ވާހަކަ

ލިބޭތޯ ޔާރު ޖަންނަތުން (ދިހަވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
(ޓްރެއިލަރ) ލިބޭތޯ ޔާރު ޖަންނަތުން ލިބޭތޯ ޔާރު ޖަންނަތުން (ފުރަތަމަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދެވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިންވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން( ހަތަރުވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނުވަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދިހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެގާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ތޭރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސާދަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަނަރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސޯޅަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސަތާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ވިހިވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެކާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައުވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ފަންސަވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައްބީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެއްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބައްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތެއްތިރީސްވަނަ ބައި)

ގްރައުންޑް ފްލޯރއަށް ފޭބިއިރު ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި އުމައިރް ފެނުމާއެކު ނަވަލްއަށް ހިންދިރުވާލެވުނެވެ. އުމައިރްގެ ނަޒަރު ވެސް އޭނާއާ އަމާޒުވީ އެވަގުތުއެވެ. ގޮށް ޖެހިފައިވާ އެ ބުމައާ ރަތްވެފައިވާ މޫނު ފެނުމުން ނަވަލްއަށް ހުރެވުނީ ކުރިއަށް ހިނގައިގަންނަން ވެސް ނުކެރިފައެވެ.

Ads by MWSC

**************************

އުމައިރްއާ ދެތިން ފޫޓު ދުރުގައި ހުއްޓި ހުރި ނަވަލްއަށް އޭނާގެ ހުރިހާ ސަމާލުކަމެއްވީ ހުއްޓިފައެވެ. ހިތާއި ހިތުން ސުވާލު ކުރެވުނީ ނަވަލް އައީ ހަމަ ހަގީގަތުގައި ވެސް ޕާޓީއަކަށް ތޯއެވެ. ނަވަލް އެ ހުރީ ޕާޓީ އަށް ދާން ނުކުތް އިރު ހުރި ފަދަ ހާލަތުގަ ނޫނެވެ. ރޫޖެހިފައިވާ ހެދުމާއި ތަރުތީބެއް ނެތް ގޮތަށް އެޅިފައިވާ ބުރުގާ އެކަމަށް ހެކިދެއެވެ. އެ މޫނުގައިވީ ސިހުމާއި ބިރުވެރިކަން ވެސް ވީ އުމައިރްގެ ހިތުގައި އުފެދުނު ޝައްކުގެ ތެދުކަމަށް ލިބުނު ބާރަކަށެވެ. އެހިނދު ކޮންމެވެސް ވަރަކަށް އުމައިރްއަށް ނަވަލްގެ ހަގީގަތް އެނގުނެވެ. އޭނާ އޮޅުވާލުމަށްފަހު އަންނަންވީ ސަބަބު ވިސްނުނު ހިނދު އުމައިރްގެ މޫނު އިހުނަށްވުރެ ރަތްވެގެން ދިޔައީ އައި ގަދަ ރުޅިންނެވެ. އިންތިހާއަށް ލަދުގަތް އިރު ލޮލަށް ކަރުން ޖަމާވާން އުޅުނީ ނަވަލްގެ އުޅުން ހުރީ ކިހިނެތްކަން އެނގުމުންނެވެ. ނަވަލް އެފަދަ ދަށު ދަރަޖައަކަށް ވެއްޓިދާނެއޭ ދުވަހަކުވެސް އުމައިރްއަށް ހީކުރެވިފައި ނެތެވެ. އެއީ ކުލްސޫމް އޭނާއަށް ދިން ތަރުބިއްޔަތެއް ނޫނެވެ. ނަވަލްގެ ފެންވަރަކީ އެއީ ނޫނެވެ.

ނަވަލް އެފަދައިން އޮޅުވާލަން ޖެހުނީ ކީއްވެބާއޭ ހުއްޓުމެއްނެތި އުމައިރްގެ ހިތަށް އަރަމުންދިޔަ އިރު އޭނާއަށް މަޑުމަޑުން ނަވަލްއާ ދިމާލަށް ފިޔަވަޅެއް އަޅާލެވުނެވެ. އޭރު ވެސް އެ ބުމަ ވަނީ ކައިރިކުރެވިފައެވެ. ދަތްތަށް ޖައްސާ ބާރުކޮށްގެން ހުރި ގޮތުން އަދިވެސް ރުޅި އައިސްފައި ހުރިކަން އެނގެއެވެ. ނަވަލްގެ އެންމެ ގާތުގައިވީ އެކުވެރިއަކީ އުމައިރްއެވެ. ތުއްތު އިރުއްސުރެ ދިމާވި ހުރިހާ ކަމެއްގައި ލަފާ ދިނީ އުމައިރްއެވެ. އެހެންވީރު ނަވަލް އެގޮތަށް ކަންތައް ކުރަންޖެހުނީ ކީއްވެބާއޭ އުމައިރްއަށް އަމިއްލަ ނަފްސާ ސުވާލު ކުރެވުނެވެ.

