އާލިއާގެ ކައިވެނީގެ ހެދުން މީގެ ކުރިން އެހެން މީހުން ލިތަ؟

ބޮލީވުޑްގެ މިއަހަރުގެ ބޮޑެތި ކައިވެނިތަކުގެ ތެރެއިން އެއް ކައިވެނި މިމަހު 14ވަނަ ދުވަހު ކުރެވިގެން ދިޔައެވެ. ބޮލީވުޑްގެ ޝާހީ އާއިލާއަށް ނިސްބަތްވާ ރަންބީރް ކަޕޫރާއި ބަތަލާ އާލިއާ ބަޓްގެ ކައިވެނި ކުރެވުނީ ބޮޑު ހަފްލާއެއްގައެވެ. އެހެން ނަމަވެސް ދައުވަތު އެރުވީ މަދު މީހަކަށެވެ. އެއާއެކު ވެސް އެކައިވެނީގެ ހަފްލާގެ އަގު މިލިއަނުން އަރައިގެން ދެއެވެ.
ބޮލީވުޑްގެ ކޮންމެ ބަތަލާއެއްގެ ކައިވެންޏާ އެކު ވެސް އެކި ކަންކަމަށް މީޑިއާގެ ޝައުގު ހުއްޓެއެވެ. އާލިއާއާއި ރަންބީރުގެ ކައިވެންޏާ އެކު މިހާރު ސަމާލުކަން ހޯދަމުން މިދަނީ އާލިއާ ލައިގެން ހުރި ހެދުމަށެވެ. ވަރަށް މަޑުމަޑު އައިވޮރީ ކުލައިގެ ސާޅިއެކެވެ. ޝާހީ ގޮތަކަށް ފަރުމާކޮށް ފަހައިފައިވާ އެ ސާޅިއަކީ ޑިޒައިނަރ މަނީޝް މަލޯތުރާގެ ހެދުމެކެވެ.
ޖުމްލަ ތިންހާސް ގަޑިއިރު ހޭދަކޮށްގެން ހަދައިފައިވާ އެ ސާޅީގައި ބޭނުންކޮށްފައިވާ ފޮތިތައް ވަނީ މަނީޝް އަމިއްލައަށް ފަރުމާކޮށްފައެވެ. އެހެން ނަމަވެސް އާލިއާގެ ސާޅިއާއި އެހެން ބައެއް ބަތަލާއިން މީގެ ކުރިން ލައިފައިވާ ހެދުންތަކާ ވަރަށް ވައްތަރުވެއެވެ. މިކަން ސަމާލުކަމަށް އައީ ބައެއް ފޭނުން ސޯޝަލް މީޑިއާގައި ފޮޓޯތައް ދައުރުކުރަން ފެށުމުންނެވެ.

2020ވަނަ އަހަރު ބަތަލާ ކަންގަނާ ރަނައުއަތު އޭނާގެ ބޭބެގެ ކައިވެނި ހަފްލާއަށް ސަބްޔާސަޗީ ބްރޭންޑުގެ ސާޅިއެއް އެޅިއެވެ. އައިވޮރީ ކުލައިގެ އެ ސާޅިއާއި އާލިއާގެ ކައިވެނީގެ ސާޅިއާ ވަރަށް ވައްތަރެވެ. ބޭނުންކޮށްފައިވާ ބައެއް ގަހަނާތައް ވެސް ވަރަށް އެއްގޮތެވެ. މިއާ އެކު އާލިއާގެ ކައިވެނީގެ ހެދުން އިންސްޕަޔާވީ ކަންގަނާގެ ހެދުމުންތޯ ސަޕޯޓަރުން ދަނީ ސުވާލު އުފައްދަމުންނެވެ.

ހަމަ އެ ޑިޒައިންގެ ސާޅިއެއް ބަތަލާ ސޯނަމް ކަޕޫރު ވެސް މީގެ ކުރިން ލިއެވެ. އެހެން ނަމަވެސް އެ ސާޅީގެ ޑިޒައިންއާއި އާލިއާގެ ސާޅިއާ ވަރަށް ތަފާތެވެ. ހަމައެކަނި އެއްގޮތް ވަނީ ފޮތިގަނޑެވެ.
އާލިއާގެ ސާޅިއަށް ބޮޑު ހޭދައެއް ކުރި ނަމަވެސް އެއީ މީގެ ކުރިން އެހެން މީހުން ލައިފައިވާ ކޮޕީ ޑިޒައިނެއްކަމަށް ގިނަ ބަޔަކު މިހާރު ދަނީ ފާޑު ކިޔަމުންނެވެ. އެއާ އެކު ވެސް އާލިއާއަކީ އަހަރުގެ އެންމެ ރީތި ބްރައިޑުކަން ހަމަ ޔަގީނެވެ.
ބަލަ ދެމީހުންގެ ހެދުންވެސް ޑިޒައިންކުރީ ތިބުނާ ސަބްޔަސާޗީ އޭ. މަނީޝއެއްނޫނ