ޚަބަރު

އަމާން އައްސޭރިއަކަށް ދެވޭނީ ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރާ މަސައްކަތުން: ރައީސް ޞާލިޙް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮންމެ ޤައުމަކަށްވެސް އަމާންކަމުގެ އައްސޭރިއަށް ދެވޭނީ، ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރާ މަސައްކަތުން ކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ، ޞިނާޢަތަށް 50 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން އިންތިޒާމްކޮށްގެން ބޭއްވި ފަތުރުވެރިކަމުގެ ރަންޔޫބީލް އެވޯޑު ޙަފްލާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ads by STELCO

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ދިވެހިރާއްޖެ މިއަދު ދަމަހައްޓަމުން އަންނަ މަޤާމުގައި މިއޮތީ، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކުރެއްވި ބޭފުޅުންގެ ވަރުގަދަ ޢަޒުމާއި ކުރެއްވި ބުރަ މަސައްކަތުން ކަމަށެވެ. އަދި އަމާޒެއް އޮވެ، ހުރަސްތައް ގިރާކުރައްވަމުން، އެބޭފުޅުން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީއާ، މިއަދު މި އިންޑަސްޓްރީގައި ތިއްބެވި ބޭފުޅުން ކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތުގެ ސަބަބުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފަތުރުވެރިކަމުގެ ޞިނާޢަތުގެ ކުރިއެރުމަށް ކުރާ މަސައްކަތުގައި، ބައިވެރިވެ ސަރުކާރުން ކުރިއަށް ދާނީ މިޞިނާޢަތުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަޑު އަހައިގެން ކަމުގައެވެ.

ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް ކުރިމަތިވި ގޮންޖެހުންތަކާއި އެކު ސަރުކާރުން އެޅި ފިޔަވަޅުތަކުގެ މައްޗަށް އަލި އަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޯވިޑް-19ގެ ޚަބަރު ލިބުމާއި އެކު އެންމެ ފުރަތަމަ އެމަނިކުފާނު ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި މަޓީގެ ބޭފުޅުން ހިމެނޭނެ ކަމަށެވެ.

މިމޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ވިދާޅުވީ، ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ނިންމި ނިންމުމަކީ ވަރަށް ދަތި އުނދަގޫ ނިންމުމެއް ކަމަށެވެ. އަދި އޭގެ ފަހުން ޖުލައި މަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވައިލި އިރު އެކަމާއި ވެސް ދެކޮޅު ވިސްނުމުގެ ބައެއް ބޭފުޅުން ތިއްބެވި ކަމަށާއި އެހެންނަމަވެސް އެދަނޑިވަޅުގައި ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވައިލުމަށް ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާވިދާޅުވިއެވެ. އަދި މިއަދު ރާއްޖޭގެ އިޤުތިޞާދު އިޢާދަވަމުން މިތިބި ހިސާބަށް އާދެވިފައި މިތިބީ އެނިންމުމުގެ ސަބަބުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފަތުރުވެރިކަން ސިންދަފާތުކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި އެކަމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެނެވެމުންދާކަމުގައި ވިދާޅުވިއެވެ. އަދި ޓޫރިޒަމް އިންޑަސްޓްރީގެ ކަންކަން ފަސޭހަކޮށްދިނުމަށްޓަކައި ސަރުކާރުގެ ފަރާތުން ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވަމުން ގެންދަވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފަތުރުވެރކަމުގެ ޞިނާޢަތު ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ، ފަތުރުވެރިކަމުގެ ޞިނާޢަތް ތަރައްޤީވަމުންދާ ހަލުވި ދުވެއްޔާ އަޅައި ބަލާއިރު، މިހާރު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ކެޕޭސިޓީ އިތުރު ކުރުންކަމަށް ވާތީ އެކަމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާކަމަށެވެ. މިގޮތުން މިހާރު ހަދަމުންދާ ޓަރމިނަލުގެ ޚިދުމަތް ދޭން ފެށުމުން، އަހަރަކު 7.2 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވި، އަދި އަތޮޅުތަކުގައި ތަރައްޤީކުރާ އިތުރު އެއާޕޯޓްތަކުގެ ސަބަބުންވެސް، ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެ ކަމުގައި ވިދާޅުވިއެވެ.

މިހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަތުރުވެރިކަމުގެ ޞިނާޢަތުގެ ބާނީންނަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވި ކުރީގެ ރައީސުންނަށް މަޓީގެ ފަރާތުން ދޭ އެވޯޑު ހަވާލުކޮށްދެއްވާފައެވެ.