ނަވަލްއާ ކައިރިއަށް އަޅަމުން ދިޔަ ފިޔަވަޅުތައް ކުއްލިއަކަށް އުމައިރް އަނބުރާލިއެވެ. އޭނާ ގޮސް ސައިކަލަށް އެރި ގޮތަށް ނަވަލްއަށް ބަލާލިއެވެ. ޖެހިލުންވި ނަމަވެސް ނަވަލް ކުރިއަށް ހިނގައިގަތެވެ. ފެންކަޅިވެފައިވާ ދެލޮލުން އުމައިރްއާ ނަޒަރު އަމާޒުކޮށްލި ހިނދު ރަތްވެފައިވާ އެ މޫނު ފެނި ހިތް ރޫރޫ އަޅައިގެންދިޔައެވެ.

ނަވަލް އެރުމާއެކު އުމައިރް ސައިކަލު ދުއްވާލިއެވެ. ގެއަށް ދެވެން ދެން ވެސް އެދެމެދަށް ވެރިވެފައިވީ ހިމޭންކަމެވެ. އޭރު ހުއްޓުމެއްނެތި ނަވަލްއަށް ވިސްނެމުން ދިޔައީ ކުލްސޫމްގެ ސުވާލުތަކަށް ޖަވާބު ދޭނޭ ގޮތާ މެދުގައެވެ. އެކަމަކު މިހާރު އިތުރަށް ކިޔައިދޭން ޖެހޭނޭ އެއްޗެއް އޮތް ހެނެއް އޭނާއަށް ހިއެއް ނުވެއެވެ. ގައިމުވެސް ނަވަލް ލަސްވުމުން ކުލްސޫމްއާއި ދާވޫދް ސުވާލުކުރާނީ އުމައިރްއާއެވެ. އުމައިރް ދޮގުހެދުމަކީ ނުވާނޭ ކަމެއްކަން ނަވަލްއަށް ޔަގީނެވެ. އިތުރަށް އޮޅުވައިލެވޭކަށް ނެތްކަން ނަވަލްއަށް ޔަގީނެވެ. ދެން އޮތީ ހަގީގަތާ ކުރިމަތިލުމެވެ. ކުރެވުނު ކަންތަކުގެ ވާހަކަ އަމިއްލަ ދުލުން ކިޔައިދިނުމެވެ.

ސައިކަލު ޕާކު ކޮށްލުމާއެކު ފުރަތަމަ ފޭބީ ނަވަލްއެވެ. އުމައިރް ސުވާލުކުރާނޭކަން އެނގިހުރެ ނަވަލް އޭނާ މަޑުކުރި ނަމަވެސް އެންމެ ބަހެއް ވެސް ބުނެލުމެއް ނެތި އުމައިރް ހަރު ފިޔަވަޅު ތަކެއްގައި ހިނގައިގަތީ ކުރިއަށެވެ. އޭނާގެ ފަހަތުން ނަވަލް ވެސް ކުދި ފިޔަވަޅުތަކެއްގައި ހިނގައިގަތް އިރު ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލިއެވެ. ނަވަލް އެތެރެއަށް ނޭފަތް ދަމާލި އަޑު އިވުނު ކަމުގައި ވިޔަސް އުމައިރް އަޅައެއް ނުލިއެވެ. ގޭގެ ދޮރު ހުޅުވުމަށްފަހު އޭނާ މަޑުކުރީ ނަވަލް އެތެރެއަށް ވަންނަން ދެނެވެ.

