ހަމްބަންޓޯޓާއަށް ޗައިނާގެ އުޅަނދެއް އަންނާތީ އިންޑިއާއިން ކަންބޮޑުވެއްޖެ
ޗައިނާގެ ޚަރަދުގައި ހަދާފައިވާ ލަންކާގެ ބަނދަރަކަށް ޗައިނާގެ އުޅަނދެއް ޒިޔާރަތް ކުރަން ރާވާފައިވާ ކަމުގެ ޚަބަރު ލިބިފައިވާ ކަމަށް އިންޑިއާއިން ބުނެފިއެވެ.
ރެފިނިޓިވް އައިކޮންގެ ޝިޕިން ޑޭޓާއިން ދައްކާ ގޮތުގައި ޗައިނާގެ ރިސާޗް އެންޑް ސާވޭ އުޅަނދު ޔުއާން ވަންގް 5 ދަތުރުކުރަމުން ދަނީ ދެކުނު ލަންކާގެ ބަނދަރަށް ކަމަށްވާ ހަމްބަންޓޯޓާއަށެވެ. އެ އުޅަނދު އޮގަސްޓް 11 ގައި އަންނާނެ ކަމަށް ބެލެވެއެވެ.
"އިންޑިއާގެ ސަލާމަތާއި އިގްތިސާދީ މަސްލަހަތަށް އަސަރުކުރާ ކޮންމެ ކަމެއް ސަރުކާރުން ފަރުވާތެރިކަމާއެކު މޮނިޓަރކޮށް، އެކަންކަން ރައްކާތެރި ކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަން،" އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އަރިންދަމް ބަގްޗީ ހަފްތާއަކު އެއްފަހަރު ބޭއްވާ މީޑިއާ ބްރީފިންގައި ވިދާޅުވިއެވެ.
އިންޑިއާއިން އަޅަނީ ކޮން ފިޔަވަޅުތަކެއް ކަމެއް އަދި އެ މެސެޖް މުހާތަބުކޮށްފައި ވަނީ ކޮންބަޔަކަށް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ލަންކާގެ އިޤްތިޞާދީ ހާލަތު ދަށްވި ވަގުތު އިންޑިއާ ވަނީ އެ ޤައުމަށް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
މިކަމާ ގުޅޭގޮތުން ޗައިނާގެ ޚާރިޖީ ވުޒާރާއިން ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ. އަދި ލަންކާގެ އޮފިޝަލުންގެ ބަހެއް ވަގުތުން ލިބޭ ގޮތެއް ވެފައި ނުވާ ކަމަށް ރޮއިޓާސް އިން ރިޕޯޓް ކުރެއެވެ.
ނަން ނުޖެހުމަށް އެދި ލަންކާ ސަރުކާރުގެ އޮފިޝަލަކު ރޮއިޓާސްއަށް ވިދާޅުވީ ކޮލަމްބޯގައި ތިއްބެވި އިންޑިއާގެ ޑިޕްލޮމެޓުން ހޯމަ ދުވަހު ލަންކާގެ ފޮރިން މިނިސްޓްރީއަށް އަނގަބަހުން މިކަމާ ދެކޮޅު ހަދާފައިވާ ކަމަށެވެ.
ލަންކާގެ ކޮންސަލްޓިން ކުންފުންޏެއް ކަމަށްވާ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް ސްރީލަންކާގެ ވެބްސައިޓުގައި ބުނެފައި ވަނީ ޔުއާން ވަންގް 5 ހަމްބަންޓޯޓާގައި ހަފްތާއެއްހާ ދުވަހު ލަންކާގައި މަޑު ކުރާނެއެވެ..
"އޮގަސްޓް އަދި ސެޕްޓެމްބަރު މަހުގެ، އިންޑިއާ ކަނޑުގެ ހުޅަނގު އުތުރު ސަރަހައްދުގައި ސްޕޭސް ޓްރެކިން އާއި ސެޓެލައިޓް ކޮންޓްރޯލް އަދި ރިސާޗް ޓްރެކިން ކުރިއަށް ގެންދާނެ،" މަސްދަރަކާ ނުލައި އެ ކުންފުނީގެ ވެބްސައިޓްގައި ވެއެވެ.
ލަންކާގެ ދެކުނުގެ މައި ބަނދަރުގައި ހިންގާ ވިޔަފާރީގެ ހަރަކާތްތައް 99 އަހަރަށް ޗައިނާގެ ކުންފުންޏަކާ 2017 ވަނަ އަހަރު ރަސްމީކޮށް ހަވާލުކުރީ، އެގައުމުގެ ދަރަނި އަދާކުރުމަށް ދަތިތަކެއް ކުރިމަތިވުމުންނެވެ. އެ ބަނދަރަކީ އޭޝިއާ އިން ޔޫރަޕަށް ދަތުރުކުރާ މައި މަގުގައި އޮންނަ ޕޯޓެކެވެ.
އެމެރިކާއާއި އިންޑިއާގެ އޮފިޝަލުން ވަނީ 1.5 ބިލިއަން ޑޮލަރުގެ ބަނދަރު ޗައިނާގެ އަސްކަރީ މަރުކަޒަކަށް ވެދާނެތީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކަލޭނެންގެ ސިފައިން އެހެން ގައުމުތަކުގައި ބައިތިއްބާތީ އެގައުމުތަކުގެ ރައްޔިތުންގެ ކަންބޮޑުވުން އޮންނާނެ މިންވަރު އިޙްސާސް ނުވޭތަ؟