އަދި މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތް އުފައްދަވައި އަދި އެ ޞިނާޢަތު ކުރިއަރުވައި ހިންގެވުމުގައި މިހާރުވެސް ދެމިތިއްބެވި ބޭފުޅުންނަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ފަތުރުވެރިކަމުގެ ޞިނާޢަތަށް 50 އަހަރު ފުރުމާއި ގުޅުވައިގެން މަޓީން އިންތިޒާމްކޮށްގެން ބޭއްވި ފަތުރުވެރިކަމުގެ ރަންޔޫބީލް އެވޯޑް ހަފްލާ ބާއްވާފައި ވަނީ، ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވުނު ޓޫރިސްޓް ރިޒޯޓު ކުރުނބާ މޯލްޑިވްސްގައެވެ.

Ads by Allied Insurance
  1. ސަންފަ

    ޢަމާން އައްސޭރިއަކަށް ދެވޭނީ އަދުލް އިންސާފު ގާއިމްކޮށް ﷲ ނަހީކުރެއްވި ކަންތައް ކުރުން ހުއްޓުވައި އެފަދަ ކަންތައް ކުރާ މީހުނަށް އަދަބު ދެވިގެން
    ޢެއްޖިންސުން ކައިވެނި ކުރުމާ ލިވާޠު ޖުރުމާ ރާބުއިމާ ޒިނޭ ކުރުން ހުއްދަ ކޮށްގެން ދެވޭނީ އަލިފާނުގެ އައްސޭރި އަކަށް ކަން ހަނދާނުގަ ބަހައްޓާތި. މިއަދު އިންޑިއާ ރުހޭހާ ކަމެއް ކުރެވިދާނެ

  2. ސުބްހާން

    ޢަމާން އައްސޭރިއަކައް ދެވޭނީ މާތް ﷲ ނަހީ ކުރައްވާފައި އެންމެހާ ކަންތައް ތަކުން ދުރުވެގެން. ތިމާގެ މައްޗައް ކުރަން އަންގަވާ ފައިވާ އެންމެހާ ކަންކަން ކޮއްގެން. އަމާން އައްސޭރި އަކައް ދެވޭނީ އިސްލާމު ދީނުގެ ޝަރީއާ ހަމަހމަ ކަމާއި އެކު މަނިކުފާނު ގެ ބެލުމުގެ ދަށުގައި ވާ އެންމެންގެ މައްޗައް ތަންފީޒް ކުރެވިގެން.. އަމާން އައްސޭރިއަކަށް ދެވޭނީ ޖުވާކުޅުން ހުއްޓުވިގެން، ރިބާ ކެއުން ހުއްޓުވިގެން، ރައްޔިތުން މާލިޔާ އިން މަނިކުފާނައި މަނިކުފާނު ގެ ބައިވެރިން ގެ ގޮތުގައި ތިބި މީހުން ތިޔަކުރާ ވައްކަން ކުރުން ހުއްޓާލެއްވިގެން… މަނިކުފާނު ސަލާމަތުގެ އައްސޭރި އަކައްދެވޭނީ ރައްޔިތުން ގެ ހައްގުތައް އަދާކުރެވިގެން. މަނިކުފާނައް ވެރިކަން ދެއްވިފަރާތުން މަނިކުފާނު ގެ އަތުން ވެރިކަމުގެ ބާރުތައް ގެންދަވާނީވެސް، މަނިކުފާނު ﷲ ދަރުބާރުގައި މަނިކުފާނު އެންމެހާ ރައްޔިތުންގެ ކަންކަމުގައި ޖަވާބު ދާރީވާންޖެހޭނެ. މަނިކުފާނު ލިވާތު ކުރި މީހުނާ ޒިނޭ ކުރިމިހުނަށް ، އެމީހުނަކީ މަނިކުފާނުގެ ބައިވެރިން ކަމުގައި ވާތީ މިއަދު ހުކުމް ތަންފީޒް ނުކޮއް ދޫކޮއްލިނަމަވެސް ، މަނިކުފާނު އހުރިހާ ކަމެއްގެ ޒިންމާ އުފުލަން ޖެހޭނެ .. ސަލާމަތުގެ އައްސޭރި ބޭނުންނަމަ ކީރިތި ޤުރުއާން އާއި ކީރިތި ރަސޫލާ ގެ ސުންނަތުގައި އަންގަވާފަ ވާ ގޮތައް އަމަލު ކުރައްވާ ސަލާމަތު ގެ އައްސޭރި އަށް މަނިކުފާނާ ރައްޔިތުން ގޮވައިގެން ދަތުެު ކުރެވޭނީ އޭރުން