ފުރަތަމަ ވެސް ނަވަލްގެ  ނަޒަރު ދަތުރުކޮށްލީ ސިޓިންގރޫމުގެ ސޯފާތަކާ ދިމާލަށެވެ. ހީކުރި ގޮތާ ހިލާފަށް ކުލްސޫމް އަދި ދާވޫދް ނެތެވެ. ގޭތެރެއަށް ވެރިވެފައި އޮތީ ވެސް ފަނޑު އޮރެންޖް އައްޔެކެވެ. އެހެންކަމުން ކުލްސޫމްއާއި ދާވޫދް ނިދީކަން ނަވަލްއަށް ޔަގީންވިއެވެ. ނަމަވެސް ހިތުގައި ސުވާލު އުފެދުނީ އޭނާ އައުމުގެ ކުރިން ކުލްސޫމް ނިދީ ކީއްވެތޯއެވެ. އެއާއެކު ކުލްސޫމް އެންމެ ފަހަރަކު ވެސް ފޯނަށް ގުޅާފައި ނެތްކަން ވެސް ނަވަލް ހަނދާންވިއެވެ. ހިޔާލުތަކަށް ގެއްލިފައި ހުރި ނަވަލް ސިހުނީ އުމައިރް ގޭގެ ތަޅުލުމުންނެވެ. ދެން ވެސް އުމައިރް އެއްޗެކޭ ބުނާނެހެން ނަވަލްއަށް ހީވިއެވެ. ނަމަވެސް ނަވަލްއަށް ބަލާލުމެއް ވެސް ނެތި އުމައިރް ސިޑިން މައްޗަށް އެރިއެވެ. އަދި އޭނާގެ ކޮޓަރިއަށް ވަދެ ތަޅުލީ ނަވަލް ބަލަން ހުއްޓައެވެ.

ކޮޓަރިއަށް ވަދެވުމާއެކު ނަވަލްއަށް މޫނުގައި އަތް އަޅާލެވުނެވެ. ގިސްލެވެމުން ދިޔައީ ކުރެވުނު ފާފައިގެ ބޮޑުކަމުން ނޫނެވެ. އުމައިރް ހިތްހަމަނުޖެހިފައި ހުންނާނޭ ވަރު ހިތަށް އެރުމުންނެވެ. މިހާރު އުމައިރް ގަބޫލު ކުރާނީ އޭނާއަކީ ވަރަށް ގޯސް ކުއްޖެއްގެ ގޮތުގައިކަން ޔަގީނެވެ. އަޅައިގެން ހުރި ބުރުގާ ބޭލުމާއެކު ކުރު އިސްތަށިތައް މޫނު މައްޗަށް ފޭބިއެވެ. ނިއުޅިފައިވާ އިސްތަށިގަނޑުގައި އައްސާފައިވާ ވޫލް ކޮޅު ނައްޓާލުމާއެކު ނަވަލްއަށް ބޮލުގައި ހިފަހައްޓާލެވުނެވެ. ފައިގެ ފަލަމަސްގަނޑުގައި އުޅަބޮށި ޖައްސާލަމުން އަތްތިލައިގެ ތެރޭ މޫނު ފޮރުވާލިއިރު ސިފަ ކޮށްލެވުނީ އިރުކޮޅެއް ކުރިން އޭނާއަށް ހުރެވުނު ހާލާ މެދުގައެވެ. ކައިސަންގެ އަތު ތެރޭ އޮވެވުނީ ހެއްދެވި ގޮތަށެވެ. ލަދެއް ނެތިއެވެ. ބިރެއް ނެތިއެވެ. އެކަމުން ނަވަލްގެ ހިތަށް އުނދަގޫ ނުކުރުވީ އޭނާއަށް ކުރެވުނީ ގޯސް ކަމެއް ކަމުގައި އަދިވެސް ގަބޫލު ނުކުރެވޭތީއެވެ.

***********************

ހެނދުނު ހަތްގަޑި ބައި ވުމާއެކު ހެޑްބޯޑު މަތީ ބަހައްޓާފައި ހުރި ސޯނާގަޑި އެލަރމްވާން ފެށިއެވެ. ކަންނެތް ކަމާއެކު ލޯ ހުޅުވާލި ނަމަވެސް ޔާޒް ގައިމަތީ އޮތް ރަޖާ ދުރަށްލަމުން ތެދުވިއެވެ. އޭނާ އެލާމް ނިވާލީ އޭގެ ފަހުންނެވެ. އެނދުން ތިރިކޮށްލި ދެފައި ހެޔޮވަރުކޮށްލީ ތިރީގައި ބަހައްޓާފައި ހުރި ފައިވާނަށެވެ. ހޭވިފައިވާ އިސްތަށިގަނޑު ރީތި ކުރަމުން ގޮސް އޭނާ ފާހާނާއަށް ވަނީ އިރުކޮޅަކުންނެވެ. ދިހަ މިނިޓް ފަހުން ނުކުތް އިރު އެ މޫނުން ފެންނަނީ ތާޒާ ކަމެވެ. އިސްތަށިގަނޑުގައި އޮޅާލާފައި އޮތް ތުވާލި ނައްޓާލުމަށްފަހު ޔާޒް އެޅުވީ ހަރުގަނޑުގައެވެ. ދެން އޭނާ ހުޅުވާލީ އަލަމާރިއެވެ. އިސްތިރިކޮށްފައި އޮތް ޖީންސާއި ކުރުތާ ނެގުމަށްފަހު އެއަށް ބަލަން ހުރީ ވިސްނުމެއްގެ ތެރޭގައެވެ. ދޫކޮށްލި ފުން ނޭވާއާއެކު އަނބުރާ އެ ހެދުން އަލަމާރިއަށް ލުމަށްފަހު ޔާޒް ހުޅުވާލީ ތިރީ ވަތްގަނޑެވެ.

