ލުއި ޚަބަރު

ކޮލެރާއިން ސަލާމަތްވޭތޯ ބުނި ނަދުރު ފުއްދުމަށް ބިނާކުރެވުނު ޗާންމިނާރު

މުޙައްމަދު އަރީޙް ، ދެން އޮންލައިން
ޗާންމިނާރު.. ދެން އިމޭޖްސް

(ހައިދްރަބާދް، އިންޑިއާ) އިރުމަތީގެ އާކް ޑި ޓްރައިއަމްފްގެ ނަމުން ނަންދެވިފައިވާ އަދި ހައިދަރުއާބާދުގެ އެންމެ ފާހަގަކޮށްލެވޭ ބިނާ ކަމަށްވާ ޗާމިނާރު ބިނާކޮށްފައި ވަނީ 16ވަނަ ގަރުނުގައި އެ ސިޓީއަށް ކުރިމަތިވި ކޮލެރާގެ ބަލިމަޑުކަމުން ސަލާމަތްވުމުން އެކަން ފާހަގަ ކުރުމަށެވެ.

Ads by STELCO

އާކިއޮލޮޖިކަލް ސަރވޭ އޮފް އިންޑިއާގެ ދަށުން ލިސްޓްކޮށްފައިވާ މި ޗާމިނާރު ބިނާކުރި ސަބަބާ ބެހޭ ގޮތުން ތިއަރީތައް ގިނައެވެ. ނަމަވެސް ތާރީޚް ލިޔުންތެރިން ބުރަވާ ތިއަރީ ތިރީގައި ބަޔާންކޮށް މިލަނީއެވެ.

ޗާން މިނާރު ބިނާ ކުރެއްވީ މުޙައްމަދު ޤުލީ ޤުޠުބު ޝާހުގެ ވެރިކަމުގައެވެ. އޭރުގެ ވެރިރަށް ގޯލްކޮންޑާގައި ދިމާވި ފެނުގެ ދަތިކަމުގެ ސަބަބުން މުޙައްމަދު ޤުލީ ހައިދަރުއާބާދަށް ވެރިކަން ބަދަލު ކުރެއްވިއެވެ. އޭނާގެ ވެރިކަން ހައިދުރަބާދަށް ބަދަލު ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އެ ސިޓީއަށް ކޮލެރާގެ ބަލިމަޑުކަމާ ކުރިމަތިލާން ޖެހުނެވެ. އަދި އެ ބަލީގައި ގިނަ ބަޔަކު މަރުވިއެވެ.

ޗާންމިނާރަކީ ކޮރަލާގެ ބަލިމަޑުކަން ފިއްލަވައިތޯ، ﷲގެ ޙަޟްރަތުގައި މުޙައްމަދު ޤުލީ ޤުޠުބު ޝާހު ނަމާދު ކުރަން ހުންނެވި ތަނެވެ. ތާރީޚް ފަތްފުތްތަކުން ބުނާ ގޮތުގައި، ކޮލެރާގެ ބަލިމަޑުކަމުން ސަލާމަތްވެއްޖެ ނަމަ މިސްކިތެއް ބިނާ ކުރައްވާނެ ކަމަށް މުޙައްމަދު ޤުލީ ޤުޠުބު ޝާހު ނަދުރެއް ބުނުއްވިއެވެ. އޭގެ ފަހުން އެ ބަލިމަޑުކަން ފިލައިދިޔުމުން މުޙައްމަދު ޤުލީ ޤުޠުބު ޝާހުގެ އަމުރަށް އޭނާ ނަމާދު ކުރި ތަނުގައި ޗާންމިނާރު ބިނާ ކުރެވުނެވެ. ޗާންމިނާރުގެ އެންމެ މަތީ ފަންގިފިލާގައި މިސްކިތެއް ހުރެއެވެ. އެ މިސްކިތަށް އެރެވެނީ 149 ސިޑިންނެވެ.

ފާރިސީ ލިޔުންތަކުގައިވާ ގޮތުން ޗާން މިނާރު ބިނާ ކުރެވުނީ 1591ވަނަ އަހަރުއެވެ. އެއީ ހިޖުރައިން 1000ވަނަ އަހަރު ރަސޫލާގެ ހިޖުރައައަށް އެއް ހާސް އަހަރު ފުރު ހަނދާނީ ދުވަހާ ދިމާކޮށެވެ.

