ޕީޕީއެމް އޮފީސް ބޭރުގައި ހަރުކުރި "އިންޑިއާ އައުޓް" ބެނާ ނަގަން އަންގައިފި
ޕީޕީއެމް އޮފީސް ހިންގާ ހ. ހުރަފަ ބޭރުގައި ހަރުކުރި "އިންޑިއާ އައުޓް" ބެނާ ނަގަން އަންގަވައިފިއެވެ.
އެ އިމާރާތުގެ ވެރިފަރާތަށް ފޮނުވި ސިޓީއެއްގައި ފުލުހުން ވިދާޅުވީ، އިންޑިއާ އައުޓް ބެނާ ދަމާފައި ހުރުމަކީ ބައިނަލްއަގުވާމީ ގުޅުންތަކާއި އަވަށްޓެރި ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ދޭދޭ ގުޅުންތަކަށް އެކަމުގެ ނޭދެވޭ އަސަރުކޮށް، އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހީންގެ މަސްލަހަތު ގެއްލި، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދިވެހިންނަށް ގެއްލުން ލިބޭނެ އަމަލެއް ކަމަށެވެ.
އަދި އިންޑިއާ އައުޓް ބެނާ އާންމުކޮށް ފެންނަގޮތަށް ދަމައިފައި ހުރުމަކީ ވަކި ގައުމަކަށް ނިސްބަތްކޮށް، އެ ގައުމުގެ ގަދަރަށް އުނިކަން ލިބޭ ފަދަ އަމަލެއް ކަމަށާއި އެ އިމާރާތުގައި ހަރުކޮށްފައިވާ އިންޑިއާ އައުޓް ބެނާ ނަގަން އަންގާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ޕީޕީއެމްގެ އޮފީސް ހުންނަ އިމާރާތުގައި “އިންޑިއާ އައުޓް” ބެނާ ހަރުކޮށްފައިވާ އިރު އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދިރިއުޅުއްވާ އެ މަނިކުފާނުގެ ގެކޮޅުގެ ބޭރުގައި ވެސް 'އިންޑިއާ އައުޓް' ޖަހައިފައިވާ ބޮޑު ބެނާއެއް ވަނީ ހަރުކޮށްފައެވެ.
ރައީސް ޔާމީންގެ ހ.ދޫވެހީގައި ނަގައިފައިވާ، ދިވެހި ދިދައިގެ ކުލަތައް ކަމަށްވާ ފެއްސާއި ރަތާއި ހުދުގެ އެ ބެނާ ހުރީ އުސްކޮށް ނަގައި، ހަދަމުން އަންނަ އެ އިމާރާތުގެ ޓެރަހުން ފެށިގެން ތިރިއަށް އެލުވައިލައިފައެވެ.