ޚަބަރު

އާރްސީސީން ހުޅުމާލޭގައި އެޅި މިސްކިތް ހުޅުވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ މިސްކިތް، "މަސްޖިދު ރަޝީދު" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުވައިދެއްވައިފިއެވެ.

Ads by MWSC

އެމަނިކުފާނު މި މިސްކިތް ހުޅުވައިދެއްވާފައި ވަނީ މިރޭ މިކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

"މަސްޖިދު ރަޝީދު"އަކީ އަލްމަރްޙޫމް ޢަބްދުއްރަޝީދުގެ ހަނދާނުގައި ބިނާކޮށްފައިވާ މިސްކިތެކެވެ. މި މިސްކިތަކީ 1200 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތަކީ އަންހެނުންނަށް ވަކިން ނަމާދުކުރޭގޮތަށް އިންތިޒާމު ހަމަޖައްސާފައިވާ މިސްކިތެކެވެ.

މި މިސްކިތް ހުޅުވައިދެއްވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ މިސްކިތް ބައްލަވާލައްވައިފައެވެ. އެއަށް ފަހު އެމަނިކުފާނު ވަނީ މި މިސްކިތުގައި ކުރެވުނު މިރޭގެ ޢިޝާ ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެވަޑައިގަންނަވައިފައެވެ.

މި މިސްކިތް ބިނާކޮށްފައި ވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރު.ސީ.ސީ) އިންނެވެ.

މިސްކިތް ހުޅުވުމަށް މިރޭ ބޭއްވެވި ރަސްމިއްޔާތުގައި އާރު.ސީ.ސީގެ ފަރާތުން ވަނީ މި މިސްކިތުގެ މޮޑެލްއެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވައިފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ ޢަހްމަދު ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!