ކައުންސިލްތަކުގެ ޖާގަ ހައްލު ކުރުމަށް ކޮންމެ ރަށަކަށް ރަށު އޮފީހެއް!
![](https://dhen.mv/wp-content/uploads/2022/05/FT6DRSZaAAA8EyB-1-850x548.jpeg)
ރަށްރަށުގެ ކައުންސިލްތައް ހިންގުމަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދެވުމަށް ޓަކައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޮފީސް ޢިމާރާތެއް އެޅުމުގެ ޕްލޭން ހައްދައިގެން މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އއ.އުކުޅަހުގައި ކުރިއަށް ދިޔަ ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ރަށްރަށުގެ ތަރައްޤީއަށް އަންހެނުން ބާރުވެރިކުރުމާ ގުޅޭ ގޮތުން ކުރިއަށް ގެންދިޔަ ސެޝަންގައި ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ވަނީ އެ ކޮމިޓީތަކުގެ ބައްދަލުވުންތައް ބޭއްވުމަށް ޖާގަ ނުލިބޭކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. މިގޮތުން ކައުންސިލްތަކަކީ ޖާގައިގެ ދަތިކަން އިންތިހާއަށް ހުރި ތަންތަންކަން ފާހަގަކުރައްވައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން ވަނީ، ރަށްރަށުގައި ހުންނަ ކައުންސިލް ޢިމާރާތުގެ އިތުރުން، ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ހުންނަ އެހެން ޢިމާރާތްތަކުން ނަމަވެސް އެ ކޮމިޓީތަކަށް ޖާގަދެއްވުމަށް އެދިވަޑައިގެންފައެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ މި ކަންބޮޑުވުމާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ރަށްރަށުގައި ސަރުކާރުގެ އިދާރާތައް ހިންގުމަށް އޮތް ޖާގައިގެ ދަތިކަމަކީ ބޮޑު މައްސަލައެއްކަމަށެވެ. އެގޮތުން ރަށްރަށުގައި ހުރި ކައުންސިލް އިދާރާތަކަކީ 40 ނުވަތަ 50އަށް އަހަރުވެފައިވާ ޢިމާރާތްތަކެއްކަން ފާހަގަކުރައްވައި ރައީސް ވަނީ ކައުންސިލްތަކުގައި ޖާގަ އޮތް މިންވަރަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް މަސައްކަތް ކުރެއްވުމަށް ޖާގަ ދެއްވުމަށް އެދިވަޑައިގެންފައެވެ.
ރައީސްގެ ވާހަކަފުޅުގައި ޖާގައިގެ ދަތިކަން ހައްލުކުރުމަށް ޕްލޭނިން މިނިސްޓްރީން ޕްލޭންތަކެއް ހަދަމުން އަންނަކަން ފާހަގަކުރެއްވިއެވެ. އެގޮތުން ރަށްރަށުގައި ޢިމާރާތްކުރާ އޮފީސް ޢިމާރާތްތަކުގައި ކައުންސިލްގެ މަސައްކަތާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަސައްކަތްކުރުމަށާއި، މެޖިސްޓްރޭޓް ކޯޓުތަކަށާއި، ބޭންކުފަދަ ޚިދުމަތްތަކަށް ވެސް އެ ޢިމާރާތުން ޖާގަ ދެވި ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
![](https://dhen.mv/wp-content/uploads/2024/12/IMG_7409.png)