ތަފާތު ކުރުމެއްނެތި ހަމަހަމަކަމާއެކު ދައުލަތުން ޤާނޫނު ހިންގަންޖެހޭ: ޑރ.ޝަހީމް

ތަފާތު ކުރުމެއްނެތި ހަމަހަމަކަމާއެކު ދައުލަތުން ޤާނޫނު ހިންގަންޖެހޭކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމް މިއަދު ކުރެެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އިޖުތިމާޢީ ފޭރާމާއި ސިލްމާއި ސަލާމަތު ރައްކާތެެރިކޮށް ދެމެހެއްޓުމަށްޓަކައި ރާއްޖޭގައި އިސްލާމީ ޝަރީޢަތުގެ މަބްދައުތައް މަތިވެރިކުރަންޖެހޭ ކަމަށެވެ. އަދި އިސްލާމީ ސަގާފަތާއި ޢަޤީދާ ކުރިއަރުވައި, އިޖުތިމާޢީ ޢަދާލަތު ޤާއިމުކުރަންޖެހޭކަން ވެސް ޓުވީޓުގައި ފާހަގަކުރައްވައިފައިވެއެވެ.
އަދި އެކަންކަން ކުރުމަށްޓަކައި ތަފާތު ކުރުމެއްނެތި ހަމަހަމަކަމާއެކު ދައުލަތުން ޤާނޫނު ހިންގަންޖެހޭކަމަށް ވެސް ވިދާޅުވިއެވެ.
ޑރ.ޝަހީމް މިހެން ވިދާޅުވިއިރު ރާއްޖޭގައި އެއް ޖިންސުން ގުޅުން ހިންގި މައްސަލަތަކެއް ފެންމަތިވެ, އެކަން ކުރި މީހުންނަށް ފިޔަވަޅު ނާޅާތީ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުންގެތެރޭގައި ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ޢަބްދުއްސައްތާރު ވެސް ހިމެނެއެވެ. ނަމަވެސް ސިޔާސީ ނުފޫޒާހުރެ އޭނާއަށް ފިޔަވަޅު ނާޅަނީކަމަށް ގިނަ ބަޔަކު ބުނެއެވެ.