ރިޕޯޓް

ރޭ ނިޔާވި މީހާގެ އާއިލާ އިން އެދެނީ، ވަކި ބަޔަކަށް އިހުމާލު ވި ކަމަށް އިނގިލި ދިއްނުކޮށް، މައްޔިތާއަށް ހެޔޮ ދުއާ ކޮށްދިނުން

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި އުމުރުން 52 އަހަރުގެ ދިވެހި އަންހެނަކު އައިޖީއެމްއެޗްގައި ރޭ ގެ ވަގުތެެއްގައި ވަނީ ނިޔާވެފައެވެ.

Ads by MWSC

އެމީހާ ނިޔާވެފައިވަނީ ނޭވާލާން ދަތިވެގެން ހޮސްޕިޓަލަށް ދިޔުމުން ހެދި ކޮވިޑް ޓެސްޓު ފައްސިވިތާ ތިން ގަޑިއިރު ވެސް ނުވެ ކަމަށް ވުމާއެކު، އޭނާގެ މަރުވީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސިއްހީ ހިދުމަތްދޭ ފަރާތްތަކަށް ފާޑު ކިޔައި އިނގިލި ދިއްކުރަމުންނެވެ.

ނަމަވެސް އާއިލާއިން މި ވަނީ އޭނާގެ މަރާ ގުޅިގެން އާއިލާ މީހުންނާއި އެކުވެރިން އަދި ފިތުނަ އުފައްދާ ނޫސްތަކުން ހަޤީޤަތް އޮޅޭ ގޮތަށް ސުވާލު އުފައްދާތީ، އެކަމާއި ގުޅޭ ހަގީގަތް ހާމަކޮށްފައެވެ.

އެގޮތުން ފޭސްބުކުގައި ނިޔާވި އަންހެނާގެ ކޮއްކޮ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ދައްތަ އައިޖީއެމްއެޗް އަށް އިއްޔެ ދިއުމުގެ ކުރިން، މީގެ ހަފްތާއެއް ވަރު ކުރިން ގަދައަށް ހުން އައިސްގެން އޭޑީކޭ އަށް ދައްކާފައިވާ ކަމަށެވެ. ނަމަވެސް ކޮވިޑަށް ޓެސްޓު ކުރުމެއްނެތި، ޔޫރިން އިންފެކްޝަނެއް ކަމަށް ބުނެ އެންޓިބައޮޓިކް އެއް ދިނުމަށް ފަހު ގެއަށް ފޮނުވާލީ ކަމަށް އޭނާ ބުނެފައިވެއެވެ.

އޭނާގެ ދައްތަ އަކީ ކޮވިޑް19 ގެ ހައި ރިސްކު އޮތް މީހެއް ކަން އޭޑީކޭ އަށް ވެސް އެނގޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.

އަދި ދައްތަ ނިޔާވެފައިވަނީ ކޮވިޑަށް ފައްސިވުމާއެކު ހެން ފަރުވާ ދޭން ފެށިތަނާ ކަން އޭނާ ފާހަގަކޮށްފައިވެއެވެ. އެގޮތުން ވެންޓިލޭޓަރައް ލާން އުޅެނިކޮށް ވިންދު ނުލިބޭ ކަމާއި ދެން ލިބުނީ ދައްތަ ނިޔާވި ހަބަރު ކަމަށް އޭނާ ބުނެފައިވެއެވެ. އަދި އެ ދޭތެރޭގައި މާ ގިނަ އިރެއް ނުހިނގާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މީގެ އިތުރުން 'އިންސާފު ނުލިބޭ ދުނިޔެއެއްގައި' އެއްވެސް ފަރާތަކަށް އިހުމާލުގެ އިނގިލި ދިއްކުރަން އާއިލާ އިން ބޭނުން ނުވާ ކަމުގައި އޭނާ ބުނެފައިވެއެވެ.

އާއިލާގެ އެދުމަކީ ހުރިހާ ބޭފުުޅުން ވެސް މަރުހޫމް ގެ މައްޗަށްހެޔޮ ދުޢާ ކޮށްދިނުމެވެ.

މަރްޙޫމާގެ ފުރާނައަށް މާތް ﷲ ހެޔޮރަޙްމަތްލައްވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށި އާމީން. އަދި މިފަދަ ހިތްދަތި ވަގުތެއްގައި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން

إِنَّا لِلّهِ وَإِنَّـا إِلَيْهِرَاجِعُون

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!