ގޮޓަބަޔާގެ އިސްތިއުފާއާއެކު، އައު ރައީސަކު ހޮވުމުގެ މަސައްކަތް މަޖިލީހަށް
އީމެއިލް މެދުވެރިކޮށް ހުށަހަޅާފައިވާ ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަގެ އިސްތިއުފާ ޤަބޫލުފުޅު ކުރައްވައިފިއެވެ.
އިސްތިއުފާ ޤަބޫލު ކުރައްވާފައިވާކަން ލަންކާގެ ޤާނޫން ހަދާ މަޖިލީހުގެ ރައީސް މަހިންދަޔަޕާ އަބޭވަރްދަނާ ވަނީ އިއުލާން ކުރައްވާފައެވެ.
ސްރީ ލަންކާގެ ގާނޫނުއަސާސީގައި އޮންނަ ގޮތުން ނަމަ ރައީސް އިސްތިއުފާ ދެއްވުމާއެކު ވަގުތީ ގޮތުން ރައީސް ކަމާ ހަވާލުވެ ވަޑައިގަންނަވާނީ ބޮޑު ވަޒީރެވެ. މިހެންކަމުން މިހާރު އެކްޓިން ރައީސަކީ ބޮޑު ވަޒީރު ރަނިލް ވިކެރަމަސިންހާއެވެ. ނަމަވެއްސ ރަނިލް ވެސް ވަނީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލަން އިސްތިއުފާ ދެއްވާނެ ކަމަށް ކުރިން އިއުލާނުކުރައްވައިފައެވެ. ނަމަވެސް އައު ސަރުކާރެއް އަންނަންދެން މަޤާމުގައި ހުންނަވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް މަހިންދަޔަޕާ އަބޭވަރްދަނާ ވަނީ 7 ދުވަހުގެ ތެރޭގައި އައު ރައީސެއް އިންތިޚާބުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅެވެފައެވެ.
ލަންކާގެ ޤާނޫގައި ވާގޮތުން ރައީސަކު އިސްތިއުފާ ދެއްވުމުން ދައުުރުގެ ބާކީބައި ފުރުއްވާނީ ގާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިޚާބުވާ ބޭފުޅެކެވެ. އެ ޕްރޮސެސް ފެށުމުގެ ގޮތުން ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާއެއް މާދަމާއަށް ވަނީ ތާވަލުކޮށްފައެވެ.