އެ ބޮޑު ވަތްގަނޑު ތެރެއިން ފެންނަން އޮތް ހަމައެކަނި އެއްޗަކީ ދިގު ފޮއްޓެކެވެ. ދަނބު ކުލައިގެ އެ ފޮށީގައި އޮމާންކަމެއްވެއެވެ. ވިދާ ރިބަނަކުން އައްސާލެވިފައި އޮތް އިރު ރިބަނުގައި ކުޑަ ކާޑު ކޮޅެއް އެލުވާފައި އޮތެވެ. ދުވަސްވުމުގެ ސަބަބުން އެ ފޮށްޓަށް ހިރަފުސް އަރާފައިވީ ނަމަވެސް އަދިވެސް އޭގެ އާ ކަން ނުކެނޑެއެވެ. ގުދުވެލުމަށްފަހު ޔާޒް ހިންދެމިލީ އެ ފޮށި ނެގުމަށްފަހުއެވެ. ކުޑަކޮށް ބަރު ނަމަވެސް ނު އުފުއްލޭ ވަރެއް ނޫނެވެ. ކައިރީގައި ހުރި ރީތިވާ މޭޒުމަތީ ބަހައްޓާފައި ހުރި ޓިޝޫ ފުޅިން ދެތިން ޓިޝޫ ނެގުމަށްފަހު ޔާޒް އެ ފޮށީގެ ބޭރު ސާފް ކޮށްލިއެވެ. ދެން އޭނާ އެ ފޮށި ބެހެއްޓީ އެނދުމަތީގައެވެ.

އޭގައި އައްސާފައިވީ ރިބަން ކޮޅު ނައްޓާލުމަށްފަހު ފޮށީގެ މަތި ނަގައި ބަލައިލިއެވެ. އެތެރޭގައި އޮތީ ކަޅު ކުލައިގެ އަބާޔާއަކާއި ކަޅު ކުލައިގެ ބުރުގަލެކެވެ. އެއާއެކު ކަޅު ސްޓާކީނަކާއި ތިރި ބޫޓެއް ވެސް އޮތެވެ. އެ އެއްޗެހީގައި އަދިވެސް ހިފާފައި ހުރީ ލުއި މީރު ވަހެކެވެ. ދެން ޔާޒް ނެގީ ރިބަންކޮޅުގައި އެލުވާފައި އޮތް ކާޑެވެ.

" ކާންޓް ވެއިޓް ޓު ސީ ޔޫ އިން ދީސް ބިއުޓީސް ". ރީތި އަތުލިޔުމަކުން ލިޔެފައި އޮތް ކުރު ޖުމްލައިން ޔާޒްގެ ތުންފަތަށް ގެނުވީ ރީތި ހިނިތުންވުމެކެވެ. އެ ގަނޑުކޮޅުގެ ތިރީގައި ސޮޔެއް ކޮށްފައި އޮތް އިރު ރަނގަޅަށް ބަލާލައިފި މީހަކަށް އެ ސޮއެގައިވި ނަން އެނގޭނެއެވެ. ގަނޑުކޮޅާއި އެނދުމަތީ ބާއްވަމުން ޔާޒްގެ ނަޒަރު އަނެއްކާވެސް ހުއްޓާލީ ފޮށީގައި އޮތް އަބާޔާއަށެވެ.

