ފިޔަވަޅުތައް ވަރުގަދަކޮށް ބައިބަލާ މުބާރާތް ފަށަނީ
ފުލުހުންގެ އެދުމަށް ފަސްކުރި މި އަހަރުގެ ބަައިބަލާ މުބާރާތް ކުރިއަށް ގެންދަން ނިންމައިފައިވާ ކަމަށް ބައިބަލާ އެސޯސިއޭޝަނުން ހާމަކޮށްފިއެވެ.
ބައިބަލާ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ އެސޯސިއޭޝަނަކީ ރާއްޖޭގައި އޮތް ސަގާފީ ކުޅިވަރާ ގުޅުން ހުރި ހަމައެކަނި އެސޯސިއޭޝަން ކަމަށާއި ބައިބަލާއާ މުޖްތަމައުގައި ހިނގާ ކުށްތަކާއި ގުޅުވުން ކުށްވެރިކުރާ ކަމަށެވެ. އަދި މިއީ ގިނަ ޒުވާނުންގެ މަސްލަހަތާ ގުޅުން ހުރި ކުޅިވަރެއްކަން ގަބޫލުކުރާ ކަމަށާއި ކޮވިޑް-19ގެ ބަލިމަޑުކަމަށް ފަހު މި މުބާރާތް އަލުން މި އަހަރު ބޭއްވުމަށް ސަރުކާރުން ހުއްދަ ދީފައިވާކަން ފާހަގަކުރިއެވެ.
އެގޮތުން މިއަހަރުގެ މުބާރާތުގައި 34 ޓީމަކުން 1000އަށް ވުރެ ގިނަ ޒުވާނުން މި މުބާރާތުގައި ބައިވެރިވެފައިވާ ކަމަށާއި މުބާރާތް ފަސްކުރިއިރު ޓީމުތަކުން ބައިބަލާ ރިންގް އަޅައި ޕްރެޓިކްސް ފަށައި އަދި ޖާޒީ ޕްރިންޓްކޮށް ގިނަ ހަރަދުތަކެއް ކޮށްފައިވާ ކަމަށް ވެސް އެ އެސޯސިއޭޝަނުން ހާމަކުރިއެވެ.
އެހެންކަމުން މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކާއި ބައިބަލާ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ މަޝްވަރާކޮށް މުބާރާތް ކުރިޔަށް ގެންދިޔުމަށް ގޮތްތަކެއް ނިންމައިފައިވާ ކަމަށާއި މުބާރާތުގެ އިންތިޒާމްތައް މިހައިތަނަށް ރޭވިފައި ވަނީ ފުލުހުންގެ އިރުޝާދުގެ ދަށުން ކަމަށް ބުނެފައިވެއެވެ.
މީގެ އިތުުރުން ފުލުހުން އެދުނު ގޮތަށް ބައިބަލާ ކުޅެން ހަމަޖެހިފައިވާ ތަނާއި އެ ތަނުގައި ކެމެރާ ހަރުކުރުމާއި ސަޕޯޓަރުން ވަކިވާނެހެން ތަނުގެ އިންތިޒާމްތައް ހަމަޖައްސައިފައިވާ ކަމަށް ވެސް ބުނެގައި ވެއެވެ.
މި މުބާރާތުގެ މެޗުތައް ކުޅެވިގެންދާނީ ނޮކްއައުޓް އުސޫލުން ކަމަށް ބައިބަލާ އެސޯސިއޭޝަނުން ބުނެއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައެޅިފައި ވެއެވެ. ރަނަރަޕް ޓީމަށް ސާޅީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅައިފައެވެ.