިންތިގެ ވާހަކަތަކުން ފެނިއްޖެކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ ޗެއަރޕަރސަންކަމުގެ މަގާމަށް އަންނަ މީހަކީ ސަރުކާރާއި ޕާޓީ ގުޅުވައި ޕާޓީގެ އާންމު މެމްބަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭ މީހަކަށް ވާން ޖެހޭނެ ކަމަށާއި "މިހައި ފިތުނަވެރިކޮށް ހަޑިކޮށް ރުޅިވެރިކަމާ އެކު ވާހަކަ ދައްކައިގެން ޕާޓީ އެކަތިގަނޑަކަށް ނުހެދޭނެ"ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަން ދޮޅުއަހަރުން ނިންމައިލާން އުޅޭ މީހަކު ޗެއަރޕަރސަންކަމުގެ މަގާމަށް ގެނައުމަކީ ކިހައި ބުއްދިވެރިކަމެއްތޯ ސުވާލު އުފައްދަވަމުން އޭނާ ވިދާޅުވީ ބޭނުންފުޅު ވަނީ ސަރުކާރާ ގުޅިގެން 2023ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނޭ މީހަކު ޗެއަރޕަރސަންކަމަށް ހޮވަން ކަމަށެވެ.