ދެ ހިޔާލެއްގައި ހުރެ އޭނާ ތެދުވުމަށްފަހު އެ އަބާޔާ ނެގިއެވެ. ލޯގަނޑު ކުރިމައްޗަށް ވާގޮތަށް ހުއްޓިލަމުން އެ ހެދުން ގައިގާ ޖެއްސީ ޔާޒް ހުންނާނޭ ގޮތް އަމިއްލައަށް ހިތުގައި ކުރަހާލަމުންނެވެ. މިނިޓެއްހާ އިރު އެ ގޮތުގައި ހުރުމަށްފަހު ލަސް ހަރަކާތަކާއެކު އެ ހެދުން ޔާޒް ގަޔަށް ހެޔޮވަރު ކޮށްލިއެވެ. ދެން ފޮށީގައި އޮތް ބުރުގާ ނަގާ ބޮލަށް މަހާލިއެވެ. ހެދުމުގެ ފަސްބައިގައި ހިފަހައްޓައިގެން ހުރެ ޔާޒް ދެފަރާތަށް އެނބުރިލި ގޮތުން އެކަނި ވެސް އެ ހެދުމާ މެދު ގަޔާވިކަން އެނގެއެވެ.

އެ ހެދުން ލާންވީތޯ ޒަމީރާ ސުވާލުކޮށްލެވުނީ ދެނެވެ. އެވަގުތު އެ މޫނުން ފާޅުވީ ޖެހިލުންވުމުގެ އަސަރުތަކެކެވެ. މި ހެދުން ލުމުގެ ބޭނުމަކީ ކޮބައިތޯ ހިތަށް އެރިއެވެ. ބޭނުމަކީ ހަށިގަނޑު ފޮރުވުން ބާއެވެ. ނޫނީ މީހެއްގެ ސަމާލުކަން ހޯދުން ހެއްޔެވެ. އެއާއެކު ދެން ވިސްނާލެވުނީ އެ ހެދުން ލުމުން މީހުން ދެކޭނޭ ގޮތަކާ މެދުގައެވެ. މޫނަށް ވެރިވި ފޫހި ކަމާއެކު ޔާޒްގެ ހިޔާލު ބަދަލުވާން ނެގީ މަދު ސިކުންތުކޮޅެކެވެ. އެ ހެދުން ގަޔާ ވަކި ކުރުމަށްފަހު ކުރިން ވެސް ލާން ނެގި ޖީންސާއި ކުރުތާ ލީ ނަމަވެސް ހިތުގައި ކުރިން އުފެދިފައި ނެތް ނުތަވަސްކަމެއްވީ ކަން ހުދު ޔާޒްއަށް ވެސް އިހްސާސް ކުރެވުނެވެ.

***************************

ސޯފާގައި އިން ޔެލިޒް ބަލަމުން ދިޔައީ ޓީވީ އިން ދައްކަމުން ދިޔަ ހިންދީ ޑްރާމާއެކެވެ. ކުރިންސުރެ ވެސް އެ ޑްރާމާ ބެލުމަށް އޭނާގެ ހިތުގައި އުފެދިފައި ހުންނާނީ ތަފާތު ޝައުގެކެވެ. ބައެއްފަހަރު އެއިން ދައްކާ މަންޒަރުތައް ހަމަނުޖެހުނަސް ވެސް ހެވެވެ. އެ ޑްރާމާތައް ކަމުނުދާ ކަމަކަށް ނުވެއެވެ.

" ވަޒީފާއަށް އެޕްލައި ކުރިތަނުން ޖަވާބެއް ދީފިތަ ؟." ސިޓިންގރޫމަށް ނުކުތް އަސްރާ އަހާލިއެވެ. އިއްޔެ ސަލްމާންއާ ހިނގި ދެބަސްވުމަށްްފަހު އަދި ވެސް އެ މޫނުން ފެންނަނީ ބަނަކަމެވެ. ވާހަކަ ދެއްކެނީ ރުންކުރު ކޮށްނެވެ. ޔެލިޒްގެ ފަރާތުން ޖަވާބެއް ނުލިބުން އޭނާއަށް މާ އަވަހަށް ރުޅި އާދެވުނީ އެހެންވެއެވެ. ސޯފާގެ ކުރިމަތީ ހުރި ކުޑަ މޭޒުމަތީ އޮތް ރިމޯޓު ނަގައި ޓީވީ ނިއްވާލި ގޮތަށް ޔެލިޒްގެ ސަމާލުކަން އޭނާއަށް ހުއްޓިއްޖެއެވެ.

" އަޅެ! މަންމަ ދޯ! ކީއްވެ ޓީވީ ނިއްވާލީ. އަޅުގަނޑު އެބަ އަޑު އަހަމޭ. އެތަނުން އަދި ނުގުޅާ." ޔެލިޒް ޕިސް ތަޅާލަމުން ބުނެލީ ފަރުވާކުޑަ ރާގަކަށެވެ.

އަސްރާގެ ތަބީއަތަށް އައިސްފައިވާ ބަދަލު އޭނާއަށް ފާހަގަކުރެވުނެވެ. ނަމަވެސް އެކަމާ ގުޅިގެން ސުވާލެއް ކުރަން ބޭނުންނުވީ ސަލްމާންއާ އަސްރާގެ މެދުގައި ޖެހޭ މައްސަލަތަކުގައި ބަސް ބުނަން ބޭނުން ނުވާތީއެވެ.

" ކޮބާ ބައްޕަ؟ މިއަދު ސައި ނުބޯ ދުވަހެއްތަ ؟." އަސްރާއަށް ބަލާލަމުން ޔެލިޒް އަހާލިއެވެ. އޭނާ ހީކުރި ގޮތަށް އަސްރާ އަނގައިން ނުބުންޏެވެ. އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެން އިނދެ ހަމައެކަނި ކޮނޑު އަރުވާލީއެވެ. ދެފަރާތަށް ބޯ ހޫރާލަމުން ޔެލިޒް ތެދުވިއެވެ. އަސްރާގެ ގޮތް ދޫނުކުރުމުގެ ސިފަ އަކީ އަ ކަމެއް ނޫނެވެ. އެފަދަ ދުވަސްތައް މަދުން އައި ނަމަވެސް މަންމަގެ އެ ރުޅިގަނޑު ފިނިވާން ދެތިން ދުވަސް ނަގާނެކަން ޔެލިޒްއަށް އެނގެއެވެ. އެ ދުވަސްތަކުގައި ސަލްމާންގެ ކަންތައްތައް ބަލަހައްޓަން ޖެހޭނީ ޔެލިޒްއެވެ. ނޫނީ ސަލްމާން އަމިއްލައަށް ވެސް ބޭނުންވާ ކަންތައްތައް ކޮށްފާނެއެވެ.

ބަދިގެއަށް ވަނުމަށްފަހު ފްރިޖް ހުޅުވާލުމަށްފަހު ނެގި ޕާނުން ދެތިން ފޮތި ތައްޓަކަށް ލުމަށްފަހު ޔެލިޒް އުނދުން ރޯކޮށްލިއެވެ. ޕާން ފޮތިތައް މަޑު ބްރައުން ކުލައަކަށް އަރަންދެން ފިހުމަށްފަހު އަނެއްކާ ވެސް ތަށީގައި އަތުރާލިއެވެ. ހަރަކާތްތައް އަވަސްކޮށްލަމުން ޔެލިޒް ދެން އެޅީ ބިސްގަނޑެކެވެ. ހަމަ އެއާއެކު ދެ ސެސޮޖު ވެސް ފިހެލުމަށްފަހު ތައްޓަށް ލައިގެން ގޮސް މޭޒު މަތީ ބެހެއްޓިއެވެ. އަދި ސަލްމާންއަށް ގޮވަން ދިޔުމުގެ ކުރިން ފްރިޖުން ނެގި ޖޫސް ޕެކެޓުން ބިއްލޫރި ތައްޓަކަށް އެޅުމަށްފަހު އެއާއެކު ފެންތަށްޓެއް ވެސް ބެހެއްޓިއެވެ.

ސަލްމާން އައީ ޔެލިޒް ގޮވިތާ އިރުކޮޅެއް ފަހުންނެވެ. ބައްޕަ އެކަނި ސައިބޯން ބޭންދުމުގެ ބަދަލުގައި ޔެލިޒް ވެސް ގޮނޑިއެެއް ދަމާލުމަށްފަހު އިށީނީ ސަލްމާންގެ ކުރިމައްޗަށް ވާގޮތަށެވެ. ސަލްމާން އެދުނު ފަދައިން އޭގެ ފަހުން ކޮޓަރިން ނުކުންނަ އިރު ޔެލިޒް ކުރު ސޯޓުކޮޅުގެ ބަދަލުގައި ލާން ފެށީ ހަރުވާޅެވެ. ނަމަވެސް އަދި ބުރުގާ އެޅުމުގެ ވިސްނުމެއް އޭނާގެ ނެތެވެ.

