މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހަ މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އދ. މަހިބަދޫ، އއ. މަތިވެރި އަދި ގއ. ވިލިނގިލީގައި ހިންގި އޮޕަރޭޝަންތަކެއްގައި ދިވެހި ފަސް ފިރިހެނުންނާއި ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
އެ އޮޕަރޭޝަންތަކުގެ ތެރެއިން، މަހިބަދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 13ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި 24އ މީހަކާއި، 31އ މީހަކާއި، 35އ މީހަކާއި، 38އ މީހަކާ އަދި 40 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ.
އެ އޮޕަރޭޝަނުގައި، އެ މީހުން ތިބި ގެ، ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 12 ހޮޅިކޮޅު ފެނިފައިވެއެވެ. މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މަތިވެރީގައި ހިންގި އޮޕަރޭޝަނަކީ ވެސް އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މަހު 12ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 29 އަހަރުގެ ބިދޭސީ ފިރިހެނެއް ހައްޔަރުކޮށްފައި ވެއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ރަށުތެރެއިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓް ފެނުމާ ގުޅިގެންނެވެ.
އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މަތިވެރި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
ވިލިނގިލީގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. ވިލިނގިލީގައި މަސައްކަތްކުރާ ފުލުހުންނާއި، އިންޓެލިޖެންސް ގުޅިގެން މި މަހު 12ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅު ހޯދައިފައިވެއެވެ.
މި ތިން މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.