ހައިދުރައާބާދުގެ މުސްކުޅި ސިޓީ ބިނާކޮށްފައި ވަނީ ޗާމިނާރުގެ ވަށައިގެން، ޗާންމިނާރަކީ މެދު ކަމަށް ބަލައިގެންނެެވެ. ހައިދުރައާބާދުގެ މުސްކުޅި ސިޓީއަކީ އިސްލާމީ ވެރިކަމުގައި ބިނާ ކުރެވުނު ވަށައި ފާރުލީ ސިޓީއެކެވެ. މި ފާރުން ބޮޑު ބައެއް ވެއްޓުނީ 1906ވަނަ އަހަރު ދިމާވި މުސީ ފްލަޑްގެ ނަމުން މަޝްހޫރު ފެންބޮޑުވުމުގެ ހާދިސާގައެވެ. އަދި އޭގެ ފަހުން އައު ހައިދުރައާބާދު ބިނާ ކުރަން 1960ވަނަ އަހަރުގެ ތެރޭގައި މި ފާރުން ބޮޑު ބައެއް ތަޅައިލެވުނެވެ. 13 ދޮރޯއްޓާ އެކު މުޅި ސިޓީ ވަށައިގެން ފާރެއް ރާނައިފައި އޮތް ހައިދުރައާބާދުގައި މިހާރު ވެސް ދެ ދޮރެއް ފަތުރުވެރިންނަށް ދައްކާލުމަށް ޓަކައި ކުރީގެ ގޮތަށް ބަހައްޓައިފައި ހުރެއެވެ.

މުސީ ކޯރުގެ އިރުމަތީ އައްސޭރީގައި އޮންނަ ޗާންމިނާރުގެ އިރުހުޅަނގު އޮންނަނީ ލާދު ބާޒާރެވެ. އަދި ހުޅަނގު ދެކުނުގައި ހުންނަނީ މައްކާ މަސްޖިދެވެ.

ޗާމިނާރަކީ އުރުދޫ ބަހުން ހަތަރު މިނާރު ނުވަތަ ހަތަރު ތަނބެވެ. މި މޮނިއުމަންޓްގެ ވަށައިގެންވާ ސަރަހައްދަށް ވެސް ޗާމިނާރު ކިޔައެވެ. އެކަމަކު އަސްލު މި ތަނަކީ މި މޮނިއުމަންޓްގެ ހަތަރު ތަނބެވެ.

ހައިދުރައާބާދަށް ޒިޔާރަތް ކޮށްފި ނަމަ މިއީ ނުގޮސް ދޫކޮށްލާ ވަރުގެ ތަނެއް ނޫނެވެ. މި ތަނުގެ ޖެހިގެން އޮންނަ ލާދު ބާޒާރުގެ ހަލަބޮލިކަން ޗާން މިނާރާ ހަމައަށް އައިސްފައިވެއެވެ. ޗާންމިނާރުގެ ވަށައިގެން ވެސް މި ބާޒާރުގައި އެއްޗެހި ވިއްކާ މީހުން ހަރަކާތްތެރިވެއެވެ. ހައިދުރައާބާދުގެ މަޝްހޫރު ކެއުންތަކާއި ބުއިންތައް މިތަނުން ލިބެއެވެ.

ހުޅަނގު ދެކުނުގައި ހުންނަ މައްކާ މަސްޖިދަކީ ވެސް ބޮޑު ތާރީޚެއް އޮތް ތަނެކެވެ.

މައްކާ މަސްޖިދުގެ ބޭރުން ނަގާފައިވާ ފޮޓޯއެއް

މި މިސްކިތް ވެސް ބިނާ ކުރައްވަން ފެއްޓެވީ، މުޙައްމަދު ޤުލީ ޤުޠުބު ޝާހުއެވެ. މިތަނަށް މައްކާ މަސްޖިދު ކިޔުނީ މި ތަން ބިނާ ކުރުމަށް ބޭނުން ކުރި ގަލަކީ މައްކާގެ ބިމުން ގެނައި ވެލިން ހަދައިފައިވާ ގަލަށް ވުމެވެ. 1617ވަނަ އަހަރު ބިނާ ކުރަން ފެށި މި މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމައިލެވިފައި ވަނީ، 1693ވަނަ އަހަރުއެވެ. މި މިސްކިތް ބިނާ ކުރުމަށް 8،000 މަސައްކަތްތެރިން އުޅުނު ކަމަށް ބުނެއުޅެއެވެ. މައްކާ މަސްޖިދަކީ އިންޑިއާގައި ހުރި އެންމެ ޖާގަ ބޮޑު މިސްކިތެވެ. މި މިސްކިތުގައި އެއްފަހަރާ 10،000 މީހުންނަށް ނަމާދު ކުރެވެއެވެ.

2008ވަނަ އަހަރު މި މިސްކިތުގައި ބޮމެއް ގޮއްވައިލައި 13 މީހަކު ޝަހީދުކޮށްލުމާ ގުޅިގެން މިތަނުގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައެވެ. މިސްކިތަށް އަރަން ޖެހެނީ ވެސް މެޓަލް ޑިޑެކްޓާއެއް ތެރެއިންނެވެ. އަދި ދަބަސް ފަދަ ތަކެތި މިސްކިތަށް ވެއްދުން ވެސް މަނަލެވެ.

މަތީގައި އެވަނީ އަޅުގަނޑުމެން ހައިދްރަބާދަށް ކުރި ދަތުރުގައި ނަގާފައިވާ ބައެއް ވީޑިއޯ ކޮޅުތަކެވެ.

Ads by Ooredoo
  1. ސައީދު

    އެތަނަށް ކިޔަނީ ޗާމީނާ އެކޭއެއްނޫން އެތަނުގެ ނަމަކީ ޗާރުމީނާރު