ތެލުގެ ސަބްސިޑީ ދޭ އުސޫލަށް ބަދަލު ގެންނާނަން: ރައީސް
ތެލުގެ ސަބްސިޑީ ދޭ އުސޫލަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވައި ދެއްވި ހިތޯބުގައެވެ.
ރައީސް ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އޭގެ ނޭދެވޭ އަސަރު އިންތިހާއަށް ކުރި ކަމަށެވެ. އެހެންނަމަވެސް ކޮވިޑާ ދެކޮޅަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން މި އަހަރު ނިމޭއިރު 2019 ވަނަ އަހަރު އިގްތިސޯދު ހުރި މިންވަރަށް ދާނެ ކަމަށެވެ.
"ރަޝިއާ-ޔޫކްރޭން ހަނގުރާމައާ ގުޅިގެން މުޅި ދުނިޔޭގެ އިގުތިސޯދަށް ދަނީ ލޮޅުން އަރަމުން, މިހަނގުރާމައިގެ ސަބަބުން ހުރިހާ ގައުމަކަށް އޮތް ގޮންޖެހުންތަށް އަޅުގަނޑުމެންނާވެސް ކުރިމަތިވެއްޖެ, ކޯވިޑްގެ ގެއްލުމުން އަރައިގަތުމަށް އެޅުނު ފިޔަވަޅުތަކުގެ ހެޔޮ އަސަރާ މި ހަނގުރާމައިގެ ނޭދެވޭ އަސަރުގެ ދެބައްރާޅު ބައްދަލުވިތާ މަސްތަކެއް ފާއިތުވެއްޖެ," ރައީސް ވިދާޅުވިއެވެ.
ތެލުގެ އަގަށް އައިސްފައިވާ ބަދަލުގެ މައްޗަށް އަލި އަޅުވާލައި ރައީސް ވިދާޅުވީ ދުނިޔޭގެ ތެލުގެ އަގު އުފުލުނު އަގާ ގާތަށް ވެސް ރާއްޖޭގައި ތެލުގެ އަގު އުފުލިފައި ނުވާ ކަމަށެވެ. އަދި އޭގެ މައިގަނޑު ސަބަބަކީ އެ ކަމުގެ ބުރަ ސަރުކާރުން އުފުލަމުން އަންނާތީ ކަމަށް ވިދާޅުވިއެވެ.
ޖޫންމަހުގެ ނިޔަލަށް ޖުމްލަ 910.3 މިލިއަން ރުފިޔާ، ތެލުގެ ސަބްސިޑީއަށް އެކަނި ހަރަދުވެފައިވެވާ ކަމަށާއި ލަފާ ކުރެވޭ ގޮތުން މިހާލަތުގައި ތެލުގެ ސަބްސިޑީއަށް 1.95 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތެލުގެ ސަބްސިޑީ ދެނީ މައިގަނޑު ދެ ކަމަކަށް ކަމަށާއި އެއީ ރައްޔިތުން ބޭނުންކުރާ ހަކަތަ ނުވަތަ ކަރަންޓްގެ އަގު ބޮޑުވިޔަނުދީ ހިފެހެއްޓުމަށާއި މަސްވެރިންނަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމަށް ކަމަށެވެ.
މީގެ ތެރެއިން ރައްޔިތުންނަށް ސަބްސިޑީ ދެމުން އައި ގޮތަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.