ތިމަރަފުށީ ފުޓްބޯޅަ ދަނޑަށް ގެއްލުންދިން މައްސަލަ ޕީޕީއެމްއިން ކުށްވެރިކޮށްފި

ތ. ތިމަރަފުށީ ޓާފް ފުޓުބޯޅަ ދަނޑު ނިންމައި ހުޅުވުމަށް ތައްޔާރުވެފައި ވަނިކޮށް އެ ދަނޑަށް ގެއްލުންދީ ދަނޑު ހަލާކުކޮށްލައިފައި ވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެކަން އިދިކޮޅު ޕީޕީއެމްއިން ކުށްވެރިކުރައްވައިފިއެވެ.
ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ތިމަރަފުށީ ދަނޑު ހަލާކުކޮށްލައިފައި ވާތީ އެކަން ކުއްވެރިކުރާ ކަމަށާއި އެކަން ކުރީ ކޮންމެ ބަޔަކު ކަމުގައިވީ ނަމަވެސް، އެއީ ވަރަށް ދަށު ދަރަޖައިގެ ފިނޑި ޢަމަލެއް ކަމަށާއި އެޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށާއި، ރައްޔިތުންގެ ލާބައާއި މަންފާއަށް ހިންގޭ މަޝްރޫޢުތަކަށް ގެއްލުންދީ ރައްޔިތުންނަށް ނިކަމެތިކަން ދިނުމަށް ހިންގާ އެއްވެސް ޢަމަލަކީ އެ ޕާޓީން ބަލައިގަންނާނޭ ކަމެއް ނޫން ކަމަށާއި އެކަމަކީ އެއްވެސް ވަރަކަށް ތަރުޙީބުދޭ ކަމެއް ނޫން ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ޕީޕީއެމްއިން ވަނީ އެކަން ކުރި ބަޔަކާއި މިކަމުގެ އަޑީގައި ތިބި ބަޔަކު ހޯދައި ޤާނޫނުގައިވާ ގޮތުގެ މަތިން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް ގޮވައިލައްވައިފައެވެ.
އަދި ރަށުގެ ތަރައްޤީއަށް ހުރަސް އެޅުމާއި ރަށުގައި ޤާއިމު ކުރެވިފައިވާ ރައްޔިތުންގެ ތަންތަނާއި މުދަލާއި ތަކެއްޗަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ޕީޕީއެމުން ވަނީ އިލްތިމާސްކުރައްވައިފައެވެ.







ކޮމެންޓް