އިޤްތިޞާދީ ހީނަރުކަމަށް ނުދިއުމަށް، ރައީސް ޞާލިޙް އިރުޝާދު ދެއްވީ ޚަރަދުތައް ކުޑަ ކުރުމަށް

އިޤްތިޞާދީ ހީނަރުކަމަށް ނުދިއުމަށް, ބޭކާރު ޚަރަދުތައް ކުޑަކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިރުޝާދު ދެއްވައިފިއެވެ.
ރައީސް އޮފީހަށް ދިގު މުއްދަތެއްގައި ޚިދުމަތްކޮށްދެއްވި މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސްޓްރެޓީޖިކް ގޮތުންނާއި ސިޔާސީ ގޮތުން ދުނިޔެ ވަންނަމުން މިދަނީ ވަރަށް ބޮޑު ބަދަލެއްގެ ތެރެއަށް ކަމަށާއި ބައިނަލްއަޤްވާމީ ސިޔާސީ އޮއިވަރަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ. އަދި އޭގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިޞާދަށް ވަރަށް ނުރަނގަޅު އަސަރުތަކެއް ފޯރާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މި ކަންކަމާ ކުރިމަތިލުމުގައި ވެސް، އެދެވޭ ނަތީޖާއެއް ނެރެވޭނީ ފަރުދީ ޒިންމާ އަދާކުރާ މިންވަރަކުން. އެންމެ މުހިންމު ކަމަކީ ޚަރަދުތައް ކުޑަކުރުން. ކޮންމެ ކަމެއްގައިވެސް އިޤްތިޞާދުކުރުމާއި ފަހަށް ރައްކާކުރުމަށް ސަމާލުކަން ދިނުން. ކަރަންޓު ޚަރަދު ކުޑަކުރުން، ހަކަތައިގެ ބާވަތްތައް ބޭނުންކުރާ މިންވަރު ދަށްކުރުން." ރައީސް ވިދާޅުވިއެވެ.ރައީސް ވިދާޅުވީ މި ކަންކަމަކީ ފަރުދީ ގޮތުން ކުރަންޖެހޭ ކަންކަން ކަމަށާއި މިކަންކަމުން ކުޑަ ކުރެވޭ ޚަރަދުތަކުގެ ޖުމްލަ ނަތީޖާ ފެންނަނީ ޤައުމީ ފެންވަރުގައި ކަމަށެވެ. އަދި އެއީ އިޤްތިޞާދީ ގޮތުން ޤައުމީ ފެންވަރުގައި އުފުލަންޖެހޭ ބުރަ ކުޑަވެގެން ދިއުން ކަމަށްވާ އިރު އިޤްތިޞާދީ ހީނަރުކަމެއް މެދުވެރި ނުވެ، އިމްޕޯޓް އެކްސްޕޯޓް ނުހުއްޓި ކުރިއަށް ދިއުމަކީ ކޮންމެ ފަރުދަކު އެދޭނެ ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރައީސް އޮފީހުގެ ކޮންމެ މުވައްޒަފަކު ވެސް، އެ މުވައްޒަފެއްގެ އަމިއްލަ ނަފްސާ ހަމައިން، އަދި ދިރިއުޅޭ ގޭބިސީގެ ތެރެއިން މިކަންކަން ތަންފީޒު ކުރައްވަން ފައްޓަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. "ޤައުމުގެ ކޮންމެ ފަރުދަކު ވެސް މި ކަންކަން ޢަމަލީ ގޮތުން ތަންފީޒުކުރެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އިލްތިމާސެއް" ރައީސް ވިދާޅުވިއެވެ.






ކޮމެންޓް