ޙަޤީޤީ ޙާދިޘާ :ފަޤީރަކަށް ޙައްޖުވުމުގެ ފުރުޞަތު ލިބުމުގެ އަޞްލަކީ ތެދުވެރި ނިޔަތުގެ ގަދަ ބާރު
ތެދުވެރި ނިޔަތަކީ އީމާންކަމުގެ އަސާސެވެ. ބިންގަލެވެ. ހޯދައި ބަލަންވީ އެ ފަދަ ނިޔަތެއް ހިތުގައި އަށަގެންނެވޭތޯއެވެ. ފަހެ ، އީމާންކަން އޮތް ހިތެއްގައި ތެދުވެރި ނިޔަތެއް ސާބިތުކުރެވިއްޖެ ނަމަ ، އެ މީހަކަށް ހީވެސް ނުކުރާ ގޮތްގޮތަށް ﷲގެ މަދަދުވެރިކަން ލިބޭނެތެވެ. އެ މީހެއްގެ ހިތުގެ އެދުމާއި ނިޔަތް ﷲ ހިންމަވައި ދެއްވާނެތެވެ.
މިއީ އެފަދަ ކުރުކުރު ވާހަކައެކެވެ. ނަމަވެސް އިބުރަތުން ފުރިގެންވާ ހާދިސާއެކެވެ. ގާނާގެ ފަގީރު އަވަށެއްގައި ދިރިއުޅޭ ފަޤީރެއް ކަމަށްވާ އަލްޙަސަން ޢަބްދުﷲގެ ނިޔަތް ﷲ ފުއްދަވައި ދެއްވީ ހީނުކުރާހާ ފަދައަކުންނެވެ.
ފަޤީރުކަމާ އެކު ވެސް އޭނާގެ ހިތުގެ އެދުމަކަށްވީ ކައުބަތުﷲ ގެފުޅަށް ގޮސް ޙައްޖުވުމެވެ. މިކަމަށް މެދުވެރިވީ އޭނާގެ އަވަށަށް ގޮސް އުޅުނު ތުރުކީގެ ނޫސްވެރީންތަކެކެވެ. ނޫސްވެރީން އެ ސަރަހައްދުގެ ވީޑިއޯ ނެގުމަށް ޓަކައި ބޭނުންކުރި ޑްރޯން ޢަބްދުﷲއަށް ފެނުނެވެ. އަދި އެއީ ކޯއްޗެއްކަން ނޭނގި ، އޭނާ މައްކާއަށް ގެންދެވޭނެ ފަދަ، އެ ފަދަ ބޮޑު ޑްރޯންއެއް އެ މީހުން އަތުގައި އޮތްތޯ ނޫސްވެރީންނާ ސުވާލުކުރިއެވެ.
މިކަން ވީ ނޫސްވެރީންގެ ސަމާލުކަން ހޯދި ކަމަކަށެވެ. އެކަން ނޫހުން ކަވަރކުރުމުން ތުރުކީ ސަރުކާރުގެ ވަރަށް ބޮޑު ސަމާލުކަމެއް މި ހާދިސާއަށް ދިނެވެ. އަދި އެ ގައުމުން އަލްޙަސަން ޢަބްދުﷲގެ ހުވަފެން ޙަޤީޤަތަކަށް ހަދައިދިނުމަށް ނިންމައި އެކަން ފުރިހަމަކޮށްދިނެވެ.
މިއީ ތެދުވެރި ނިޔަތުގެ ބާރުގަދަކަން ވިސްނައިލެވޭ ހާދިސާއެކެވެ. އެތައް ސަތޭކަ ޑޮލަރެއް ޚަރަދުކޮށްގެން ނޫނީ ނުދެވޭ މައްކާގެ މާތް ބިމަށް އެހައި ފަޤީރަކު ވެސް ގެންދެވުމަށް ﷲ މިންވަރުކުރެއްވި ގޮތެވެ.