ކަސްޓަމްސްގެ މުވައްޒިފުން ތަޖުރިބާ ދަތުރެއްގައި އިންޑިއާއަށް
މެއި މަހުގެ 9- 13އަށް އިންޑިއާގެ މުމްބާއީގައި ހުންނަ އެން.އޭ.ސީ.އައި.އެން ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ ތަޖުރިބާ ދަތުރެއްގައި ކަސްޓަމްސްގެ ސުޕަވައިޒަރީ ލެވެލްގެ 20 އޮފިސަރުން އިންޑިއާއަށް ދާ ގޮތަށް ހަމަޖެހިއްޖެއެވެ.
މިއީ ކަސްޓަމްސްގެ ދާއިރާއިން ޤާބިލްކަން އިތުރުކުރުމަށް ޖޫން 2019ގައި އިންޑިއާއާއި ރާއްޖެއާ ދެމެދުގައި ސޮއި ކުރެވުނު އެމް.އޯ.ޔޫގެ ދަށުން ކުރަން ހަމަޖެހިފައިވާ ދަތުރެކެވެ.
މިއަދު ކަސްޓަމްސް އޮފީހުގައި ވަނީ މި ދަތުރާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ރަސްމިއްޔާތެއް ބާއްވައިފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް އަބްދުﷲ ޝަރީފް ވަނީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ފަސޭހަކަމާ އެކު ޚިދުމަތް ފޯރުކޮށް ދިިނުމަށް ޓަކައި މިފަދަ ޕްރޮގްރާމްތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ.
މި ރަސްމިއްޔާތުގައި އިންޑިއާގެ ސަފީރު މުނު މަހާވަރު ވެސް ވާހަކަފުޅު ދެއްކެވިއެވެ. އޭނާ ވިދާޅުވީ ތަމްރީނާއި ޤާބިލިއްޔަތުކަން އިތުރުކުރުމަކީ، އިންޑިއާއާއި ދިވެހިރާއްޖޭގެ ގުޅުމުގެ މުހިންމު ތަނބެއް ކަމަށެވެ. ހަމަ އެއާ އެކު މޯލްޑިވްސް ކަސްޓަމްސްއިން އެދިފައިވާ މިންގަނޑަށް މި ޕްރޮގްރާމްތައް ފަރުމާކުރެވިފައިވާތީ އުފާކުރައްވާކަމުގައި ވިދާޅުވިއެވެ.އަދި ބައިވެރިންނަށް ތަޖްރިބާ ލިބިގަނެ ތަޖްރިބާއާއި މަޢުލޫމާތުޙިއްސާކޮށްގެން އުނގެނުމަށް ނަސޭޙަތްތެރިވިއެވެ.
ކަސްޓާމްސްގެ ދާއިރާއިން ޤާބިލްކަން އިތުރުކުރުމަށް އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ސޮއިކުރެވުނު އެމް.އޯ.ޔޫގެ ދަށުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮފިޝަލުންގެ އެކި ބެޗްތައް އިންޑިއާގެ ސެންޓްރަލް ބޯރޑް އޮފް އިންޑައިރެކްޓް ޓެކްސް އަދި ކަސްޓަމްސް(ސީ.ބީ.އައި.ސީ)ގެ ދަށުން ނެޝަނަލް އެކަޑަމީ އޮފް ކަސްޓަމްްސް، އިންޑައިރެކްޓް ޓެކްސް އަދި ނަރކޮޓިކްސްގައި ތަމްރީން ދެވިގެންދާނެއެވެ. މިހައިތަނަށް ކަސްޓަމްސްގެ 80 އޮފިޝަލުން ވަނީ އިންޑިއާގައި ތަމްރީންކުރެވިފައެވެ. މި ތަމްރީނުތައް ކޮވިޑް-19 ޕެންޑެމިކް ތެރޭގައި ހިންގައިފައި ވަނީ އޮންލައިންކޮށެވެ.
2022 އަދި 2023ވަނަ އަހަރަށް "ކާގޯ ޕްރޮފައިލިންގް އަދި ރިސްކް މެނޭޖްމަންޓް"، "ކަސްޓަމްސް އިންޑަކްޝަން ޓްރެއިނިންގް ޕްރޮގްރާމް" ، "އިންޓެލިޖެންސް އިންފޯރމޭޝަން އެންޑް އިންވެސްޓިގޭޝަން" އަދި "ޑްރަގް ލޯ އެންފޯރސްމެންޓް" ފަދަ ދާއިރާތަކުން ޚާއްޞަ ދަތުރުތަކާއި ތަމްރީންތަކުގެ ޕްރޮގްރާމްތައް ވަނީ ރޭވިފައެވެ. މި ޕްރޮގްރާމްތަކުގެ ދަށުން 120 އޮފިސަރުން ތަމްރީން ކުރެވޭނެއެވެ،