ދުނިޔެ

ތައިލެންޑަށް ދާ ފަތުރުވެރިން ފާސް ނަގަން ނުޖެހޭ ގޮތަށް ހަދަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮވިޑް-19އާ އެކު ތައާރަފްކުރި ފާސް ތައިލެންޑަށް ޒިޔާރަތް ކުރާ ފަތުރުވެރިން ނަގަން ނުޖެހޭ ގޮތަށް އެ ޤައުމުން ނިންމައިފިއެވެ.

Ads by Sosun Fihaara

މި ނިންމުމަކީ ކޮވިޑް-19އަށް ފަހު އެ ޤައުމަށްދާ ފަތުރުވެރިންގެ އަދަދު މަދުވުމާ ގުޅިގެން، ޤައުމަށް އެތެރެވުމަށް ކުރަން ޖެހޭ މަސައްކަތް ފަސޭހަ ކުރުމުގެ ގޮތުން ކުރި ކަމެކެވެ.

ތައިލެންޑަށް އެތެރެވުމުގެ ކުރިން ނަގަންޖެހޭ ހުއްދައެއް ކަމުގައިވާ "ތައިލެންޑް ޕާސް" ބޭނުން ކުރުން އަންނަ ޖުލައި މަހުގެ 1ވަނަ ދުވަހުން ފެށިގެން ހުއްޓައިލާނެއެވެ.

ތައިލެންޑަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަޤުބޫލު މަންޒިލެކެވެ. 2019ވަނަ އަހަރު އެ ޤައުމަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 40 މިލިޔަނަށް އަރައެވެ. ނަމަވެސް، މިދިޔަ އަހަރު އެ ޤައުމަށް އެތެރެވެފައި ވަނީ އޭގެ އެންމެ އެކެއް އިންސައްތަ ފަތުރުވެރިންނެވެ.

"ތައިލެންޑް ޕާސް"އާ ގުޅިގެން އެ ޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުން ބުނެއެވެ.

"ތައިލެންޑް ޕާސް" ހުށަހެޅުން ލާޒިމު ކުރުން ހުއްޓައިލާ އިރު، މާސްކު އެޅުމާ ގުޅޭ ސިޔާސަތަށް ވެސް އަންނަ މަހުން ފެށިގެން ބަދަލު ގެންނާނެއެވެ. އަދި، ޖުލައި 1ގެ ފަހުން މާސްކު އެޅުމަކީ މަޖުބޫރު ކަމަކަށް ނުވާނެއެވެ.

ކޮވިޑް ބަލީގައި ތައިލެންޑުގައި މަރުވި މީހުންގެ އަދަދު 30,000އަށް ވުރެ މައްޗަށް އަރައެވެ. އެ ޤައުމުގެ އާބާދީގެ 80 އިންސައްތަ މީހުން ވަނީ ވެކްސިން ޖަހައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!