ދުނިޔެ

ޔަމަން ބަނޑަށް ޖެހިދާނެކަމުގެ ބިރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޔަމަނުގެ ދާޚިލީ ހަނގުރާމައާ ގުޅިގެން ހާލުގައި ޖެހި، އިންސާނީ އެހީއަށް ބޭނުންވެފައިވާ މީހުންނަށް އ.ދ.ގެ ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމް (ޑަބްލިޔު.އެފް.ޕީ) މެދުވެރިކޮށް ފޯރުކޮށްދޭ ކާބޯތަކެތީގެ އެހީގެ ބައެއް ކަނޑާލަން މަޖުބޫރުވެއްޖެއެވެ.

Ads by WAMCO

ޔަމަނުގެ ހަތް އަހަރުވީ ދާޚިލީ ހަނގުރާމައާ ގުޅިގެން އެ ޤައުމުގެ އެތައް މިލިޔަން ރައްޔިތުންނެއް ވަނީ ކާބޯތަކެއްޗަށް ޖެހިފައެވެ. މީގެ ތެރެއިން 13 މިލިޔަން މީހުންނަށް، ޑަބްލިޔު.އެފް.ޕީ.އިން ދަނީ ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޔަމަނުގެ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އެހީގެ ބައެއް ކަނޑައިލާން މަޖުބޫރުވީ، އެކި ފަރާތްތަކުން އެހީގެ ގޮތުގައި ދޭން ވަޢުދުވެފައިވާ ފައިސާ ނުލިބުމުގެ ސަބަބުންނެވެ. ޔޫކްރެއިނުގައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތައް އުފުލެމުން ދިޔުމަކީ ވެސް މި ކަމުގެ އެއް ސަބަބެވެ.

ދާޚިލީ ހަނގުރާމައާ ގުޅިގެން އިޤްތިޞާދު ހީނަރުވެ، ޔަމަނުގެ 30 މިލިޔަން މީހުންގެ އާބާދީ މިހާރު ބަރޯސާވެފައި ވަނީ އެ ޤައުމަށް އިމްޕޯޓު ކުރާ ކާބޯތަކެއްޗަށެވެ. ޔަމަނުގެ ފަސް މިލިޔަން ރައްޔިތުންނަށް ދުވާލެއްގެ މައްޗަށް ބޭނުންވާ ކާނާގެ 50 އިންސައްތަ މިހާރު ވަނީ ކަނޑައިލާން މަޖުބޫރުވެފައެވެ. އަދި، އަށް މިލިޔަން މީހުންނަށް ފޯރުކޮށްދޭ ކާނާގެ 25 އިންސައްތަ ކަނޑައިލާން ޖެހިފައިވާ ކަމަށް ވެސް ޑަބްލިޔު.އެފް.ޕީ.އިން ބުނެއެވެ.

އިޤްތިޞާދީ އަދި ސިނާއީ މަސައްކަތްތަކާއި، ދަރިވަރުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ޑަބްލިޔު.އެޕް.ޕީ.އިން ހިންގަމުންދިޔަ ޕުރޮގުރާމަށް ވެސް މި ވަނީ އަސަރުކޮށްފައެވެ. މި ގޮތުން، ހަތަރު މިލިޔަން މީހުންނަށް ދެމުންދިޔަ އެހީ ކަނޑައިލަން ޖެހިފައިވާ ކަމަށް އެ ޖަމުޢިއްޔާއިން ބުނެއެވެ. މި އަހަރުގެ ޖަނަވަރީ މަހު ވެސް ޑަބްލިޔު.އެފް.ޕީ.އިން ވަނީ ޔަމަނުގެ އަށް މިލިޔަން މީހުންނަށް ފޯރުކޮށްދެމުންދިޔަ ކާބޯތަކެތީގެ އެހީތެރިކަން މަދުކޮށްފައެވެ.

އެ ޖަމުޢިއްޔާއިން ބުނީ، ޔަމަނުގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދޭން މި އަހަރުގެ ތެރޭގައި ދެ ބިލިޔަން ޑޮލަރު ބޭނުންވާނެ ކަމުގައެވެ. ނަމަވެސް، ބައިނަލްއަޤްވާމީ އެހީދޭ ޖަމުޢިއްޔާތަކާއި ޤައުމުތަކުން މިހައިތަނަށް ފޯރުކޮށްދީފައި ވަނީ އޭގެ ކުޑަ މިންވަރެކެވެ. މި ކަމާ ގުޅިގެން، ޔަމަނުގައި ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހިފައިވާ މީހުންގެ އަދަދު ފަސް މިލިޔަނުން ހަތް މިލިޔަނަށް އިތުރުވާނެ ކަމަށް އެ ޖަމުޢިއްޔާއިން އިންޒާރު ކުރެއެވެ.

ޔަމަނުގައި މި ވަގުތު ރައްކާކޮށްފައި ހުރި ގޮވާމުގެ ބާވަތްތައް އަންނަ ޖުލައިމަހުގެ ތެރޭގައި މުޅިން ހުސްވާނެ ކަމަށް އެ ޤައުމުގެ ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ. އަދި، ޔޫކްރެއިން-ރަޝިޔާ ހަނގުރާމައާ ގުޅިގެން ޔޫކްރެއިނުން ގޮވާމުގެ ބާވަތްތައް ގަތުމަށް ހުރަސް އެޅިފައިވާ އިރު، އިންޑިޔާއިން ވެސް މި ވަނީ ގޮވާން އެކްސްޕޯޓު ކުރުން ހުއްޓައިލައިފައެވެ.

ޔަމަނުގައި ކާބޯތަކެތީގެ ރައްކާތެރިކަމަށް ބޭނުންވެފައިވާ މީހުންގެ އަދަދު މިހާރު 19 މިލިޔަނަށް އަރައެވެ. އަދި، އިންސާނީ އެހީއަށް ބޭނުންވެފައިވާ މީހުންގެ އަދަދު 20.7 މިލިޔަނަށް އަރައެވެ. މާނައަކީ، ޔަމަނުގެ އާބާދީގެ ކޮންމެ ހަތަރު މީހެއްގެ ތެރެއިން ތިން މީހަކީ ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހިފައިވާ މީހުންނެވެ. މީގެ ތެރެއިން 3.5 މިލިޔަން މީހުންނަކީ ގާތުންދޭ މައިންނާއި ކުޑަކުދިންނެވެ. ޔަމަނުގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދޭން ޑަބްލިޔު.އެފް.ޕީ.އިން ހިންގަމުންދާ ޕުރޮގުރާމަކީ، އެ ޖަމުޢިއްޔާއިން މި ވަގުތު ހިންގާ އެންމެ ބޮޑު އަދި އެންމެ މުހިންމު ޕުރޮގުރާމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!