ރައީސް ނަޝީދަށް އިންސާފު ހޯދައިދިނުމަށް ސާބިތުކަމާ އެކު ދެމިތިބޭނަން: ރައީސް ޞާލިޙް

ރައީސް ނަޝީދަށް އިންސާފު ހޯދައިދިނުމަށް ސާބިތުކަމާ އެކު ދެމިތިއްބަވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް ވިދާޅުވީ މީގެ އަހަރެއް ކުރިން ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއިން އެ މަނިކުފާނު ސަލާމަތްވީތީ ﷲއަށް ޝުކުރު ކުރައްވާ ކަމަށެވެ.
އަދި މެއި މަހުގެ 6ވަނަ ދިވެހި މުޖުތަމައަށް ކުއްލި ސިހުމެއް ލިބިގެން ދިޔައީ ދިވެހި ފަސްގަނޑުގައި ދެވުނު އެންމެ ނުރައްކާތެރި އެއް ޓެރަރިސްޓު ހަމަލާއާ އެކު ކަމަށާއި ޖަރީމާ ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގައި ސާބިތުވެ ތިބޭނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއަށް އަހަރެއް ވެގެންދިޔަ އިރު އެ ހަމަލާގެ ފުރިހަމަ ތަހުގީގެއް އަދިވެސް ހެދިފައި ނުވާކަމަށާއި އިންސާފު ގާއިމްވެފައި ނުވާ ކަމަށް ބުނެ އެ މަނިކުފާނުގެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިދިޔަ އަހަރުގެ އެ ދުވަހު ގ. ކެނެރީގެއިން ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރުއްވަން ދިޔަ މަގުމަތީގައި، ސައިކަލެއްގައި ހަރުކޮށްފައި އޮތް ބޮމެއް ގޮއްވައިލައިގެން ރައީސް ނަޝީދަށް ދިން އެ ހަމަލާގެ ސަބަބުން އެ މަނިކުފާނަށް ވަރަށް ބޮޑެތި ޒަޚަމްތަކެއް ލިބުނެވެ. އެ ޒަޚަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމަކުން ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް، ވަރުގަދަ ސެކިއުރިޓީއަކާ އެކު އެ މަނިކުފާނު ޖަރުމަނަށް ފޮނުއްވިއެވެ. ޖަރުމަނުގައި ގިނަ ދުވަސްތަކެއް ފަރުވާފައި ހޭދަ ކުރެއްވުމަށް ފަހު އަނެއްކާ ވެސް އިތުރު ފަރުވާއަށް އެ މަނިކުފާނު ވަޑައިގަތީ އިނގިރޭސިވިލާތަށެވެ.
ރައީސް މުހައްމަދު ނަޝީދަށް ދިން މިހަމަލާ ދިނުމުގައި އަމަލީގޮތުން ހަރަކާތްތެރިވި މީހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.