ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މަގާމުން އިސްތިއުފާ ދެއްވައިފި

ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު ޒުބައިރު މުޙައްމަދު ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ބުނީ ސިވިލް ކޯޓުގެ ގާޒީ ޒުބައިރު ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާދެއްވީ މި މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.
ފަނޑިޔާރުންގެ ޤާނޫނުގައިވާ ގޮތުން ފަނޑިޔާރުކަމުގެ މަޤާމުން އިސްތިޢުފާ ދިނުމާ ގުޅިގެން ޖުލައި 17 ވަނަ ދުވަހުން ފެށިގެން ޒުބައިރު ފަނޑިޔާރުކަމުގެ މަގާމުން ވަކިވީއެވެ.
ޒުބައިރަކީ 14 އަހަރަށް ވުރެ ދިގު މުއްދަތަކަށް ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
މެޖިސްޓްރޭޓެއްގެ ހައިސިއްޔަތުން ފ.ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓުގައި ޒުބައިރު ވަނީ މަސައްކަތް ކުރައްވާފައެވެ.
އަދި ދާއިރާ އިސް މެޖިސްޓްރޭޓްގެ ހައިސިއްޔަތުން ހދ. އަދި ދ. ޖުޑީޝަލް ދާއިރާގައި އަދި ކްރިމިނަލް ކޯޓުގައާއި ޑްރަގް ކޯޓުގައި ވެސް ޒުބައިރު ވަނީ މަސައްކަތް ކުރައްވާފައެވެ.