" މަންމަ އެއްޗެކޭ ނުބުނޭތަ؟". ޖޫސްތަށިން އެތިފޮދެއް ބޯލަމުން ސަލްމާން އަހާލިއެވެ.

" ނުބުނޭ. ކޮން ކަމަކާ ހިތްހަމަނުޖެހިފަ މަންމަ އެ ހުންނަނީ؟". ނާހަން ހުރެފައި ވެސް ޔެލިޒް ސުވާލުކުރީ ސަލްމާންގެ ޖަވާބު ލިބޭނެކަން އެނގޭތީއެވެ.

އެ ސުވާލަށް ޖަވާބުދޭން ސަލްމާން ޖެހިލުންވިއެވެ. ޔެލިޒް ދެކޭނޭ ގޮތެއް ނޭނގޭތީއެވެ. ފަހަރެއްގައ ބުނެވޭ އެއްޗަކުން ޔެލިޒް ރުޅި އައުމަކީ ވެސް ވެދާނެކަމެއް ކަން އޭނާއަށް އެނގެއެވެ. ނަމަވެސް މީހާ ހަމަޖެހިލަމުން ސަލްމާން ވާހަކަ ދައްކަން ފެށިއެވެ.

" ބައްޕަ ބޭނުންވަނީ ދަރިފުޅު މީހަކާ އިންނަން ". ސަލްމާން ބުންޏެވެ. އޭނާ އިނީ ޔެލިޒްގެ މޫނަށް އަރާ ފައިބާ ކުލަތައް ދެކެން ނުހަނު ފަރުވާތެރިވެގެންނެވެ. ނަމަވެސް ސަލްމާން ހައިރާންވީ ހީކުރި ފަދަ އަސަރެއް ޔެލިޒްގެ މޫނުން ފާޅުވާން ނެތުމުންނެވެ.

" ދަރިފުޅު ކީކޭ ބުނަނީ ؟". އަނެއްކާ ވެސް ވާހަކަ ދެއްކީ ސަލްމާންއެވެ.

" އަޅުގަނޑު ވެސް ވިސްނާ ކަމެއް ތިއީ. އެކަމަކު އަޅުގަނޑު އުޅެނީ ކުއްޖަކާ ރައްޓެހި ވެގެންނެއް ނޫން. ދެން ކިހިނެތް ކައިވެނި ކުރާނީ ؟". ޔެލިޒްގެ ޖަވާބުދިނީ ސަލްމާން ހީކުރި ވަރައްވުރެ ބޮޑަށް ހަމަޖެހިގެން އިނދެއެވެ.

" ލިޒް. ބައްޕައަށް އެނގޭ ތިކަން. އެކަމަކު ކުއްޖަކާ ރައްޓެހި ނުވިޔަސް ކައިވެނި ކުރެވިދާނެ އެންނު. ކައިވެނި ކުރީމަ ފިރިމީހާ ރަނގަޅަށް ދަސްވާނީ. އެއީ ބައްޕަގެ ނަޒަރުގަ އެންމެ ރަނގަޅު ގޮތަކީ ވެސް". ސަލްމާން ބުނެލުމުން ޔެލިޒް ބޯ ޖަހާލިއެވެ. ހީވާގޮތުން އޭނާ އިނީ ބޮޑު ފިކުރެއްގައެވެ.

" ބައްޕައަށް ކަމުދާ ކުއްޖަކު ހުރީތަ އަނެއްކާ؟". ޔެލިޒް އަހާލުމުން ސަލްމާން ހިނިތުންވެލިއެވެ. އަދި ބޯ ޖަހާލީ އާނ އެކޭ ބުނުމުގެ ގޮތުންނެވެ.

" އެންމެ ރަނގަޅު. އެހެންވީމަ ބައްޕަ އެދޭ ގޮތަށް މިކަން ނިންމަން އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް ". ޔެލިޒްގެ ވާހަކަތައް ހުރިގޮތުން ސަލްމާން އިނީ ހިސާބަކަށް ހައިރާންވެފައެވެ. ޔެލިޒްގެ ފަރާތުން އޭނާ އުންމީދު ކުރީ މިފަދައިން ވާކަން ނޫނެވެ. ނަމަވެސް ސަލްމާން ހިތްހަމަޖައްސާލީ އެއީ މައްސަލައެއް ކަމުގައި ނުވާތީއެވެ. އަސްރާ ހިތްހަމަނުޖެހުނަސް ޔެލިޒްގެ މައްސަލައެއް ނެތިއްޔާ ސަލްމާންއަށް ހެވެވެ.

" ދަރިފުޅު ބޭނުމެއް ނޫންތަ ބައްޕަ ހޮވާފަ ހުރީ ކާކުތޯ ބަލަންވެސް ؟ ފަހަރެއްގަ ދަރިފުޅު ހިތްހަމަޖެހޭ ފަދަ ސިފަތަކެއް ހުރި ޒުވާނަކަށް ވެސް ނުވެދާނެއެންނު". ސަލްމާންގެ އަޑުގައިވީ ސަމާސާކަން ޔެލިޒް ދެނެގަތެވެ. ނަމަވެސް އެވާހަކައާ މެދު އޭނާ ވިސްނާލިއެވެ. އޭނާ އަބަދުވެސް ހަޔާތުގެ ބައިވެރިއަކަށް ބޭނުންވީ ހިތް އެދޭ ރީތި ސިފައެއް ހުރި ޒުވާނެކެވެ.

" ކައިވެނި ކުރެވެން ވީމަ ފެންނާނެ އެންނު. މާ ކުރިން ފެނިއްޖެނަމަ ހިޔާލު ބަދަލުވެދާނެ. ބައްޕަގެ ހޮވުން ގޯސް ނުވާނެކަން ޔަގީން. ރަން ކިޔުމުގެ ކުރިން ބަލަން ބޭނުމެއް ނޫން ". ޔެލިޒް ބުނެލިއެވެ.

ސަލްމާންގެ ތުންފަތަށް ވެރިވި ހިނިތުންވުން ފެނުމުން ޔެލިޒް ވެސް ހީލިއެވެ. ނަމަވެސް އެ ހިނިތުންވުން ފަނޑުވީ ނުހަނު އަވަހަށެވެ. މި އަންނަނީ ކަމުގައި ބުނެ ތެދުވުމާއެކު އަވަސް ފިޔަވަޅު ތަކެއްގައި ގޮސް ޔެލިޒް މައްޗަށް އެރިއެވެ.

ކޮޓަރިއަށް ވަދެވުމާއެކު އޭނާއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އެއާއެކު ކެތްތެރިކަން ކޮޅުންލައިގެން ދިޔަ ފަދައަކުން ހުރި ދިމާލަށް ތިރި ވެވުނީ ވަރުބަލި ވެފައިވާ މީހަކު ފަދައިންނެވެ. އިސްޖެހިފައި އިން އިރު ފުސްވެގެން ދިޔަ ލޮލުން ވެއްޓުނު ކަރުނަތިކި ޖެހުނީ ޔެލިޒްގެ އަތްތިލައިގައެވެ. ރޮވޭކަން ވެސް އޭނާއަށް އިހްސާސްވީ ދެނެވެ. ނަމަވެސް އެ ކަރުނަތަށް ހުއްޓުވާކަށް އޭނާ ނޫޅުނެވެ. މޫނުގައި އަތް އަޅާލި ގޮތަށް ރޯން ފެށި ގޮތުން އެ ހިތަށް ނުހަނު އަސަރުކޮށްފައިވަކާން އެނގެއެވެ.

= ނުނިމޭ =

  1. ކަމަނަ

    ތަފާތު ރީތި ވާހަކައެއް. އައި ވޮންޑަރ ވަޓް ހެޕެންޑް ޓު ޔެލިޒް؟؟؟؟؟

  2. ސާޔާ އެންޑް ލިއަމް ގެ ފޭން

    އަހަންނަށް ހީވަނީ ޔެލިޒްއަށް މަޖުބޫރު ވީހެން. އެކަމަކު މި ނަވަލް ދެން ހާދަ ގޯހޭ. މިއީ އަސްލު މިހާރު މުޖުތަމައުގަ ކަންތައްތައް ވާގޮތް. ކީޕް އަޕް ދި ގުޑް ވޯރކް. ވެއިޓިންގް ފޯރ ނެކްސްޓް އެޕިސޯޑް 🙂

  3. މަރީ

    ރީތި އެކަމަކު މި ބައި ކުރުހެން ހީވޭ. ހަފްތާއަކު ދެ އެޕިސޯޑު ނެރޭ އިރު ތަންކޮޅެއް ދިގުކޮށްދެއްޗޭ ޕްލީޒް

  4. މިވާހަކައިގަ މީހުން ގިނަކަމުން އަދިވެސް ރަގަޅަށް ވާހަކައިގެ ތެރެއަކަށް ނުވަދެވޭ