ދުނިޔެ

ލަންކާގެ އިންވެސްޓްމެންޓް މިނިސްޓަރަކަށް މިލިޔަނަރެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސްރީލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި މާލީ ދަތިކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އެ ޤައުމުގެ އިންވެސްޓްމެންޓާއި ޕްރޮމޯޝަނާ ބެހޭ ވަޒީރުގެ މަޤާމަށް މަހުޖަނެއް ކަމުގައިވާ ދައްމިކާ ޕެރޭރާ ޢައްޔަންކޮށްފިއެވެ.

Ads by Sosun Fihaara

އޭނާއަކީ އެ ޤައުމުގެ ގިނަ ސިނާއަތްތަކެއްގައި އިންވެސްޓްކޮށްފައިވާ، އަދި ގިނަ އަދަދެއްގެ ވިޔަފާރި ކުންފުނީގެ ހިއްސާދާރެކެވެ.

މި މަޤާމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ޕެރޭރާ ހުންނެވީ ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ ގޮތުގައެވެ. އޭނާ، މަޖިލީހުގެ ގޮނޑިއަކަށް ޢައްޔަންކޮށްފައި ވަނީ، ރައީސް ގޮތަބަޔާ ރާޕާޖަޕަކްސަގެ ކޮއްކޯފުޅު ބަސިލް ރާޖަޕަކްސަ މަޖިލީހުގެ މެންބަރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ސްރީލަންކާގެ ޤާނޫނުއަސާސީގައިވާ ގޮތުން، މަޖިލީހުގެ ގޮނޑިއެއް ހުސްވާ ބައެއް ހާލަތްތަކުގައި ބައި-އިލެކްޝަނަކާ ނުލައި ވެސް، އެ މަޤާމަށް މެންބަރަކު ހޮވޭނެއެވެ.

ސްރީލަންކާގެ ވެރިކަންކުރާ ޕާޓީން ބުނީ، ޕެރޭރާއަކީ ވަރަށް ކާމިޔާބު ވިޔަފާރިވެރިއެއް ކަމަށާއި، ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހާލަތުން އަރައިގަތުމަށް އެޅޭނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން އޭނާ ސަރުކާރަށް ހުށަހެޅުންތަކެއް ހުށަހަޅައިފައިވާ ކަމުގައެވެ. ޕެރޭރާގެ ކުންފުނިތަކުން ހަރަކާތްތެރިވާ ސިނާއަތްތަކުގެ ތެރޭގައި މުދާ އުފެއްދުމާއި، ބޭންކިންގ އަދި ފައިނޭންސްގެ އިތުރުން، ފަތުރުވެރިކަމާއި ދަނޑުވެރިކަން އަދި ހަކަތައިގެ ދާއިރާ ހިމެނެއެވެ.

ޕެރޭރާގެ ދަށުން އެ ޤައުމަށް އައު އިންވެސްޓްމެންޓްތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ވެރިކަން ކުރާ ޕާޓީން ބުނާއިރު، އޭނާގެ މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ ބައެއް އިދާރާތަކުގެ ތެރޭގައި އިންވެސްޓްމެންޓް ބޯޑާއި އައި.ޓީ. ދާއިރާގެ ބޯޑު ހިމެނެއެވެ. އޭނާގެ މައިގަނޑު މަސައްކަތަކަށް ވާނީ މި އަހަރުގެ ތެރޭގައި އެ ޤައުމަށް 1 ބިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓް ހޯދުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!