ޚަބަރު

ފޮރިން ސަރވިސް ޤާއިމްކުރެވުމުން ކުރިއެރުން ލިބިގެންދާނެ: މިނިސްޓަރު ޝާހިދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވަކި ޚިދުމަތެއްގެ ގޮތުގައި ފޮރިން ސަރވިސް ޤާއިމްކުރެވުމުން އެ ޚިދުމަތުގެ މަސައްކަތް ހަލުވިވެ، ކުރިއެރުން ލިބިގެންދާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އަބްދުﷲ ޝާހިދު މިހެން ވިދާޅުވެފައި ވަނީ ފޮރިން ސާވިސް ޤާނޫން ތަންފީޒް ކުރަން ފެށުމާ ގުޅިގެން ދެއްވި ޚިތާބެއްގައެވެ.

އަބްދުﷲ ޝާހިދު ވިދާޅުވީ، މި ޤާނޫނު ތަންފީޒް ކުރަން ފެށުމަކީ، ދިވެހިރާއްޖޭގެ ޚާރިޖީ ދާއިރާގެ މުވައްޒަފުންގެ ވަރަށް ބޮޑު އުއްމީދެއް ހަޤީޤަތަކަށް ވެގެން ދިޔަ ކަމެއް ކަމަށެވެ.

އަބްދުﷲ ޝާހިދު އިތުރަށް ވިދާޅުވީ، ތަންފީޒުކުރަން ފަށާ ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނަކީ ޚާރިޖީ ސިޔާސަތު ހިންގުން ހަރުދަނާކުރެއްވުމަށް ރައީސް ޞާލިޙް ގެންގުޅުއްވާ ތަޞައްވަރުގެ ނަތީޖާ ކަމަށެވެ. އަދި ރައީސް ޞާލިޙަށް ވަނީ ޝުކުރު ދަންނަވައިފައެވެ.

އަބްދުﷲ ޝާހިދު ވިދާޅުވީ، ދިވެހިރާއްޖޭގެ ފޮރިން ސަރވިސްއަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެންމެ ކުރީ ސަފުގައި އަބަދުވެސް ތިބެންޖެހޭނެ ބައެއް ކަމަށާއި އެއީ ފަސްޓް ލައިން އޮފް ޑިފެންސް ކަމަށެވެ.

"ފޮރިން ސާވިސްގެ އެންމެ އިސް ވާޖިބަކީ ރާއްޖޭގެ މިނިވަންކަމާއި ރައްކާތެރިކަން ދެމެހެއްޓުމުގެ އިތުރަށް، ބައިނަލްއަގްވާމީ މުޖުތަމައުގައި ގައުމީ ސިޔާދަތަށް އިހުތިރާމު ކުރުން އިތުރުކުރުމާ އެކު ޒިންމާތައް ފުރިހަމައަށް އަދާކުރުމުގައި ދެމި ތިބުންކަން" މިކަން ކުރުމުގައި ޚާރިއްޔާއިން ދެގޮތެއް ނުވެ އިޚްލާސްތެރިކަމާ އެކު ތިއްބަވާނެ ކަމަށް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!