ޚަބަރު

އިގްތިޞާދު މެނޭޖުކުރަން ސަރުކާރު އޮތީ ނުކުޅެދިފައި: އުޝާމް

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން

ރާއްޖޭގެ އިގްތިޞާދު މެނޭޖުކުރަން ސަރުކާރު ނުކުޅެދިފައިވާ ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އުޝާމް މިހެން ވިދާޅުވީ ޖީއެސްޓީއާއި ޓީ-ޖީއެސްޓީއަށް ނަގާ މިންވަރު ބޮޑުކުރަން ސަރުކާރުން މަސައްކަތް ފައްޓަވައިފައިވާ ކަމަށް މިއަދު ފިނޭންސް މިނިސްޓަރު ވިދާޅުވުމާ ގުޅިގެންނެވެ. ފިނޭންސް މިނިސްޓަރު ވިދާޅުވީ، ޓެކްސް ބޮޑުކުރަން ނިންމީ ދައުލަތުގެ އާއްމުދަނީ އިތުރުކޮށް، ޚަރަދާއި އާއްމުދަނީ ދެކޮޅު ޖެއްސުމަށް ކަމަށެވެ.

މިކަމާ ގުޅިގެން އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ހަރަދުތައް ދެކޮޅު ނުޖެހޭ ވާހަކަ ސަރުކާރުން ދައްކަމުން އަންނައިރު މީގެ މަހެއްހާ ދުވަސް ކުރިން ސަރުކާރުން މަޖިލީހަށް ބިލެއް ހުށަހެޅި ރިސޯޓުތަކުގެ ބިމުކުލި ކުޑަކުރަން ކަމަށެވެ.

މިކަމުން ވެސް އެނގެނީ ރާއްޖޭގެ އިގްތިސާދީ ހާލަތު މެނޭޖްކުރަން ސަރުކާރު ނުކުޅެދިފައިވާ މިންވަރު ކަމަށް އުޝާމް ވިދާޅުވިއެވެ.

އާމްދަނީ އިތުރުކުރުމަށް ޓަކައި ހުށަހަޅާ ކަންކަމުގެ ތެރޭގައި ހިމެނެނީ ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރާށެވެ. އަދި މި ބަދަލު އަންނަ އޮގަސްޓު މަހު ހުށަހަޅުއްވާނެ ކަމަށް ފިނޭންސް މިނިސްޓަރު މިއަދު ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!