ރާއްޖެ ފަދަ ބިންތިރި، ޖަޒީރާ ޤައުމަކަށް ކްލައިމެޓް ސެކިއުރިޓީއަކީ ވަރަށް ޚާއްޞަ މައުޟޫޢެއް: މާރިޔާ
ކްލައިމެޓް ސެކިއުރިޓީއަކީ ރާއްޖެ ފަދަ ބިންތިރި، ޖަޒީރާ ޤައުމަކަށް ވަރަށް ޙައްސާސް މައުޟޫޢެއްކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 19ވަނަ އޭޝިޔާ ސެކިއުރިޓީ ސަމިޓް - "އައި.އައި.އެސް.އެސް ޝަންގްރީލާ ޑަޔަލޮގް"ގެ "ސްޕެޝަލް ސެޝަން އޮން ކްލައިމެޓް ސެކިއުރިޓީ އެންޑް ގްރީން ޑިފެންސް"ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައި އެ ކަމަނާ ވަނީ، ކްލައިމެޓް ސެކިއުރިޓީ ނުވަތަ މޫސުމީ ރައްކާތެރިކަމާއި ޤައުމީ ސަލާމަތާ ހުރި ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ. މި ގޮތުން، 99.7 އިންސައްތަ ކަނޑުގެ މައްޗަށް އެކުލެވިގެންވާ، ކަނޑުގެ ލޮނުގަނޑުން މައްޗަށް 3 ފޫޓުވެސް ހަމަނުވާ ރަށްތައް ގިނަ، އަދި މޫދާ 100 މީޓަރު ދުރު ނޫން ހިސާބުތަކުގައި ޤައުމުގެ ޢުމްރާނިއްޔަތުގެ 70 އިންސައްތައާއި އާބާދީ ބޮޑު ސަރަޙައްދުތަކުގެ 50 އިންސައްތައަށް ވުރެ ގިނަ ސަރަޙައްދު އޮންނަ ރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް، "ކްލައިމެޓް ސެކިއުރިޓީ"އަކީ ވަރަށް މުހިއްމު މައުޟޫއެއްކަން އެ ކަމަނާ ވަނީ ފާހަގަކުރައްވައިފައެވެ.
މިނިސްޓަރ މާރިޔާ ވަނީ، ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައްޔާއި ޑިމޮކްރަސީގެ މަގުގައި ރާއްޖެ ކުރިއަށް ގެންދިޔުމަށް ކުރާ މަސައްކަތުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ހުރި ކަންބޮޑުވުންތަކާ އެކުގައި ވެސް، މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ބައިނަލްއަޤްވާމީ ޖަމާޢަތް ހޭލުންތެރިކުރައްވަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަރަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާކަން ފާހަގަކުރައްވައިފައެވެ.
މިހާރު އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްދާ "މޯލްޑިވްސް ޑިފެންސް ވައިޓް ޕޭޕަރ"ގައި، މިހާރަށް ވުރެ ތިމާވެށްޓާ ރައްޓެހި، "ފެހި" އުޞޫލުތަކާއި އިޖުރާޢަތުތަކެއް ހިމެނުމަށް، ދިވެހިރާއްޖޭގެ އަސްކަރިއްޔާއާއި ދިފާޢީ ދާއިރާއަށް ނިސްބަތްވާ ހުރިހާ އިދާރާޔަކަށް، އިރުޝާދުދޭ މާއްދާއެއް ހިމަނާފައިވާނެކަމަށް މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ. އަދި އަސްކަރިއްޔާގެ ބޭނުމަށް ދީފައިވާ ބިންތަކާއި އެ ސްޓޭޓުތަކުގައި ހުރި މެރިން ޕްރޮޓެކްޓެޑް ޒޯންތަކާއި އިކޮލޮޖިކަލް ރިޒަރވްތައް މެނޭޖުކުރުމާ ބެހޭ ގޮތުން، ކަމާ ބެހޭ ފަރާތްތަކާއި ޤައުމީ ދިފާޢީ ބާރާ ދެމެދު މަޝްވަރާތައް ފެށިގެން ކުރިއަށްދާކަން މިނިސްޓަރ މާރިޔާ ވަނީ ފާހަގަކުރައްވައިފައެވެ.
ކްލައިމެޓް ސެކިއުރިޓީއޭ ކިޔައިގެން އަނެއްކާވެސް އިތުރު އެއްބަސްވުމެއް ހަދައި އިންޑިޔާގެ ހާހެއްހާސިފައިން މިތަނުގައި ބޭތިއްބޭތޯ ބަލަން ވިސްނާވިސްނުމެއް، މޯދީޖީ ދޭ ޕޮކެޓްމަނީކޮޅުން ޖީބު ފުރާލައިގެންތިބޭ އެޖެންޓުންގެ ގޮތުގައި ތިބެގެން ދިވެހި ރައްޔިތުންނަށް ޣައްދާރުވުން ނޫންކަމެއް ކުރަންއެނގޭ ބައެއްނޫން ތިއީ، ޤާނޫނުއަސާސީއަށް ފައިން އަރައި އިންޑިޔާސިފައިން މިރާއްޖެ ހިފަން ސަޕޯޓްކޮށް ވާހަކަދެއްކި މީހެއްގެ ޤައުމިއްޔަތުކަން ހުންނާނެވަރު ކޮންމެ މިހަކަށްވެސް އިޙްސާސްކުރެވޭނެ.