ވިއްސާރަ އަލިވާން ފަށާނީ އަންގާރަ ދުވަހުން ފެށިގެން: މެޓް އޮފީސް

މި ދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ އަލިވާން ފަށާނީ އަންގާރަ ދުވަހުން ފެށިގެންކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
ވޭތުވެދިޔަ ދެ ދުވަހުގައި ރާއްޖޭގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި, އުދައަރައި އެކިވަރުގެ ގެއްލުންތައް ވަނީ ލިިބިފައެވެ.
ވިއްސާރަ އަލިވާން ފަށާނީ އަންގާރަ ދުވަހުން ފެށިގެންކަމަށް ބެލެވުނަސް, ކުރިއަށް އޮތް 24 ގަޑިއިރުގައި ވެސް އުތުރާއި މެދު ރާއްޖޭގެ ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރު މިނުގައި ވައިޖެހޭނެކަމަށް ވެސް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ހާމަކުރި ގޮތުގައި އުތުރާއި މެދު ރާއްޖޭގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދުއެވެ. އަދި ދެކުނުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ ހަތަރު ފޫޓާއި ހަ ފޫޓާއި ދެމެދުއެވެ. އަދި ކަނޑުތައް ގަދަވެ ރާޅު ބޮޑުވުމުގެ ސަބަބުން ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިއަދު ވެސް އުދަ އެރުމުގެ ފުރުސަތު އޮތްކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.