ބޮލީވުޑް މުނިފޫހިފިލުވުން

ކައިވެންޏާ ބެހޭ ގޮތުން ސުވާލުކުރުމުން ކިއާރާ ދިން ޖަވާބަށް އެތައް ބައެއްގެ ތަރުހީބު!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ ޚަބަރުތަކަށް ބަލާއިރު މިދުވަސްކޮޅު އެންމެ ގަދަޔަށް ވިދަމުންދާ ތަރިއަކީ ކިއާރާ އަދްވާނީއެވެ.

މިދިޔަ ހުކުރު ދުވަހު ސިނަމާތަކަށް ރިލީސްވި "ބޫލް ބުލައްޔާ 2"އަށް ލިބެމުން އަންނަ ތަރުހީބާ އެކު ކިއާރާ ވަރުން ދާވަންއާ އެކު މިހާރު ތައްޔާރުވަމުން ދަނީ މަޝްހޫރު ފިލްމު ޕްރޮޑިއުސަރ ކަރަން ޖޯހަރް އުފެއްދި "ޖުގް ޖުގް ޖިޔޯ" ރިލީސް ކުރާނެ ދުވަހަކަށެވެ.

އެ ފިލްމުގެ ޓްރެއިލާ ރިލީސް ކުރުމަށް އިއްޔެ ބޭއްވި ހަފްލާގައި މީޑިއާތަކުން ވަނީ ކިއާރާއާ ވަރަށް ގިނަ ސުވާލުތަކެއް ކޮށްފައެވެ. އެގޮތުން އެއް ނޫސްވެރިއަކު ސުވާލު ކުރީ ކިއާރާ ކައިވެންޏެއް ކޮށްގެން ދިރިއުޅުމުގައި ހަމަޖެހޭނީ ކޮންއިރަކުންތޯއެވެ.

އެ ސުވާލުގެ ޖަވާބެއްގެ ގޮތުގައި ކިއާރާ ބުނީ، ކައިވެންޏެއް ނުކޮށް ވެސް އޭނާ ހުރީ ވަރަށް ހަމަޖެހިގެން، އުފަލުގައި ކަމަށެވެ. އަދި އޭނާ ދަނީ އާމްދަނީ ހޯދަން މަސައްކަތް ވެސް ކުރަމުން ކަމަށާއި އެހެންކަމުން ދިރިއުޅުން އުފާވެރި ކަމަށް ވެސް ބުންޏެވެ.

ކިއާރާގެ މި ޖަވާބަށް އެތައް ބައެއްގެ ހޫނު ތަރުހީބު ވަނީ ލިބިފައެވެ.

ދާދި ފަހުން މީޑިއާތަކުގައި ފެތުރެމުން ދިޔައީ ކިއާރާއާއި އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ ބޮލީވުޑްގެ ތަރި ސިދާތު މަލޯތުރާއާ ދެމީހުންގެ ދެމެދުގައި އޮތް ގުޅުން ކެނޑިއްޖެކަމުގެ ވާހަކައެވެ. ނަމަވެސް ސަލްމާން ޚާންގެ ކޮއްކޮ އަރްޕިތާ ޚާން ބޭއްވި ޢީދު ޕާޓީގައި މި ދެތަރިން އަނެއްކާ ވެސް އެއްކޮށް ފެނުމުން، އެއީ ދޮގު ޚަބަރެއް ކަމަށް މިހާރު ގިނަ މީހުން ޤަބޫލުކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!