ޔޯގާ ހުއްޓުވި މީހުން ޤާނޫންގެ ކުރިމައްޗަށް ގެންނާނަން: ރައީސް ޞާލިޙް

ޔޯގާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ގަލޮޅު ދަނޑުގައި ހިންގި އިވެންޓަށް ހުރަސްއެޅި ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެންނާނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ބައިނަލްއަގްވާމީ ދުވަހާ ގުޅިގެން ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން ގަލޮޅު ދަނޑުގައި ޔޯގާ ކުރިއަށް ގެންދަނިކޮށް ބަޔަކު އެ ތަނަށް ވަދެ، ހަމަނުޖެހުން ހިންގައި އެ ހަރަކާތް ވަނީ ހުއްޓުވައިފައެވެ.
މިކަން ކުށްވެރިކޮށް މިއަދު ރައީސް ޞާލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިކަން ވަރަށް ސީރިޔަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤް ކުރަމުން އަންނަ ކަމަށާއި ކަން ކުރި ފަރާތްތައް ޤާނޫނުގެ ކުރި މައްޗަށް ގެންނާނެ ކަމަށެވެ.
މި އިވެންޓަަށް ހުރަސް އަޅައިފައި ވަނީ ޝަހާދަތުގެ ދެކަލިމަ ބެނާ ތަކެއްގައި ލިޔެގެން އުޅުނު ބައެކެވެ. އެ މީހުންވަނީ ދަނޑުގެ ތެރެއަށް ވަދެގަނެ، އެތަނުގައި ތިބި މީހުންނަށް އިންޒާރު ދީ ތަކެއްޗަށް ގެއްލުން ދީފައެވެ.
ޔޫތު މިނިސްޓަރު މަޙްލޫފް ވިދާޅުވީ، އެތަނަށް ވަތް މީހުން، ޔޯގާ ހަދަން ތިބި މީހުންގެ ގައިގައި ކޮޅުފައިން ވެސް ޖަހައިފައިވާ ކަމަށެވެ. އަދި ޑިޕްލޮމެޓުންނާއި ހަރުއުމުރުގެ މީހުންގެ ގަޔަށް ފެންފުޅި އުކައިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ފުލުހުން ދަނީ މި މައްސަލަ ސީރިޔަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.
ފަތިސް ވަގުތުން ފެށިގެން އޮލިންޕަސް ކައިރީ ބަޔަކު ނުރުހުން ފާޅު ކުރަމުން ދިޔަ ނަމަވެސް އެ ސަރަހައްދުގައި މާ ގިނަ ފުލުހުން ހަރަކާތްތެރިވެފައެއް ނުވެއެވެ. ދަނޑުން މީހުން ދުރަށް ޖެއްސުނީ އިތުރު ފުލުހުންގެނެސް، ކަރުނަ ގޭސް ޖަހައިގެން 40ވަރަކަށް މިނެޓް ފަހުންނެވެ.






ކޮމެންޓް