ޚަބަރު

ކަސްޓަމްސް އޮފިސަރުންނަށް އިންޑިއާގައި ތަމްރީނުތަކެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގެ ކަސްޓަމްސް އޮފިސަރުން، އިންޑިޔާގެ މުމްބާއީގެ ނެޝަނަލް އެކެޑެމީ އޮފް ކަސްޓަމްސް، އިންޑައިރެކްޓް ޓެކްސް އަދި ނާކޮޓިކްސް (އެންއޭސީއައިއެން)އަށް ޒިޔާރަތްކުރުމުގެ ކުރިން ހާއްސަ ރަސްމިއްޔާތެއް މިއަދު މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި ބާއްވައިފިއެވެ.

Ads by STELCO

މި ދަތުރުގައި އޮފިސަރުން، ވަޔާއި ކަނޑުގެ ކަސްޓަމްސް ބޯޑަރުތަކުގައި ޤާނޫނު ތަންފީޒުކުރުމުގެ މަޢުލޫއަށް ބިނާކޮށް ހިންގޭ ހަތަރު ހަފްތާގެ ތަމްރީނެއްގައި ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ. މި ތަމްރީން ޕްރޮގްރާމްގައި އިންޓަރެކްޓިވް ސެޝަންތަކާއި ކަމާބެހޭ ވުޒާރާތަކަށް ޒިޔާރަތްކުރުން ވެސް ހިމެނެއެވެ.

އިންޑިއަން ހައިކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރ ރޯހިޓް ރިތޭޝްއާ އެކު މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކޮމިޝަނަރ ޖެނެރަލް އަބްދުالله ޝަރީފް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ.

ޑެޕިއުޓީ ހައިކޮމިޝަނަރ ރޯހިޓް ރިތޭޝް ވަނީ މިހައިތަނަށް މުމްބާއީގެ އެން.އޭ.ސީ.އައި.އެންގެ ފަރާތުން އިންތިޒާމްކޮށް ބޭއްވިފައިވާ ތަމްރީން ޕްރޮގްރާމްތަކުގެ ހުރިހާ އިވެންޓްތަކުގައި ކަސްޓަމްސް އޮފިސަރުންގެ ބައިވެރިވުން ފާހަގަކުރައްވައިފައެވެ. ކަސްޓަމްސް ކޫޕަރޭޝަން އެމް.އޯ.ޔޫގައި ސޮއިކުރެވިފައި ވަނީ ޖޫން 2019ގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

ޑެޕިއުޓީ ހައިކޮމިޝަނަރ ރޯހިޓް ރިތޭޝްގެ ވާހަކަފުޅުގައި، ކަސްޓަމްސްގެ ބޭނުމަށް ޓަކައި އިތުރު ދެތިން ތަމްރީން ޕްރޮގްރާމްތަކެއް މި އަހަރުތެރޭގައި ބޭއްވުމަށް އިންތިޒާމްކުރެވެމުންދާކަމުގައި ދެންނެވިއެވެ. މީގެ އިތުރުން އިންޑިޔާއާއި ރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރި 2021ވަނަ އަހަރު %31 ކުރިއަރައިފައިވާކަން ވެސް ފާހަގަކުރައްވައިފައިވެއެވެ. 2021ވަނަ އަހަރުގައި މި އަދަދު ވަނީ ފުރަތަމަ ފަހަރަށް 300 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑުވެ، 323 މިލިއަން އެމެރިކާ ޑޮލަރާއި ހިސާބަށް ފޯރައިފައެވެ. އަދި 2021ވަނަ އަހަރު ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓް ކުރި ފަސް ޤައުމުތަކުގެ ތެރޭގައި އިންޑިޔާ ވަނީ ހިމެނިފައެވެ.

އިންޑިޔާއާއި ދިވެހިރާއްޖޭގެ ދެމެދުގައި ކަސްޓަމްސް ދާއިރާގެ ގުޅުން ވަނީ ފާއިތުވި އަހަރުތަކުގައި ވަރުގަދަވެފައެވެ. އެގޮތުން މިހައިތަނަށް 100 ކަސްޓަމްސް އޮފިޝަލުން ވަނީ އިންޑިޔާއަށް ފޮނުވައި ކަސްޓަމްގެ އެކި ދާއިރާތަކުން ތަމްރީން ދެވިފައެވެ. އަދި އިރުތު 90 ކަސްޓަމްސް އޮފިޝަލުން ވަނީ އޮންލައިން ޕްރޮގްރާމްތައް މެދުވެރިކޮށް ތަމްރީންކޮށްފައެވެ. ސީ.ބީ.އައި.ސީއާއި އެމް.ސީ.އެސްއާ ދެމެދު އަލަށް ސޮއިކުރެވުނު ޕްރީ-އެރައިވަލް އެކްސްޗޭންޖް އޮފް ކާގޯ ޑޭޓާއާއި ބެހޭ އެމް.އޯ.ޔޫގެ ދަށުން ޕްރީ-އެރައިވަލް ކަސްޓަމްސް ޑޭޓާ އެކްސްޗޭންޖްގެ އައު މަޝްރޫޢެއް ވަނީ އިފްތިތާޙްކުރެވިފައެވެ. މި މަޝްރޫޢުގައި ދެ ކަސްޓަމްސް ވުޒާރާގެ ދެމެދުގައި ޓެކްނޮލޮޖީގެ ޒަރިއްޔާއަށް އިސްކަންދީ ކަސްޓަމްސް ޑޭޓާ ވަގުތުން ބަދަލުކުރުމަށް މަގު ފަހިވެގެންދާނެއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ހިނގާ ވިޔަފާރި ރިސްކް މެނޭޖްމަންޓް ބޭނުންކޮށް ފުޅާކުރުމަށް މަގުފަހިވުމާ އެކު އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްގައި ކޮމްޕްލައަންސް މޮނީޓަރިންގ ހިންގުމަށް އެހީތެރިވެގެންދާނެކަމުގައި ބެލެވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!